މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކު އުފެއްދުމަށް ލައިސަންސް ދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފާސްކޮށްފިއެވެ.

އެމްއެމްއޭގެ ބޯޑުން ލައިސަންސް ދިނުމަށް ފާސްކޮށްފައިވާ ކަން ހާމަކުރައްވަމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ ޑިވެލޮޕްމެންޓް ބޭންކަށް ލައިސަންސް ދިނުމަށް ބޭނުންވާ ދިރާސީ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށާއި، ޑިވެލޮޕްމެންޓަށް ލައިސަންސް ދިނުމަށް އެމްއެމްއޭގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

މުނައްވަރު ވިދާޅުވީ ޑިވެލޮޕްމެންޓު ބޭންކަށް މި ހަފްތާގެ ތެރޭގައި ލައިސަންސް ދޫކުރާނެ ކަމަށާއި، މިއާއެކު މާލީ ނިޒާމު ކުރިއަރައިގެން ދާނެ ކަމަށެވެ.

ސަރުކާރުން މި މަސައްކަތް ލީޑް ކުރުމަށް އުފައްދާ ބޭންކެއްގެ ގޮތުގައި އަޅުގަނޑަށް ޑިވެލޮޕްމެންޓް ބޭންކް ފާހަގަވަނީ. އަޅުގަނޑު ދެކެނީ އެ ބޭންކުން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހެއޭ ޓުއަރިޒަމް އިންޑަސްޓްރީގެ ހަދަމުންދާ ނުވަތަ މަސައްކަތް ހުއްޓިފައިވާ ރިސޯޓުތަކަށް
އަހުމަދު މުނައްވަރު

މިފަދަ މާލީ އިދާރާތައް ރާއްޖޭގެ ބޭންކިން ނިޒާމަށް މުހިންމުކަން ފާހަގަކުރައްވަމުން މުނައްވަރު ވިދާޅުވީ މިވަގުތު ބޭންކިން ނިޒާމުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓުތައް ތަރައްގީކުރުމަށް ފައިނޭންސް ކުރުމުގެ ގާބިލީއްޔަތުކަން ނެތް ކަމަށެވެ. ނަމަވެސް މި ހިދުމަތާއެކު ބޭރު ގައުމުތަކުން މަޝްރޫތަކަށް ފައިނޭންސް ހޯދުމުގެ ބަދަލުގައި ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން މަޝްރޫތަކަށް ފައިނޭންސް ކުރެވި އޭގެ މަންފާ ލިބިގެންދާނެކަމަށް މުނައްވަރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް އުފެއްދުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް އެމްއެމްއޭއަށް ހުށަހަޅާފައިވަނީ މި އަހަރުގެ ޖުލައި 28 ގައެވެ.

މިއީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމުގެ އިތުރުން އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ އިތުރުން ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ރައީސް އުފެއްދެވި ކުންފުންޏެކެވެ.