އިންގްލިޝް ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނަ މަގާމު ޖެހިޖެހިގެން ދެވަނަ ހަފްތާގައި ލިވަޕޫލުން ދިފާއުކޮށްފިއެވެ.

ލިވަޕޫލް އެއްވަނަ ޖާގަ ހިފަހައްޓާފައިވަނީ މިއަދު ހަވީރު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެގެންނެވެ. ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މިމެޗު ލިވަޕޫލުން ކާމިޔާބުކުރީ 1-0 އިންނެވެ. މިމެޗުގެ ހަމައެކަނި ލަނޑު ޖެހީ ލިވަޕޫލްގެ ފޯވަޑް ޑިއޭގޯ ޖޮޓާއެވެ.

މިއީ ޖޮޓާ މި ސީޒަންގެ ލީގުގައި ލިވަޕޫލަށް ޖަހާދިން ދެވަނަ ލަނޑު/ފޮޓޯ: އެކްސް

މެޗުގެ ފުރަތަމަ ހާފްގައި ލިވަޕޫލަށް އިތުރު ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރު ވެގެން ދިޔަ އިރު ދެވަނަ ހާފްގައި ކްރިސްޓަލް ޕެލަސްއިން ކުޅުން ވަރުގަދަ ކުރިއެވެ. ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާގެ ފަރާތުން ހުޝިޔާރު ސޭވްތަކެއް ފެނިގެން ދިޔަ އިރު މެޗު ނިމެންދަނިކޮށް އޭނާއަށް ލިބުނު އަނިޔާއެއްގެ ސަބަބުން ލިވަޕޫލަށް އެޓީމުގެ ތިން ވަނަ ޗޮއިސް ކީޕަރު އަރުވަން މަޖްބޫރުވިއެވެ.

މިމެޗުން މޮޅުވެގެން ލިވަޕޫލްގެ ޕޮއިންޓް ފަރަގު 4 އަކަށް އިތުރުވި ނަމަވެސް ދެވަނަ އާ ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަދި އާސަނަލް ވެސް ވަނީ މިރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށްފައެވެ. މިދެ ޓީމުން ވެސް މެޗުތައް ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައެވެ.

މިމެޗުގައި ކޮވަޗިޗް ދެލަނޑު ޖެހި/ފޮޓޯ: އެކްސް

މިގޮތުން، ސިޓީގެ ދަނޑުގައި އެޓީމުން ފުލްހަމް 3-2 އިން ބަލިކުރި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ފުލްހަމުންނެވެ. މޮޅު ކުޅުމަކަށް ފަހު ފުލްހަމްގެ ޕެރޭޒް ޖަހާ ދިން ލަނޑަށް ފަހު ދެން ވެސް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ފުލްހަމްއަށް ލިބުނެވެ. އެހެން ނަމަވެސް އެފުރުސަތު ގެއްލިގެން ދިޔަތާ މާ ގިނަ އިރު ތަކެއް ނުވެ ސިޓީން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ މަތާއޯ ކޮވަޗިޗްއެވެ.

ދެޓީމު އެއްވަރުވެގެން އޮވެ ފުރަތަމަ ހާފް ނިމުނު އިރު ސިޓީން ވަނީ ދެވަނަ ހާފް ފެށި ތަނާ ހެން ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މިލަނޑު ވެސް ޖަހާ ދިނީ ކޮވެޗިޗްއެވެ. އަދި މެޗުގެ 82 ވަނަ މިނެޓްގައި ސިޓީގެ ޖެރަމީ ޑޮކޫ ލަނޑެއް ޖަހާ ނަތީޖާ 3-1 އަކަށް ހެދިއެވެ. އެހެން ނަމަވެސް މެޗުގެ 88 ވަނަ މިނެޓްގައި ފުލްހަމްއިން އިތުރު ލަނޑެއް ޖެހި އިރު ސިޓީން މިމެޗުން މޮޅުވީ ހަމަ ކިރިއާއެވެ.

އާސަނަލް ވެސް ފަހަތުން އަރާ ސައުތްހެމްޓަން ބަލިކުރި ނަމަވެސް މެޗު ނިމުނީ 3-1 ގެ ސްކޯއަކުންނެވެ. މިމެޗުގައި ސައުތްހެމްޓަންއިން ލަނޑު ޖެހީ މެޗުގެ 55 ވަނަ މިނެޓްގައި އާޗާއެވެ. އެހެން ނަމަވެސް އޭނގެ ތިން މިނެޓް ފަހުން އާސަނަލްގެ ކައި ހަވޭޓްޒް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. އަދި އޭނގެ 10 މިނެޓް ފަހު ގެބްރިއަލް މާޓިނެލީ އާސަނަލްއަށް ލީޑު ނަގާ ދިނެވެ. މެޗުގެ ނަތީޖާ ކަށަވަރުކޮށް ދިނީ 88 ވަނަ މިނެޓްގައި ބުކާޔޯ ސާކާއެވެ.

ސަކާ ވަނީ ގޯލެއް ޖަހާ އެސިސްޓެއް ހަދާފައި/ފޮޓޯ: އެކްސް

މިއަދުގެ ނަތީޖާތަކާއެކު 18 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ލިވަޕޫލެވެ. ސިޓީއާ އާސަނަލް ވެސް 17 ޕޮއިންޓްގައި އޮތް އިރު ޖެހި ގޯލުގެ ތަފާތުން ތަވާލުގެ ދެވަނައިގައި އޮތީ ސިޓީއެވެ.

މި ހަފްތާ ބަންދުގެ މެޗުތަކަށް ފަހު ސީޒަންގެ ދެވަނަ އިންޓަނޭޝަނަލް ބްރޭކަށް މެޗުތައް މެދު ކަނޑާލާނެއެވެ. ދެން ލީގު މެޗުތައް ފަށާނީ މިމަހުގެ 19 ވަނަ ދުވަހެއެވެ.