އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް 3-2 އިން ބަލިކޮށް ބްރައިޓަން ތާވަލުގެ 6 ވަނައަށް އަރައިފިއެވެ.
ބްރައިޓަންގެ ދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓޮޓެންހަމްއިންނެވެ. ވޭތުވެދިޔަ މެޗުތަކުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ޓޮޓެންހެމްގެ ފުރަތަމަ ލަނޑު އެޓީމަށް ޖަހާ ދިނީ ބްރެންޑަން ޖޯންސަންއެވެ. އޭނގެ ފަހުން 10 މިނެޓް ނުވެ ޓޮޓެންހެމްގެ ޖޭމްސް މެޑިސަން ވަނީ ލަނޑެއް ޖަހާ ނަތީޖާ ފުޅާކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުނީ ޓޮޓެންހަމްކުރީގައި އޮވެގެން ނަމަވެސް ދެވަނަ ހާފް ފެށި ތަނާހެން ބްރައިޓަންއިން ލަނޑެއް ޖަހާ ނަތިޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމެއް ޖަހާ ދިނީ ޔަކޫބް މިންޓޭއެވެ.
އޭނގެ 10 މިނެޓް ފަހުން ބްރައިޓަންގެ ރުޓާ ޖަހާ ދިން ލަނޑާއެކު އެޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ބްރައިޓަންގެ 'ކަމްބެކް' ފުރިހަމަކޮށް ދިނީ ތަޖުރިބާކާރު ފޯވަޑް ޑެނީ ވެލްބެކްއެވެ.
ޔުނައިޓެޑްއަށް އަނެއްކާވެސް ނަތީޖާއެއް ނުނެރެވުނު
މިރޭ ލީގުގައި ކުޅުނު އަނެއް ދެ މެޗަށް ބަލާ އިރު މެންޗެސްޓާ ޔުނައިޓެޑް މިވަނީ އަނެއްކާވެސް އެއްވަރުވެފައެވެ. އެސްޓަން ވިލާއާ ކުޅެ 0-0 އިން މެޗު އެއްވަރުވި އިރު ލީގުގައި ޔުނައިޓެޑްއިން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.
މިއަދުގެ ނަތީޖާއާއެކު ޔުނައިޓެޑް މިވަނީ ތާވަލުގެ 16 ވަނައަށް ވެއްޓިފައެވެ.
މިރޭ ޗެލްސީ ވެސް ވީ އެއްވަރެވެ. ޗެލްސީގެ ދަނޑުގައި ނޮޓިންގްހަމް ފޯރަސްޓާ ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ.
މި ހަފްތާ ބަންދުގެ މެޗުތަކަށް ފަހު ސީޒަންގެ ދެވަނަ އިންޓަނޭޝަނަލް ބްރޭކަށް މެޗުތައް މެދު ކަނޑާލާނެއެވެ. ދެން ލީގު މެޗުތައް ފަށާނީ މިމަހުގެ 19 ވަނަ ދުވަހެއެވެ.