އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގޭ މަކަރާއި ހީލަތުގެ އަމަލުތައް އިތުރުވަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ އުމުރުން ދުވަސްވީ މީހަކާ ދިމާވުމުން ދަންނަ މީހެއްގެ ގޮތުގައި ތައާރަފުވެ، ދުވަސްވީ މީހުންގެ އިތުބާރު ހޯދުމަށްފަހު އެކި ތަންތަނަށް ގެންގޮސް ދުވަސްވީ މީހުންގެ އަތުން ފޭރުމުގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭ މިންވަރު އިތުރުވެފައިވާކަމަށެވެ.

ފުލުހުން ވަނީ މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާ މެދު ސަމާލުވުމަށް ދުވަސްވީ މީހުންނާއި އެ މީހުންގެ އާއިލާތަކަށް އިލްތިމާސްކޮށްފައެވެ.

ފުލުހުން ބުނީ މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ނުވަތަ އެ ފަދަ ކަމަކަށް ތުހުމަތު ކުރެވިއްޖެ ނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅާ ލަސްނުކޮށް ރިޕޯޓްކުރުމަށެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމާއި ވައްކަން އަދި ފޭރުން ފަދަ ކުށްތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ފޭރުމުގެ 363 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ތަފާސް ހިސާބުތަކުން ދައްކައެވެ.