ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާންވާނީ ރާއްޖޭގެ ހައްގުގައި ވަކާލާތު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން ރައީސް ޑރ. މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބްރޯޑްކާސްޓްކުރުމަކީ އަމާނާތެއްކަމަށެވެ. އަދި އެއީ ވަރަށް ބޮޑު މަސްއޫލިއްޔަތެއްކަން ފާހަގަ ކުރައްވާ ރައީސް އިތުރަށް ވިދާޅުވީ މި މަސައްކަތުގެ މައިގަނޑު އަމާޒަކަށްވާންޖެހޭނީ ދިވެހިރާއްޖެ އާއި ދިވެހި ގައުމުގެ ހައްގުގައި ވަކާލާތު ކުރުމަށް ކަމަށެވެ.

ރާއްޖޭގެ ބްރޯޑްކާސްޓް ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު 4 ވަނަ ދުވަހެވެ. މިއީ މި ދުވަސް ފާހަގަކުރާތާ 62 އަހަރު ފުރޭ އަހަރު ކަމަށްވާއިރު މި ދުވަހާ ދިމާކޮށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދަނީ މުހިންމު ހަރަކާތްތަކެއް ހިންގުމަށް ތައްޔާރުވަމުންނެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ދޭ "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2024" އަންނަ ޑިސެމްބަރުގައި ބޭއްވުމަށް އެ ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. މި އވޯޑަށް ޖުމްލަ 10 ޗެނަލަކުން 294 ހުށެހެޅުން ވަނީ ހުށަހަޅާފައެވެ.

ބްރޮޑްކާސްޓިން ދުވަސް ފާހަގަކުރަނީ ގައުމު ބިނާކުރުމާއި ޑިމޮކްރަސީ އާލާކޮށް، ރައްޔިތުންގެ މެދުގައި ތަފާތު ދާއިރާތަކުން މައުލޫމާތުގެ މުއްސަނދިކަން އިތުރުކުރުމަށް ބްރޯޑްކާސްޓަރުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރުމަށެވެ.