"މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު" އަށް ގެނައި ބަދަލުގައި ބޭންކްތަކަށް ބޭރު ފައިސާ މާރުކުރަން ޖެހޭ ގޮތާމެދު އާންމުންގެ ހިޔާލު ހޯދުމަށް 'ދަ ޕްރެސް' އިން ހުޅުވާލި ޕޮލްގައި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގިނަ ބަޔަކު ބުނެފިއެވެ.
މިމަހުގެ 2 ވަނަ ދުވަހު ހުޅުވާލި ޕޮލްގެ ނަތީޖާ އަށް ބަލާ އިރު، ވޯޓުގައި ބައިވެރި މީހުންގެ ތެރެއިން 77.9 ޕަސެންޓް މީހުން ބުނީ، އުސޫލަށް ގެނައި އެ ބަދަލަކީ ރަނގަޅު ބަދަލެއް ކަމަށެވެ. އަދި އެ ބަދަލަކީ ރަނގަޅު ބަދަލެއް ނޫން ކަމަށް ބުނެ ވޯޓު ދީފައި ވަނީ 22.1 ޕަސެންޓް މީހުންނެވެ.
މި ޕޮލްގައި ޖުމްލަ 2321 މީހުން ބައިވެރިވެފައިވާ އިރު، މި ބަދަލަކީ ގެންނަ ޖެހޭ ބަދަލެއް ކަމުގައި އެތައް ސިޔާސީ ބަޔަކު ވެސް ވަނީ ބުނެފައެވެ.
ބޭރު ފައިސާގެ ބާޒާރުގައި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި، އަދި އެ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށް "މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު" އަށް އިސްލާހު ގެނެސް ތަސްދީގު ކޮށް މި މަހުގެ 1 ވަނަ ދުވަހު އެ ގާނޫނަށް ވަނީ އަމަލު ކުރަން ފަށާފައެވެ. މި ގަވައިދަށް އަމަލުކުރަން ފެށުމާއެކު "މަނީ ޗޭންޖާ ކަމުގެ ލައިސަންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައް ކުރަންވީ ގަވާއިދު (1987)" ވަނީ އުވިފައި ކަމަށެވެ
ބޭރު ފައިސާއާ ބެހޭ ގަވައިދާ ގެނައި އިސްލާހުގެ ތެރޭގައި ހިމެނެނީ ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފެސިލިޓީތަކަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކުތައް މެދުވެރިކޮށް މާރުކުރަން ޖެހޭ ގޮތަށެވެ. މި ގަވައިދުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގައި ހިފެހެއްޓުން ހަރުދަނާކޮށް ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކުރުމުގެ ގޮތުން ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
އެގޮތުން ކެޓަގަރީ އޭ ގެ ގޮތުގައި ހިމެނޭ ރިސޯޓުތަކާއި، އިންޓަގްރޭޓަޑް ރިސޯޓުތަކާއި، ރިސޯޓު ހޮޓާތަކާއި، ހޮޓާތަކާއި، ފަތުރުވެރިކަމުގެ އުޅަނދުފަހަރާއި އެނޫންވެސް އެފަދަ ތަންތަނުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހެއެވެ.
ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ފަތުރުވެރިންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހެއެވެ.