3 އަހަރުގެ ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓު ހިނގާފައި ވާކަމުގެ ރިޕޯޓު މިއަދު މެންދުރު 15:40 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އެގޮތުން ފުލުހުން ބުނީ މަޖީދީ މަގު ވިލާ މާޓު ކައިރި ކަފިހިހުރަހުން މަގު ހުރަސް ކުރަން އުޅުނު 3 އަހަރުގެ އަންހެން ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓު ވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާގައި އެ ކުއްޖާ ވެއްޓި، ކުއްޖާގެ ނިއްކުރިއަށް ގެއްލުންވެފައިވާ ކަމަށާއި އިތުރު ފަރުވާއަށް ކުއްޖާ އައިޖީއެމްއެޗަށް ގެންދެވުނު ކަމަށެވެ.

މީގެއިތުރުން ފުލުހުން ބުނީ ސައިކަލު ދުއްވަން އިނީ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާގެ އަތުގައި ލައިސެންސް ވެސް އޮތް ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.

މާލޭގައި ހިނގާ އެކްސިޑެންޓުތައް ދުވަހެއް ދުވަހަކަށް އިތުރުވެފައި ވާއިރު، މި މައްސަލަ އަށް ހައްލެއް ގެނައުމަށްޓަކައި ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއްވެސް ފަށާފައެވެ. އެގޮތުން ކޮންމެ މީހަކުވެސް މަގު މަތީގައި ދުއްވާތާ 5 މިނަޓު ވާއިރު ފުލުހަކު ފެންނާނެ ހެން ވަނީ އުސޫލެއް އެކުލަވާލާފައެވެ. ނަމަވެސް މި އެކްސިޑެންޓް ހިނގި އިރު އެ ފުލުހުން ތިބި ކަމެއް ނުވަތަ ތިބި ހިސާބެއް އަދި ސާފެއް ނުވެއެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވުމާއެކު އެކިއެކި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. އެގޮތުން މަގުތަކުގެ ފޯރިމަރަން ފުލުހުން ހަރަކާތްތެރިވުމުންދާ މިންވަރު އިތުރުކުރުމުގެ އިތުރުން ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.