ދިވެހިރާއްޖޭގެ ތާރީހާއި ރާއްޖެއާ ގުޅޭ މައުލޫމާތު ރައްކާކުރުމަށް ގާއިމްކުރާ ޑިޖިޓަލް އާކައިވް ޕްރޮޖެކްޓްގެ ޕްރޮޓޯޓައިޕް އިފްތިތާހު ކޮށްފިއެވެ.

"ޑިޖިޓަލް އާކައިވް ޕްރޮޖެކްޓްގެ ޕްރޮޓޯޓައިޕް" އިފްތިތާހު ކޮށްދެއްވީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު އާއި ދަ ނެޝަނަލް އާކައިވްސް އޮފް މޯލްޑިވްސްގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު އާމިރެވެ.

މި ޑިޖިޓަލައިޒް ނިޒާމަކީ ދިވެހިރާއްޖޭގެ ތާރީހާއި ސަގާފަތް އަދި ރާއްޖޭގައި ހިންގަމުންދާ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު އިންޓަނެޓްގައި ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފަށާފައިވާ މަސައްކަތެކެވެ.

އޯއޭއައިއެސް ކްލައުޑް އަދި ޖިއާރެޓާ އެސޯސިއޭޓްސް އާއި ދިވެހިރާއްޖޭގެ ގައުމީ އަރުޝީފްގެ މި ޕާޓްނަޝިޕްގެ ސަބަބުން ނެޝަނަލް އާކައިވްގެ ޑިޖިޓަލް ރެކޯޑްތައް ރައްކާތެރިކުރުމުގެ ގާބިލްކަން އިތުރުވެގެން ދާނެ ކަމަށް ޔޫތު މިނިސްޓްރީއިން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫތު މިނިސްޓަރު ވިދާޅުވީ، މި ނިޒާމުގެ ސަބަބުން މައުލޫމާތު ރައްކާކުރާ ގޮތްތަކަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އާންނާނެ ކަމަށެވެ. އަދި މި ނިޒާމަކީ ހަމައެކަނި ރާއްޖޭގެ ތާރީހު ބުނެދޭނެ ވެބްސައިޓެއް ނޫންކަމަށާއި، މިއީ ދުނިޔެއަށް ދިވެހިރާއްޖެ ބުނެދޭނެ ވެބްސައިޓަކަށް ވެސް ވެގެންދާނެ ކަމަށެވެ.

މިއީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ވެސް މުހިންމު މަސައްކަތެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.