މާލޭގެ ހައިވޭގައި ދެ ސައިކަލެއް ޖެހި ރޭ ހިނގި އެކްސިޑެންޓްގައި ސައިކަލު ފަހަތުގައި އިން އަންހެނަކު ވިއްސައިގެން ގޮސް ވެއްޓި އަނިޔާ ވެ ފަރުވާ ދެމުންދާ ކަަމަށް ފުލުހުން ބުނެފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ، ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ހިމެނޭ ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑް ކައިރިންނެވެ.

ފުލުހުން ބުނީ، ރޭ ސިނަމާލެ ބްރިޖުން ފައިބައިގެން އައިސް ކޮއިމަލާ ހިނގުމަށް އެޅި ސައިކަލަކާއި، ބޮޑުތަކުރުފާނު މަގުން ބްރިޖާ ދިމާލަށް ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ރޭ 10:11 ހާއިރުއެވެ.

މި އެކްސިޑެންޓްގައި އެ ދެ ސައިކަލުގެ ތެރެއިން ސައިކަލެއްގެ ފަހަަތުގައި އިން އަންހެނަކު ވަނީ ބުރައިގެން ގޮސް ވެއްޓި ބޮލަށް އަނިޔާވެފައި ވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އަނިޔާވި މީހާ ވަނީ އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެންގޮސްފައި ކަމަށް މައުލޫމާތު ލިބެއެވެ. އެމީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސަބަބު އަދި ހާމައެއް ނުކުރެއެވެ.