ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ އަމިން އެވެނިއުއިން، އެފްއޭއެމްގެ ލާރިއަށް ގަތް ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރުން ދިން މުއްދަތު އިތުރު ކޮށްދީފިއެވެ.

ބައްސާމްގެ ދެ އެޕާޓްމަންޓް، މި މަހުގެ 06 ވަނަ ދުވަހު (މިއަދު) ގެ ނިޔަލަށް ފުލުހުންނާ ހަވާލުކުރަން ކޯޓުން އަމުރުކުރީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. އެއާއެކު ފުލުހުން ވަނީ ބައްސާމްގެ ދެ އެޕާޓްމަންޓް، އެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ފަށައިފައެވެ. އެހެންނަމަވެސް މިއަދު ފުލުހުން ބުނީ އެޕާޓްމަންޓްތައް ހަވާލުކުރުމަށް މި މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދިނުމަށް އެދި ބައްސާމްގެ ވަކީލުގެ ފަރާތުން ސިޓީއެއް ލިބިފައިވާކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ ހާލަތަށް ރިއާޔަތްކޮށް ބައްސާމް ފޮނުވި ސިޓީގައި އެދިފައިވާ މުއްދަތައް ފުރުސަތު ދީފައިވާކަން ލިޔުމުން އޭނާއަށް މިހާރު އަންގާފައިވާ ކަމަށެވެ.

އަމިން އެވެނިއު އިން ދެ ފްލެޓް ގަތުމަށް ބައްސާމް އެފްއޭއެމްގެ ފަައިސާއިން 3.08 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާކަމަށް ފުލުހުން ބުނެފައިވާއިރު 2021 ވަނަ އަހަރުގެ އޭޕްރީލް 14 ގައި ބައްސާމް އަމިން އެވެނިއުއަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަމަށާއި، އެ އަދަދަށް ވާ ވަރަށް އެފްއޭއެމްގެ އެކައުންޓަށް ރުފިޔާ ޖަމާކުރި ކަމަށް ދައްކަން ލިޔެކިޔުންތަކެއް ތައްޔާރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.