ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެ ކަމަށް ފޭސްބުކްގައި އިންޒާރުދިން މީހާ ރޭ ރާއްޖެ އައިތަނާހެން ހައްޔަރުކޮށްފިއެވެ.
މިދިޔަ މަހުގެ 25 ދުވަހުގެރޭ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި ރައީސް ދެއްވަމުން ގެންދެވި ތަގްރީރު ލައިވްކުރަމުން ދަނިކޮށް، 'އަބްލޯ މައިދު ޔޫސެފް'ގެ ނަމުގައި މީހަކު ވަނީ ފޭސްބުކްގައި ރައީސް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދީފައެވެ.
އެއާއެކު ހަމަ އެ ރޭ އެކްސްގައި ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝިފާން ވަނީ، ރައީސަށް އިންޒާރު ދިން މައްސަލަ ފުލުހުން ތަހްގީގުކުރަމުންދާ ކަން ހާމަކުރައްވައިފައެވެ.
އެ މައްސަލަ ބަލަމުންދާކަން ފުލުހުން ހާމަކުރި ފަހުން އޭނާގެ ފޭސްބުކް އެކައުންޓުގައި ވަނީ އެހެން ޕޯސްޓުތަކެއް ވެސް ކޮށްފައެވެ. މަލާމާތު ރާގަށް ކުރި އެ ޕޯސްޓުގައި އޭނާ ހައްޔަރު ކުރުމަށް ފުލުހުންގެ ކިބައިން އެދިފައި ވެއެވެ. އެއާއެކު އޭނާ މީގެ ކުރިން ފޭސްބުކްގައި އެފަދައިން ކޮށްފައި ހުރި ކޮމެންޓުތަކެއްވެސް ވަނީ ދައުރުވާން ފަށާފައެވެ.
މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އަބްދުﷲ މިޔާދު / ގ. ސަންސަންގެއާގެ (40އ) ކަމަށެވެ. އޭނާ ހައްޔަރުކުރީ ފުލުހުން ބުނިގޮތުގައި:
- ރައީސަށާއި ދައުލަތުގެ ފެންވަރުގެ ބޭފުޅުން އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދިނުމުން
- އެހެން މީހުންނަށް މަރުގެ އިންޒާރުދީ ގެއްލުން ދޭނެ ކަމުގެ އިންޒާރު ދިނުމުން
- އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ގޮތަށް ޕޯސްޓުކުރަމުން ދިއުމުން
އޭނާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ރާއްޖެ އައުމުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުން ދާ ކަމަށެވެ.