ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރާނީ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން ދިރިއުޅޭ ގޭބިސީތަކާއި 3 ދަރިންނަށް ވުރެ ގިނަ ދަރިން ތިބޭ ގޭބިސީތަކަށް ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ވޯލްޑް ބޭންކުން ނެރުނު "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް: ސީކިން ސްޓެބިލިޓީ އިން ޓާބިއުލެންޓް ޓާމްސް" ގައިވާ ގޮތުން ދައުލަތުގެ ހަރަދުތައް ބޮޑުވެ، ބޭރުގެ ދަރަނި އަދާކުރަން ކުރަންޖެހޭ ހަރަދު ވަނީ ވަރަށް ބޮޑުވެފައި ކަމަށެވެ. ނަމަވެސް ސަރުކާރުން ހަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުން ގޭބިސީތަކަށް އަސަރު ކުރާނެ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.
އެ ބޭންކުން ބުނީ، ރާއްޖޭގެ އިގްތިސޯދަކީ ބައިނަލްއަގްވާމީ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއް ކަމަށާއި ލިބޭ އާމްދަނީން ސިއްހީ ހިދުމަތާއި ތައުލީމަށް ވަރަށް ބޮޑަށް ސަބްސިޑައިޒްކޮށް، ޕަބްލިކް ސެކްޓާގެ ވަޒީފާ އާއި، އަގު ކޮންޓްރޯލް ކުރުމާއި، ސަބްސިޑީ ދިނުމާއި، އިންކަމް ސަޕޯޓް ޕްރޮގްރާމްތައް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. ސިއްހީ ހިދުމަތުގެ ނިޒާމަށް ގެންނަން ރާވާފައިވާ އިސްލާހުތަކާއި ސަބްސިޑީގެ އިސްލާހުތަކަށް ބަލާ އިރު، މި ހަރުކަށި ފިޔަވަޅުތަކާއި، އޭގެ ފަހުން އަންނާނެ އަގުތަކުން ގޭބިސީތަކަށް ވެލްފެއާގެ ބޮޑެތި ގެއްލުންތައް ކުރިމަތިވެދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާ ކުރެއެވެ.
ސަރުކާރުން ދޭ ސަބްސިޑީ ނައްތާލުމުން ފަގީރުކަން 2.5 ޕަސެންޓުން 4.6 ޕަސެންޓަށް އަރާނެ ކަމަށް އެ ބޭންކުން ލަފާ ކުރެއެވެ. އަދި ފަގީރުކަން އަރާ މިންވަރަށް ބަލާއިރު އަތޮޅު ތެރޭގައި މިއަދަދު 4.8 ޕަސެންޓާއި 8.3 ޕަސެންޓާ ދެމެދުގެ އަދަދަކަށް އިތުރުވާނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފައެވެ. ތިން ދަރިންނަށް ވުރެ ގިނަ ދަރިން ތިބޭ ގެތަކާއި އެކަނިވެރިމައިންނާއި ބަފައިންގެ ދިރިއުޅުމަށް ބަލާނަމަ އެ ގޭބިސީތަކުގެ ފަގީރުކަމުގެ ނިސްބަތް ގާތްގަނޑަކަށް ދެގުނަ އަށް އިތުރުވެދާނެ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.
އެގޮތުން ފަގީރު ގޭބިސީތަކަށް އަމާޒުކޮށްގެން އެހީތެރިކަން ފޯރުކޮށް ދިނުމަކީ މި އިސްލާހުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ވޯލްޑް ބޭންކުން ފާހަގަ ކުރެއެވެ.
ހަރަދު ކުޑަކުރުމަށް ކަނޑައަޅާ ކަންކަމުގެ ތެރެއިން މިހާރު ހުރިހާ ގޭބިސީއަކަށް ދެމުން އަންނަ ސަބްސިޑީ އުވާލުމުން، ފަގީރުންނަށް އެހީތެރިކަން ފޯރުކޮށް ދެވޭނެ ފަދަ ވަސީލަތްތަކަށް ހަރަދު ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް އެ ބޭންކުން ބުނެއެވެ. އަދި ބޮޑު އާމްދަނީއެއް ލިބޭ ގޭބިސީތަކަށް ވުރެ ފަގީރު އަދި ނިކަމެތި ގޭބިސީތަކަށް ސަބްސިޑީއެއް ދިނުމަކީ ކުރެވިދާނެ ކަމެއް ކަމަށް އެ ބޭންކުން ފާހަގަ ކުރެއެވެ.