މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ކޮލީން ހޫވާގެ އެންމެ މަގްބޫލު ވާހަކަފޮތް "އިޑް އެންޑްސް ވިތް އަސް" އަށް ފިލްމެއް ހަދަން އިއުލާންކުރި އިރު ފޭނުން ތިބީ ފިލްމު ބަލަން ކެތްމަދުވެފައެވެ. އެއާއެކު ފިލްމަށް، ފޭނުން ބޭނުންވާ ކާސްޓުންނަކީ ކޮބައިކަން އަންގައިދިނުމަށް ސޯޝަލް މީޑިއާގައި ފާޑުފާޑުގެ ޕޯސްޓްތައް ކުރަން ފެށިއެވެ. ކޮލީން، ފިލްމުގެ ކާސްޓް އިއުލާންކުރުމާއެކު އާންމުންގެ ފާޑުކިޔުންތައް ކާސްޓުންނަށް އަމާޒުވިއެވެ. ފޮތުގެ ކެރެކްޓާތައް ޒުވާން އިރު ފިލްމުގެ ކާސްޓަށް ކަމުދާ ބަޔަކު ހޮވާފައި ނެތުމުންނެވެ. ފިލްމު ރިލީޒްކޮށް ސާފުކޮޕީ ލިބުމާއެކު މި ފިލްމު ބަލައިލީމެވެ.
ތަރިން
ބްލޭކް ލައިވްލީ (ލިލީ)، ޖަސްޓިން ބަލްޑޯނީ (ރައިލް)، ބްރެންޑަން ސްކެލަނާ (އެޓްލަސް) އަދި ޖެނީ ސްލޭޓް (އެލީސާ)އެވެ.
މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)
ފިލްމު ފެށިގެންދަނީ ލިލީގެ ބައްޕަ މަރުވެގެން އުޅޭ އޭނާގެ ޖަނާޒާގެ ކަންތައް ކުރުމަށް ލިލީ މަންމަ ގާތަށް ދާ ހިސާބުންނެވެ. ކުޑައިރުން ފެށިގެން ބައްޕަ ދެކެ ރުޅިއަންނަ ލިލީ އަށް ބައްޕަ ދެކެ ލޯބިވާންޖެހޭ ސަބަބުތަކެއް ކިޔައިދޭކަން ނޭނގުނެވެ. ކުޑައިރުން ފެށިގެންވެސް ބައްޕަ، މަންމައަށް އަނިޔާ ކުރާތަން ފެނި ލިލީގެ ހިތުގައި ބައްޕައާމެދު ރުޅިވެރިކަން އުފެދިފައިވެއެވެ. އެ ރުޅިގަނޑު ބޭލުމަށްޓަކައި ލިލީ ގޮސް މަޑުކޮށްލަނީ އުސް އިމާރާތެއްގެ ޓެރަސް މަތީއެވެ. ފުން ވިސްނުމަކަށް ގެއްލިފައި އިންދާ ޓެރަސް ދޮރު ހުޅުވާފައި ވަތް ޒުވާނާ އަށް ލިލީގެ ކަޅި ހުއްޓެވެ. ރުޅިއައިސް ރަތްވެފައި ހުރި އެ ޒުވާނާ ޓެރަސް މަތީގައި ހުރި ގޮނޑިތައް ފުނޑުފުނޑުކޮށްލިއެވެ. ޒުވާނާއަށް ލިލީ ފެންނަނީ އެހިސާބުންނެވެ. ރުޅިގަނޑު ހަމައަކަށް އަޅުވާލުމަށްފަހު ރައިލް، ލިލީ އާ ވާހަކަ ދައްކަން ފެށިއެވެ. އެ ބައްދަލުވުމުން ރައިލްގެ ހިތުގައި ލިލީއަށް ހާއްސަ މަގާމެއް ދެވުނެވެ.
ކުޑައިރުން ފެށިގެން އަމިއްލަ މާ ފިހާރައެއް ހުޅުވުމުގެ ހުވަފެނުގައި އުޅޭ ލިލީ އަށް އަމިއްލަ ފިހާރައެއް ހުޅުވެއެވެ. ގުދަން ރީތިކުރުމުގެ މަސައްކަތުގައި ލިލީ އަވަދިނެތި އުޅެމުންދަނިކޮށް ގުދަނަށް އެލީސާ އާދެއެވެ. އެއީ ލިލީ އާއި އެލީސާގެ ރަހުމަތްތެރިކަމުގެ ގުޅުން ފެށޭ ހިސާބެވެ. ލިލީ، އެލީސާއަށް ފިހާރައިން ވަޒީފާ ދެއެވެ. ދެމީހުންގެ އެކުވެރިކަން ދުވަހުން ދުވަހަށް ބަދަހިވަމުން ދިޔައެވެ. އޭރު ލިލީއަށް ނޭނގޭ ކަމަކީ ރައިލް އަކީ އެލީސާގެ ކޮއްކޮ ކަމެވެ. ރައިލް އާއި ލިލީ އަނެއްކާވެސް ބައްދަލުވެއެވެ. ދެމީހުންގެ ގުޅުން އިތުރަށް ބަދަހިވަމުން ގޮސް ލޯބީގެ ގުޅުމަށް އެގުޅުން ބަދަލުވެއެވެ.
