ނުރައްކާތެރިކޮށް ލޯންޗު ދުއްވާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީސްމީޑިއާގައި އާންމުކުރުމުން، ފުލުހުންގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

މީސްމީޑިއާގައި އާންމުންގެ މީހަކު ހިއްސާކުރި ވީޑިއޯއެއްގައި ފެންނަނީ އއ. އަތޮލަށް ދަތުރުކުރި ބާރު ސްޕީޑުގެ ދެ ލޯންޗެއް ވާދައަށް ދުއްވާފައި ގޮސް ރަށެއްގެ ފަޅުތެރެއަށް ވަންނަ މަންޒަރެވެ.

މި ވީޑިއޯގެ ދަށުން ހިޔާލު ފާޅުކުރި ބައެއް މީހުން ވަނީ ނުރައްކާތެރިކޮށް ލޯންޗު ދުއްވާ ފަރާތްތަކުގެ ކަނޑު އުޅަނދުފަހަރުގެ ލައިސެންސް ހިފެހެއްޓުމަށާއި، އެ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ. މި ވީޑިއޯއިން ފެންނަ އެއް ލޯންޗު ސަލާމަތީ މިންގަނޑުތަކަށް ނުފެތޭ ކަމަށާއި، އަންހެނުންނާއި ކުޑަކުދިން ގޮވައިގެން ދަތުރުކުރާއިރު އެ ލޯންޗުން ސަލާމަތީ ކަންކަމަށް ސަމާލުކަން ނުދޭ ކަމަށް ވެސް އެކަކު ބުނެފައިވެއެވެ.

"މީގައި ނުރައްކާ އޮތީ މި ލޯންޗުފަހަރުގައި ޓިކެޓުނަގައިގެން ދަތުރު ކުރާ ފަރާތްތަކަށް އަދި ދަތުރުފަތުރަށް ކަނޑު ބޭނުންކުރާ ހުރިހާ ފަރާތަކަށް، މުޑި އަރައިގެން ފުރާނަތަކެއް ގެއްލުމުގެ ކުރިން މިކަން ހުއްޓުވާ މި ދުއްވާ ބައެއްގެ ލައިސަންސް ހިފަހައްޓަން އުޅޭ،" 'އެކްސް'ގައި ވީޑިއޯ އާންމުކޮށް 'ޕޮއްތު'ގެ ނަމުގައި ކުރި ޕޯސްޓުގައިވެއެވެ.

މި މައްސަލައިގައި މީޑިއާތަކަށް ކުރި މެސެޖެއްގައި ފުލުހުން ބުނީ، ނުރައްކާތެރިކޮށް ލޯންޗު ދުއްވި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މި މައްސަލަ ތަހްގީގުކުރަމުން ދާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރުނުކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވާ އެ ވީޑިއޯއިން ފެންނަނީ މިދިޔަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު އއ. އަތޮޅަށް ދަތުރުކުރި ލޯންޗުތަކެއް ކަމަށެވެ.