ރައްްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކޮށްގެން ޕާޓީތަކަށް ލިބޭ ވޯޓުގެ ނިސްބަތަށް ބަލައިގެން ސިޔާސީ ޕާޓީތަކަށް ފައިސާ ދޭނެ އުސޫލެއް ޑްރާފްޓްކޮށްފައިވާ ކަަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ، ސިޔާސީ ފާޓީތަކަށް ދައުލަތުން ފައިސާ ދޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހެޅުމުގެ މަސައްކަތް ފަށާފައި ވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. އަދި މި ކަމާ ގުޅިގެން ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް ފަހު ޑްރާފްޓެއް ތައްޔާރުކޮށް ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ.
އެގޮތުން މި ހުށަހަޅާ އިސްލާހުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގެ އުސޫލުތަކެއް ހިމަނާފައިވާ ކަން ފުއާދު ފާހަގަ ކުރެއްވިއެވެ. އެއީ 3،000 މެންބަރުން ހަމަވާ ޕާޓީތަކަށް ކަނޑައަޅާ ޖުމްލަ ބަޖެޓުގެ 25 ޕަސެންޓް ދިނުމާއި، 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ކަނޑައަޅާ ޖުމްލަ ބަޖެޓުގެ 25 ޕަސެންޓް ދިނުމުގެ ިއިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީތަކަށް ލިބޭ ވޯޓުގެ ނިސްބަތަށް ބަލައިގެން ބަޖެޓުގެ 30 ޕަސެންޓް ދިނުމާއި ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީތަަކަށް ލިބޭ ވޯޓުގެ ނިސްބަތަށް ބަލައިގެން ބަޖެޓުން 20 ޕަސެންޓް ދިނުމެވެ.
އިންތިހާބުތަކުން ލިބޭ ވޯޓުން ފައިސާ ދޭން ނިންމާފައިވާ އިރު، ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓަށް ބަލައިގެން ބަޖެޓުގެ 30 ޕަސެންޓުން ފައިސާ ދޭނެ ގޮތުގެ މިސާލެއް ފުއާދު ވަނީ ހިއްސާކުރައްވާފައެވެ. ފުއާދު ވިދާޅުވީ، އިންތިހާބުގައި އެއްލައްކަ މީހުން ވޯޓު ލާފައިވާ އިރު، އޭގެ ތެރެއިން ޕާޓީއަކުން ކުރިމަތިލި ހުރިހާ ކެންޑޭޓުންނަށް ލިބުނު ޖުމް ވޯޓަށް ބަލާއިރު 10،000 ވޯޓު (10 ބައިކޮޅު އެއްބައި) ލިބިފައިވާ ނަމަ އެފަރާތަކަށް ދޭނީ ބަޖެޓުގެ 30 ޕަސެންޓުގެ ފައިސާގެ 10 ބައިކޮޅު އެއްބައި ކަމަށެވެ.
އަދި މި ފައިސާ އަކީ ގޮނޑިއެއް ކާމިޔަބު ނުވިޔަސް ލިބޭނެ ފައިސާ ކަަމަށް ފުއާދު ވިދާޅުވިއެވެ. ހަމައެއާއެކު ލޯކަލް ކައުންސިލް އިންތިހާބަށް ވެސް ބަޖެޓުގެ 20 ޕަސެންޓް ޕާޓީތަކަށް ދިނުމަށް އުސޫލު ކަނޑައަޅާފައި ވަނީ އެ އިންތިހާބުގައި ސިޔާސީ ޕާޓީއަކަށް ލިބޭ ވޯޓަށް ބަލައިގެން ކަމަށް ފުއާދު ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބުގައި ގިނަ ގޮނޑިތަކެއް ސިޔާސީ ޕާޓީއަކުން ކާމިޔާބު ކުރާ އިރު، އެ ގޮނޑިތައް ލިބުނު ދާއިރާތަކަކީ އާބާދީގެ ގޮތުން މަދު ބަޔަކު އުޅޭ ސަރަހައްދަކަށް ވެދާނެ ކަމަށާއި އެހެންކަމުން ލިބޭ ވޯޓަށް ބަލާއިރު ބޮޑު އާބާދީއެއް އޮތް ސަރަހައްދަކުން އެހެން ޕާޓީއަކަށް ވޯޓު ލިބި މަދު ގޮނޑިތަކެއް ލިބުނު ކަމުގައި ވިޔަސް ގިނައިން އެ ޕާޓީއަކަށް ފައިސާ ލިބިދާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
މި އުސޫލުތައް ތައްޔާރުކޮށްފައި ވަނީ ސިޔާސީ ޕާޓީތަކާ ވެސް މަޝްވަރާ ކުރުމަށް ފަހުގައި ކަމަށާއި އަދި މިއީ އެޓާނީ ޖެނެރަލް އޮފީހަށް ހުށަހަޅަން ތައްޔާރުކޮށްފައިވާ ޑްރާފްޓެއް ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ. އަދި މި އިސްލާހު މަޖިލީހަށް ހުށަހެޅުމުން ފާސްވުމާއި ނުވުން ވެސް އެއީ އޮތް ކަމެއް ކަމަށާއި މިހާރު ޑްރާފްޓް ކޮށްފައިވާ އުސޫލަށް ބަދަލު އައުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ފުއާދު ފާހަގަ ކުރެއްވިއެވެ.
ޕާޓީތަކަށް ދައުލަތުން ފައިސާ ދޭ އިރު ބަލަން ބޭނުން ވަނީ ސިޔާސީ ޕާޓީއަކަށް ރައްޔިތުން ތާއީދު އޮތް މިންވަރެއް ކަމަށާއި، ތާއީދު އޮތް ނިސްބަތަކަށް ބަލާފައި ފައިސާ ދިނުން ކަމަށް ފުއާދު ވިދާޅުވިއެވެ. ޕާޓީތަކާއެކު ބޭއްވި މަޝްވަރާގައި ހުށަހެޅި ބައެއް ކަންބޮޑުވުންތަކުގެ ތެރޭގައި މިހާރު މި ފައިސާ ދޭ ގޮތުން ކުދިކުދި ޕާޓީތަކަށް އެއްވެސް އެއްޗެއް ނުލިބޭތީ އިދާރީ ކަންކަމަށް ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުރި ކަމަށް ފުއާދު ވިދާޅުވިއެވެ. އެހެންކަމުން މި ނިންމުން ނިންމީ އިންތިހާބުގައި ވާދަކޮށްގެން ގޮނޑިއެއް ނުލިބުނަސް ބައިވަރު ވޯޓު ލިބޭ ކަމަށްވަންޏާ އެ ކަން ފާހަގަ ކުރުމުގެ ގޮތުން ކަމަށް ފުއާދު ވިދާޅުވިއެވެ.