އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާ ބޯޓުތައް ދުއްވުމުގެ ތަމްރީން ހެދި ދިވެހި ސިފައިންނަށް އެ އުޅަނދުތައް ދުއްވަން ފުރުސަތު ނުދޭ ސަބަބު ހާމަ ނުކުރަން އެދި ޑިފެންސް މިނިސްޓްރީން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ކޮށްފިއެވެ.

ރާއްޖޭގައި ދުއްވާ ޑޯނިއާ އޮޕަރޭޓް ކޮށް ދުއްވަމުން އައީ އިންޑިއާ ސިފައިން ކަމަށް ވީ އިރު، އަދި ވެސް އެކަމަށް ތަމްރީން ކުރި ދިވެހި ސިފައިން އެ މަތިންދާ ބޯޓު ދުއްވަން ނުދޭ ސަބަބު އޮޅުން ފިލުވުމަށް 'މީހާރު' ނޫހުން ޑިފެންސް މިނިސްޓްރީގައި އެދުމުން އެ މައުލޫމާތު ހިއްސާކުރުމަށް ވަނީ ދެކޮޅު ހަދާފައެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 29 ވަނަ މާއްދާއާ ހަވާލާދީ އެ މައުލޫމާތު ހާމަނުކުރަން ޑިފެންސް މިނިސްޓްރީން ނިންމާފައި ވާއިރު، އެ މާއްދާގައި ބުނާ ގޮތުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތު ސިއްރު ކުރުމުގެ ފުރުސަތު އޮތް ނަމަވެސް އެ މައުލޫމާތު ހާމަކޮށްގެން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ހިމެނިގެން ނުވާ ނަމަ އެ މާއްދާ ނުހިނގާނެ ކަމަށް ގާނޫނުގައި ބުނެފައި ވެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމަށް އެ ނޫހުން ކުރި މަސައްކަތުގައި މިހާތަނަށް ވަނީ 4 އަޑުއެހުމެއް ބާއްވާފައެވެ. އެއަށް ފަހު މިދިޔަ މަހުގެ 9 ވަނަ ދުވަހު އިންފޮމޭޝަން ކޮމިޝަން އިން ވަނީ އެ މައުލޫމާތު ފަސް ދުވަސް ތެރޭގައި ހާމަކުރަން ޑިފެންސް މިނިސްޓްރީ އަށް އަންގާފައެވެ. އެއާއެކު ޑިފެންސް މިނިސްޓްރީން މިދިޔަ އަންގާރ ދުވަހު ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ރާއްޖޭގައި ދުއްވާ ޑޯނިއާ މަތިންދާ ބޯޓު ދުއްވަން ތަމްރީން ކުރުމަށް ދިވެހި ދެ ސިފައިން ތަމްރީންކޮށްފައި ވަނީ 2021 ވަނަ އަހަރުގައެވެ. އެއީ ސިފައިންގެ ފަސްޓް ލެފްޓިނެންޓް އިބްރާހިމް ޝަރީފާއި ލެފްޓިނެންޓް އަހުމަދު އަލީ އެވެ. އޭގެ އިތުރުން ފަސް ޕައިލެޓެއް އަސްކަރީ އުޅަނދުތައް ދުއްވަން ތަމްރީނުކޮށް ހަތަރު ޕައިލެޓަކު ޑޯނިއާ ކޮންވާޝަން ކޯސް ފުރިހަމަކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ކުރިން ބުނެފައި ވެއެވެ.

މި ތަމްރީންތައް ދިވެހި ސިފައިން ފުރިހަމަ ކުރި ނަމަވެސް ދިވެހި ސިފައިން އެ ބޯޓުތައް އޮޕަރޭޓް ނުކުރާ ކަން ވަނީ ފާހަގަވެފައެވެ. މީގެ ކުރިން ވެސް މި ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، ނޮވެމްބަރު 9. 2021 ގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މިއީ އަސްކަރީ ޑޯނިއާ އެއާކްރާފްޓްގައި ފުރަތަމަ ފަހަރަށް އެމްއެންޑީއެފްގެ ޕައިލެޓުން އުޑުމައްޗަށް އެރި ތާރީހީ ވަގުތުކޮޅެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފަހުން ޕައިލެޓް ތަމްރީން ހެދި ދިވެހި ސިފައިން އޮޕަރޭޓް ނުކޮށް އޮތުމުން އެކަމަށް އެމްއެންޑީއެފުން ވަނީ ޖަވާބު ދިނުމަށް އިންކާރުކޮށްފައެވެ.

ރާއްޖެއަށް އިންޑިއާއިން ދީފައިވާ ޑޯނިއާ-288 މަރުކާގެ މަތިންދާބޯޓަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް މޮނިޓާ ކުރުމަށާއި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސް އާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރި އާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، ކަނޑުމަތީގައި ހާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުން ކުރާ ބޯޓު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ރާއްޖޭގައި ދުއްވާ ޑޯނިއާ ފްލައިޓް އޮޕަރޭޓް ކުރަނީ އިންޑިއާއިންނެވެ. އިންޑިއާއިން މި ފްލައިޓްތައް އޮޕަރޭޓް ކުރާ ގޮތަށް އޮތީ ރާއްޖޭގެ އެމްއެންޑީއެފް ޕައިލަޓެއް ތަމްރީނު ވަންދެންނެވެ.