ބިދޭސީން ގެއްލިގެން ހޯދުމަށް ހުށަހަޅާ ރިޕޯޓް އަނބުރާ ނަގާނަމަ 10،000 ރުފިޔާގެ ފީއެއް ހޯމް މިނިސްޓްރީއިން ނިންމައިފިއެވެ.

ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދުގެ ދަށުން ވަޒީފާ އަދާކުރާ ބިދޭސީ ފަރާތެއް ފިލައިގެން ނުވަތަ ގެއްލިއްޖެނަމަ އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން އަޅާނެ ފިޔަވަޅުތަކުން ހޯމް މިނިސްޓްރީއިން މިއަދު އާންމުކޮށްފައި ވާއިރު، އެ މިނިސްޓްރީއިން ބުނީ މި އަންނަ އާދީއްތަ ދުވަހުން ފެށިގެން މި ފިޔަވަޅުތައް އަޅަން ފަށާނެ ކަމަށެވެ.

އެގޮތުން މިސިން ރިޕޯޓް ކުރާ ކޮންމެ ރިކުއެސްޓްއަކަށް ވޯކް ޕާމިޓް މިސިން ރިކުއެސްޓް ސާވިސް ފީގެ ގޮތުގައި 1،000 ރުފިޔާ ނަގާނެ ކަމަށާއި ވަޒީފާ ދޭ ފަރާތުގެ އިހުމާލުން ބިދޭސީއަކު ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ، ވޯކް ޕާމިޓް ނެގްލިޖެންސް ފައިންގެ ގޮތުގައި 2،000 ރުފިޔާ ނަގަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ހޯމް މިނިސްޓްރީގެ ބަޔާނުގައިވާ ބުނެފައި ވަނީ މިސިން ރިޕޯޓު ރިކުއެސްޓެއް އަނބުރާ ގެންދިޔުމަށް ވަޒީފާ ދޭ ފަރާތުން ހުށަހަޅައިފި ނަމަ، މިސިން ރިކުއެސްޓު ވިތުޑްރޯވަލް ފީގެ ގޮތުގައި 10،000 ރުފިޔާގެ ސާވިސް ފީއެއް ނަގާނެ ކަމަށެވެ.

ހޯމް މިނިސްޓްރީއިން ބުނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތެއް ފިލައިގެން ނުވަތަ ގެއްލިގެން މިސިން ރިޕޯޓްކޮށްފައިވާ ރިކުއެސްޓް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އަނބުރާ ގެންދިއުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހު ހުޅުވާލާނެ ކަމަށެވެ.

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތެއް ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން، އެކްސްޕެޓް ސިސްޓަމުގައި މިސިން ރިޕޯޓުކޮށްފައިވާ ބިދޭސީއެއްގެ މިސިން ރިޕޯޓް އަނބުރާ ގެންދިއުމަށް ވަޒީފާދޭ ފަރާތުން ބޭނުންވާނަމަ، އަންނަ އާދީއްތަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މިސިން ރިކުއެސްޓް އަނބުރާ ގެންދިއުމަށް ހޯމް މިނިސްޓްރީއިން ވަނީ އަންގާފައެވެ

އެ މުއްދަތު ހަމަވުމަށްފަހު، މިސިން ރިކުއެސްޓެއް އަނބުރާ ގެންދިއުމަށް ވަޒީފާދޭ ފަރާތުން ހުށަހަޅައިފިނަމަ، މިސިން ރިކުއެސްޓް ވިތްޑްރޯވަލް ފީގެ ގޮތުގައި 10،000 ރުފިޔާގެ ސާވިސް ފީއެއް ނެގޭނެ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

ހޯމް މިނިސްޓްރީއިން ބުނީ އަންނަ އާދިއްތަ ދުވަހުގެ ފަހުން އެކްސްޕެޓް ސިސްޓަމުގައި މިސިން ރިޕޯޓުކޮށްފައިވާ ބިދޭސީއެއްގެ މިސިން ރިޕޯޓު އަނބުރާ ގެންދިއުމަށް ވަޒީފާދޭ ފަރާތުން ބޭނުންވާނަމަ، މިސިން ރިޕޯޓްކުރާ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެ މިސިން ރިކުއެސްޓް އަނބުރާ ގެންދަންވާނެ ކަމަށެވެ. އަދި މި މުއްދަތު ހަމަވުމަށްފަހު، މިސިން ރިޕޯޓު ރިކުއެސްޓެއް އަނބުރާ ގެންދިއުމަށް ހުށަހަޅައިފިނަމަ، މިސިން ރިކުއެސްޓް ވިތްރޯވަލް ފީގެ ގޮތުގައި 10،000 ރުފިޔާ ސާވިސް ފީއެއް ނެގޭނެ ކަމަށެވެ.