ރައްޔިތަކު ބޭނުމެއްޖެހިގެން ފުލުހުން ކައިރިއަށް އައިސްފިނަމަ މާޔޫސްކޮށް ނުލެއްވުމަށް ފުލުހުންގެ ކިބައިން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެދިވަޑައިގެންފިއެވެ.
ޝުޖާއު މިފަދައިން ވިދާޅުވެފައިވަނީ ހއ. އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން އިއްޔެ ޝުޖާއު ވަނީ ދިއްދޫ، ކެލާ އަދި އުތީމަށް ޒިޔާރަތްކުރައްވާ އެރަށްރަށުގެ ކައުންސިލް މެމްބަރުންނާއި ވިމެން ޑިވެލޮޕްމަންޓް ކޮމިޓީ އަދި ފުލުހުންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރުމުގެ ތެރެއިން ޝުޖާއު ވިދާޅުވީ ރައްޔިތުން ބޭނުމެއްޖެހިގެން ފުލުހުން ކައިރިއަށް އައިސްފިނަމަ ރައްޔިތުން މާޔޫސްކޮށް ނުލެއްވުމަށާއި، ރައްޔިތުންނާ ބައްދަލުވެ އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް އެދިވަޑައިގެންފައެވެ.
މީގެއިތުރުން ޝުޖާއު ވަނީ ފުލުހުންނަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރަން ޖެހޭ ބައެއް ކަމަށާއި އެހެންކަމުން ފުލުހުންގެ އެ ޒިންމާ ރަނގަޅު ގޮތުގައި އަދާކުރެއްވުމަށް ފުލުހުންނަށް ނަސޭހަތްތެރިވެފައެވެ. އަދި ޝުޖާއު ވަނީ ރަށްރަށުގެ ތަރައްގީގެ މަސައްކަތްތަކުގައި ފުލުހުންގެ ދައުރު މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ.
ހއ. އަށް ކުރައްވަމުންގެންދަވާ މި ދަތުރުގެ ތެރެއިން ޝުޖާއު މިއަދު އެ އަތޮޅުގެ އެހެން ރަށްތަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތަކުގެ މައިގަނޑު މަގްސަދަކީ ރަށްރަށުގެ ކުށުގެ ހާލަތާއި ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.