މި އަހަރުގެ ވިންޓާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެއާޕޯޓް އޮޕަރޭޝަންސް ޑިވިޝަންއިން މިއަދު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގެ މަގުސަދަކީ ކުރިއަށް އޮތް ފަތުރުވެރިކަމުގެ ސީޒަންގައި އެއާޕޯޓް އޮޕަރޭޝަންސްއަށް ދިމާވާ ގޮންޖެހުންތައް މަޝްވަރާކޮށް އެ ކަންކަން ހައްލުކުރަން މަސައްކަތްތައް އިންތިޒާމްކުރުން ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ވިންޓާ ރެޑިނަސް މީޓިންގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ކުންފުނިން ވިންޓާ ސީޒަނަށް ތައްޔާރުވަމުން ދާއިރު، އާ ބެގޭޖް ހޭންޑްލިން ސިސްޓަމެއް ވެސް ތައާރަފުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މި ސިސްޓަމުގެ ސަބަބުން އެއާޕޯޓުގެ މަސައްކަތްތައް މިހާރަށްވުރެ ހަލުވިކޮށް، ފަސިންޖަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

އެމްއޭސީއެލްގެ ލަނޑުދަނޑިތަކާއި އެއްގޮތްވާ ގޮތުގެ މަތިން މުވައްޒަފުންނާއި މެނޭޖްމަންޓް ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދާނެކަން ފާހަގަކޮށް، އިކުއިޕްމަންޓް އަޕްގްރޭޑްކުރުމާއި ހިދުމަތްތައް ރަނގަޅުކުރުމަށް އިސްކަންދޭނެ ކަމަށް ވެސް ސީއީއޯ ވަނީ ވިދާޅުވެފައެވެ.

އެމްއޭސީއެލްއިން އިތުރަށް ބުނީ ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު މަޝްވަރާތައް ކުންފުނީގެ ހިއްސާދާރުންނާއި އެކު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ބޭނުންކުރާ ޓާމިނަލް ސަރަހައްދު ތަނަވަސްކޮށް، ކާރުބާރޫބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.