މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގައި ބޭނުން ކުރާ ޑޮޕްލާ ވެދާ ރާޑަރަށް ދިމާވި ޓެކްނިކަލް މައްސަަލައެއް ހައްލު ނުކުރެވި ގިނަ ދުވަސްތަކަކަށްފަހު މަރާމާތު ކުރުމަށްފަހު މިއަދު ބޭނުން ކުރަން ފަށައިފިއެވެ.

މެޓް އޮފީހުން ބުނީ، މި ރާޑަރަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މޫސުން ބެލުމަށް ބޭނުންކުރާ ފަދަ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކުރާ ރާޑަރެއް ކަމަށެވެ. އެ ރާޑަރު ބޭނުން ކޮށްގެން ހުޅުލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްއެއްގެ ތެރޭގައި ހިންގާ މޫސުމާ ބެހޭ މައުލޫމާތު ވަގުތުން ދެނެގަނެވޭނެ ކަމަށް އެ އޮފީހުން ބުނެއެވެ.

އެ ރާޑަރަކުގެ އެހީގައި ވާރޭ ވެހެމުންދާ ސަރަހއްދާއި، ވާރޭ ވެހެމުންދާ ބޯމިން، ވާރޭ ވެހޭ ވިލާގަނޑު ދަތުރުކުރަމުންދާ މިސްރާބާއި ބާރުމިން ފަދަ މައުލޫމާތުތައް ބަލާލެވޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ހަަމައެއާއެކު އެ ވިލާގަނޑު ވަކި ހިސާބަކަށް ދަތުރުކުރާނެ ކަމަށް އަންދާޒާ ކުރެވޭ ވަގުތު ވެސް އެ ރާޑަރުން ދެނެގަނެވޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި އެކި ފަށަލަތަކުގައި ޖެހޭ ވައިގެ މައުލޫމާތު ވެސް ދެނެގަނެވޭނެއެވެ.

މިއީ މޫސުން ކުރިއަށް ލަފާކުރުމުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ފޮރުކޮށް ދެވޭ ވަރަށް މުހިއްމު މައުލޫމާތުތަކަކށް ވެގެންދާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

މި ރާޑަރު މިހާރު މަރާމާތުކޮށްފައި ވަނީ ގިނަ ދުވަސްތަކަކށް ބޭނުން ކުރެވޭނެ ގޮތަށް ކަމަށާއި އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް ރާޑަރު ބެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެއެވެ.