މާލޭގައި ސްޓެލްކޯ އިން ގާއިމްކުރާ އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިގެން ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ ވިދާޅުވީ، އެ ކުންފުނިން މާލޭގައި ގާއިމްކުރާ އިލެކްޓްރިކް ވެހިކަލް (އީވީ) ކާރު ޗާޖިން ސްޓޭޝަންގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުތަކުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ދަތުރުފަތުރު ކުރި އެރުވުމާއި ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށް ވެވަޑައިގެން ވައުދުފުޅުގެ ތެރެއިން ކުރާ މަސައްކަތެއް ކަމަށެވެ.

އީވީ ބޭނުން ކުރާ ފަރާތްތަކަށް ސާފު ހަކަތަ ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީ، ތިމާވެއްޓާ ރައްޓެހި ހައްލުތަކަށް ގައުމު ބަދަލުވުމުގައި މި ޗާޖިން ސްޓޭޝަން މުހިންމު ދައުރެއް އަދާކުރާނެ ވެސް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއުގެ މަސައްކަތް ތާވަލަށް ނިންމުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، މި މަޝްރޫއަކީ ފެހި އަދި ދެމެހެއްޓެނިވި މުސްތަގްބަލަކަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރަށް އެއްބާރުލުން ދިނުމަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަަމށް ފަހުމީ ވިދާޅުވިއެވެ.

މި މަޝްރޫއާ ގުޅިގެން މީގެ ކުރިން ފަހުމީ ވިދާޅުވެފައި ވަނީ، އަމާޒަކީ ކޮންމެ ތިން ކާރަކަށް އެއް ޗާޖިން ސްޓޭޝަން އިންސްޓޯލްކޮށްގެން ކޮރެއާގައި އޮތްފަދަ މޮޑެލްއަކަށް ރާއްޖެ ގެންދިއުން ކަމަށެވެ.

މި އީވީ ސްޓޭޝަންގެ ގާއިމްކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުންނަ ސްޓެލްކޯގެ މައި އިންޖީނު ގެ ހުންނަ ކޮށީގައި އެވެ.