ދިވެހި ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމަށް ދިވެހި ގޮތްތައް ހިފަހައްޓަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ގައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގަލަކީ މިތުރުވެރިކަން ކަމަށާއި، އެކުވެރިކަމާއި ހިތްހެޔޮކަމާއި އަމާންކަމާއި ރައްކާތެރިކަމަކީވެސް ރާއްޖޭގެ ފަތުވެރިކަމުގެ ބިންގާ ކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ ފަތުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމުގައި ދިވެހިންގެ ސުލްހަވެރި އަދި އޮމާން ދިވެހި ގޮތްތައް ހިފެހެއްޓަން ޖެހޭ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ގައުމީ ފަތުރުވެރިކަމުގެ ދުވަސް ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވަނީ 2021 ވަނަ އަހަރުއެވެ.

1972 ވަނަ އަހަރު ފެށުނު ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެ މިއަދު ރާއްޖޭގެ ފަތުރުވެރިކަން ވަނީ ދުނިޔޭގެ ފެންވަރުގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. އެގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ދުބާއީގައި މި އަހަރު ބޭއްވި އިންޑިއަން އޯޝަން ކެޓަގަރީގެ ވޯލްޑް ޓްރެވެލް އެވޯޑްސް އިން ދިވެހިރާއްޖެ ވަނީ 4 ޝަރަފުވެރި އެވޯޑެއް ހޯދާފައެވެ.

ރާއްޖެއިން ހޯދާފައިވާ އެވޯޑުތަކަކީ އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ގްރީން ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑެވެ.

1993 ވަނަ އަހަރު ތައާރަފް ކުރެވުނު ވޯލްޑް ޓްރެވެލް އެވޯޑްސްގައި އިންޑިއަން އޯޝަން ކެޓަގަރީ ހިމަނާފައިވަނީ 2003 ވަނަ އަހަރެވެ. މީގެ ކުރިން ދިވެހިރާއްޖެއިން ވަނީ 17 ފަހަރު ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު އަދި 6 ފަހަރު ލީޑިން ހަނީމޫން ޑެސްޓިނޭޝަންގެ އެވޯޑު ހޯދާފައެވެ. އަދި ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑުވެސް ވަނީ 9 ފަހަރެއްގެ މަތިން ހާސިލުކޮށްފައެވެ.