ލިލީގެ މަންމަ ޓައުނަށް އައުމާއެކު މަންމަ ގޮވާގެން ލިލީ "ބިބްސް" ރެސްޓޯރަންޓަށް ދިޔައީ އޭނާގެ ހަޔާތް އެއްކޮށް ބަދަލުވާނެ ކަމަށް އުންމީދުވެސްކޮށްގެން ނޫނެވެ. މަންމައަށް ރައިލް ތައާރަފްކޮށްދިނެވެ. ރެސްޓޯރަންޓުން ލިލީ އަށް އޭނާގެ ޅައުމުރުގެ ލޯބިވެރިޔާ އެޓްލަސް އާ ދިމާވެއެވެ. ލިލީގެ ހަޔާތް ބަދަލުވެގެންދަނީ އެހިސާބުންނެވެ. ރައިލް އާއި ލިލީ ކައިވެނިކުރެއެވެ. ލިލީ އާއި އެޓްލަސް ދިމާވެ ވާހަކަ ދައްކައެވެ. ރައިލް އަށް އެކަން ހަޖަމުނުވެގެން ލިލީ އަށް އަނިޔާކުރަން ފަށައެވެ. ރައިލް އަކީ ނިއުރޯސާޖަން އެކެވެ. އަދި އެޓްލަސް އަކީ ޝެފެކެވެ.
ކޮންމެއަކަސް ވާހަކައިގައި ހިމެނިފައިވާ މުހިއްމު އެތައް ކަމެއް ފިލްމުން މަދެވެ. ބްލޭކްގެ އެކްޓިން އެހާ ކަމަކު ނުދިޔައެވެ. މުޅި ފިލްމުންވެސް އެންމެ ކަމުދިޔައީ އެލީސާގެ ކެރެކްޓާ ކުޅުނު ޖެނީގެ އެކްޓިންނެވެ. އެޓްލަސްގެ ރޯލު ކުޅުނު ބްރަންޑަސް އާއި ރައިލްގެ ރޯލު ކުޅުނު ޖަސްޓިންގެ އެކްޓިންވެސް ރަނގަޅެވެ.
"އިޓް އެންޑްސް ވިތް އަސް" ގެ ފިލްމެއް ދުވަހަކުވެސް ބަލައިލެވޭނެކަން ހިތުގައެއް ނެތެވެ. ވާހަކަ ފޮތް ފިލްމަކަށް ހަދާނެ ކަމަކަށް ދުވަހަކުވެސް އުންމީދެއް ނުކުރެވުނެވެ. ވާހަކަ ފޮތް ކިޔަމުން ދިޔައިރު މަންޒަރުތައް ލޮލަށް ސިފަވެގެން ދިޔައެވެ. އަދި ފޮތުގެ ކެރެކްޓާތައް ކުރަމުން ދިޔަ އިހުސާސްތައް ކުރެވުނެވެ. ނަމަވެސް ފިލްމު ބަލައިގެން އެފަދަ އިހުސާސެއް ނުކުރެވުނެވެ.
ލީން ގެ "އިޓް އެންޑްސް ވިތް އަސް" އަކީ އޭނާ ލިޔުނު ފޮތްތަކުގެ ތެރެއިން ވެސް އެންމެ މަގްބޫލު އެއް ފޮތެވެ. 20 މިލިއަނަށް ވުރެ ގިނަ ފޮތް ވިކުނު އިރު އެ ފޮތް ވެފައިވަނީ މިދިޔަ އަހަރު އެންމެ ވިކުނު ވާހަކައަށެވެ. އެނގުނުހާ ވެސް ކަމަކީ ފިލްމު ބަލައިގެން ހިތަށް ހަމަޖެހުން ނުލިބުނު ކަމެވެ. ހިތަށް ލުއިކަމެއް ހޯދުމަށް އަލުން ވާހަކަފޮތް ކިޔަން ޖެހުމެވެ.
މި ވާހަކަ އަކީ އަސަރުން ފުރިގެންދާ ވާަހަކައެކެވެ. ކުޑަ އިރުންސުރެ ދިރިއުޅުމުގެ އެތައް ކަންތައްތަކަކާއި ކުރިމަތި ލަމުންދާ ލިލީގެ ކެރެކްޓާ ވަރަށް ފުންކޮށް މި ވާހަކައިގައި ކިޔާދީފައި ވެއެވެ. ޖިސްމާނީ ހާނިއްކަ އާއި ކައިވެނީގައި ދިމާވާ މައްސަލަތަކާއި ޓްރޯމާގެ ބައި ވާހަކައިން ވަރަށް ފުރިހަމަ އަށް ކިޔައިދީފައި ވެއެވެ. މި ވާހަކަ އިން ކިޔައިދެނީ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ކުޑަ އަވަށަކުން ބޮސްޓަން އަށް ބަދަލުވި ލިލީ ގެ ވާހަކަ އެވެ. ބޮސްޓަން އަށް ބަދަލުވުމާއެކު ލިލީ އަށް ރައިލް އާއި ދިމާވެއެވެ. އަދި ރައިލް އާއި ލިލީ ދިމާވެ ލޯބިވެ ގުޅޭ ހިސާބުން ލިލީ ގެ ކުރީގެ ލޯބިވެރިޔާ އެޓްލަސް އާދެއެވެ. އެޓްލަސް އައުމާއެކު ލިލީގެ ހަޔާތުގެ ބައިވެރިޔާ އަކަށް ހަދާނީ ކާކުކަން ހުދު ލިލީ އަށް ވެސް ނޭނގެއެވެ. މި ވާހަކައިގެ ދެވަނަ ބައި "އިޓް ސްޓާޓްސް ވިތް އަސް" ވެސް ވަނީ 2022 ވަނަ އަހަރު ނެރެފައެވެ.