ނޭޝަނަލް އާޓިފިޝަލް އިންޓެލިޖެންސް އެންޑް ސައިބާ ސެކިއުރިޓީ އެވެއާނަސް ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.

ނެޝަނަލް ސެންތާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން މި ހަރަކާތް ބާއްވާ މިއީ ތިން ވަނަ އަހަރެވެ. މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް، ދެ ހަފްތާއަށް ބާއްވާ މި ހަރަކާތުގައި އެކި ދާއިރާތަކުގެ ސައިބާ ސެކިއުރިޓީއާ ގުޅޭ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތް ފެއްޓުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު ވިދާޅުވީ، ގައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ޓެކްނޮލޮޖީގެ ދައުރަކީ މުހިންމު ދައުރެއް ކަމަށާއި ހަރަކާތަކީ އަލަށް އުފައްދާފައިވާ ނެޝަނަލް ސައިބާ ސެކިއުރިޓީ އޭޖެންސީ (އެންސީއެސްއޭ) އަށް ތައާރަފުވުމުގެ ފުރުސަތެއް ކަމަށެވެ.

ގައުމެއްގެ ހައިސިއްޔަތުން، އަޅުގަނޑުމެންނަށް އާދެވިފައި މިތިބީ ކްރިޓިކަލް ނިންމުންތައް ނިންމައި، މުހިންމު ކަންކަމަށް އަޒުމް ކަނޑައެޅުމަށް ކަަމށް ކިނާނަތު ވިދާޅުވިއެވެ. އާޓިފިޝަލް އިންޓެލިޖެންސް އެންޑް ސައިބާ ސެކިއުރިޓީގައި މި ކަންކަން ކުރުމުން ރަނގަޅު މުސްތަގްބަލެއް ހޯދައި ދެވޭނެ ކަމަށާއި އާންމު ދިރިއުޅުން ބަރޯސާވެފައި މިތިބީ ޓެކްނޮލޮޖީއަށް ކަމަށާވާއިރު، ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ޓެކްނޮލޮޖީގެ ބޭނުން ހިފަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ އިންޓަނެޓްގެ ހިދުމަތާ ނުލައި ދިރިއުޅެމުންދާ މީހުން ކަމަށާއި އެކަމުގެ ސަބަބުން ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތަރައްގީ އާއި އަދުލުއިންސާފަށް ހުރަސް އެޅޭ ކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެކަމަށް އަލިއަޅުއްވާ ލައްވަމުން ކިނާނަތު ވިދާޅުވީ، އިގްތިސޯދު ސިންދަފާތު ކުރުމަށްޓަކައި ބޭނުންވާ ޑިޖިޓަލް ހުނަރު އާލާކޮށް ތާޒާކުރުމުގެ ދާއިރާ އިތުރަށް ފުޅާކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މި އަހަރުގެ ސިމްޕޯޒިއަމް އަމާޒުކޮށްފައި ވަނީ ސަރުކާރުގެ އިސް ފަރާތްތަކާއި، ކުންފުނިތަކުގެ ވެރިންނާއި، އައިޓީ ޕްރޮފެޝަނަލުންނާއި، ތައުލީމީ ދާއިރާގެ ފަރާތްތަކާއި، އަދި އާންމު ރައްޔިތުންނަށެވެ.