ރާއްޖޭގެ ޓޫރިޒަމް މިހާރަށް ވުރެ ފުޅާ ކުރެވޭނީ ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކޮށްގެން ކަމަށް ޓޫރިޒަމް އިންޑަސްޓްރީގެ މައި ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން، އަދި ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރެއްވި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެއެވެ.
ގައުމީ ޓޫރިޒަމް ދުވަސް ފާހަގަ ކުރަން ކުރުނބާ މޯލްޑިވްސްގައި ރިސޯޓް އޯނަރުންގެ ޖަމިއްޔާ، މަޓީން އިއްޔެ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އެމްޔޫ މަނިކު ވިދާޅުވީ، ޓޫރިޒަމް ދާއިރާ ފެށި އިރު ވެސް ކ. އަތޮޅުން އަރި އަތޮޅަށް ޓޫރިޒަމް ފުޅާކުރަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފަސޭހައިން އަވަހަށް ދަތުރު ނުކުރެވުން ކަމަށެވެ.
"ކަންތައް ހުރި ގޮތަކީ މިއީ. މިހެން ގޮސް ސީޕްލޭން އާއި ހެލިކޮޕްޓަރު ދުއްވަން ފެށީމަ މި [ޓޫރިޒަމް] ހިނގައިގަތީ، މިގޮތަށް މާލެއާ ދުރު އަތޮޅުތަކުގައި ހިނގައެއް ނުގަންނާނެ މިގޮތަކަށް. އަޅުގަނޑުމެން އެއާޕޯޓް ހެދިދާނެ. އެކަމަކު އެތަނަށް ޕްލޭންތަކެއް ނުދޭ. އެތަނަށް ފްރީކްއެންޓް ފްލައިން ހެދިގެން ނޫނީ އެތަނެއް ރިވައިވެއް ނުވާނެ،" އެމްޔޫ މަނިކު ވިދާޅުވިއެވެ.
މީގެ އިތުރުން ގއ. އަދި ގދ. އަތޮޅު ހިސާބުގައި ރިސޯޓުތައް ހިންގަނީ ވަރަށް ގިނަ ދަތިތަކާއެކު ކަން ފާހަގަ ކުރައްވާ އެމްޔޫ މަނިކު ވިދާޅުވީ އެ ހިސާބުތަކުގައި ރިސޯޓުތައް އިތުރު ކުރެވޭނީ، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކޮށްގެން ކަމަށެވެ.
އެ ޕެނަލްގައި އިންނެވި ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރު ހުސައިން އަފީފު ވެސް ވިދާޅުވީ، ހުސް އެކަނި އެއާޕޯޓެއް އެޅިއަސް މައްސަލައަށް ހައްލެއް ނުލިބޭ ކަމަށެވެ. އެއާޕޯޓު ފުރިހަމައަށް ހިންގޭނެ ގޮތްތަކެއް ވެސް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހަމަ އެހެންމެ ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ސްޕޯޓްސް ޓުއަރިޒަމަކީވެސް ކުރިއެރުވިދާނެ ދާއިރާއެއް ކަމަށް އަފީފް ވިދާޅުވިއެވެ.