ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޝިޔާމަށް ދައުވާ ކުރީ ސިފައިންގެ އެންމެ އިސް ޖެނެރަލްގެ ގޮތުގައި އޭނާ ހުންނެވިއިރު ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގެސްޓްހައުސެއްގައި އޭނާގެ ބައްޕަ އަހަރަކަށް ވުރެ ގިނަ ދުވަހު ބަހައްޓައި، އޭނާގެ ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ އޮފިސަރަކާ ހަވާލުކުރި ކަމަށް ބުނާ މައްސަލައިގަ އެވެ.
އޭނާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ. ނަމަވެސް އޭނާ ވަނީ އެ ދައުވާ އަށް އިންކާރުކޮށްފައެވެ.
މި މައްސަލަ ބައްލެވި ކްރިމިނަލް ކޯޓުގެ ގާޒީ އާމިނަތު އަޒުލިފާ އިއްވެވި އެ ހުކުމުގައި ބުނެފައި ވަނީ ގެސްޓުހައުސްގައި އާއިލީ މީހުން ބެހެއްޓޭނެ ވަކި މުއްދަތެއް ސިފައިންގެއިން ކަނޑައަޅާފައި ނުވާ ކަމަށާއި އެހެން ކަމުން ޝިޔާމްގެ ބައްޕަ ވީއައިޕީ ގެސްޓްހައުސްގައި ބެހެއްޓީ ނުފޫޒެއް ބޭނުންކޮށްގެންކަން ދައުލަތަށް ބުނެދެވިފައި ނެތް ކަމަށެވެ.
ޝިޔާމްގެ ބައްޕައަށް ބޭސް ގެނެސްދީ، އެފަދަ އެހީތައް ސިފައިންގެ ޕްރައިވެޓް އޮފިސަރު ދިނީ އަމުރެއް ކޮށްގެން ނޫންކަމަށް އެކަން ކުރި ސިފައިންގެ އޮފިސަރު ވަނީ ކޯޓުގައި ބުނެފައެވެ. އޭނާ ބުނިގޮތުގައި އެކަން ކޮށްދިނީ އޮންނަ ގާތް ކަމުން ހުސް ވަގުތުތަކުގައެވެ.
އަދި ހަމައެހެންމެ އެ ތަނުގެ ކޭޓަރިން އިން ޝިޔާމްގެ ބައްޕައަށް ފޯރުކޮށްދިން ހިދުމަތްތަކަށް ޑިފެންސް މިނިސްޓްރީއަށް ބިލް ކޮށްފަ ނުވާ ކަމަށްވެސް ހުކުމުގައި ފާހަގަކޮށްފައި ވެއެވެ. ޝިޔާމްގެ ބައްޕަގެ ކެއިންބުއިމާއި ދަތުރުފަތުރަށް އެ މުއްދަތުގައި ހަރަދު ކުރީ ޝިޔާމްގެ ޖީބުންކަން ޝަރީއަތަށް ހެކި ބަސް ދިން ސިފައިން ވެސް ވަނީ ހެކިބަސް ދީފައެވެ.
ޝިޔާމްގެ ބައްޕަ މިހާރު ވަނީ އަވަހާރަވެފަ އެވެ. ވީއައިޕީ ގޭގައި 18 ޖުލައި 2017 އިން 11 ޑިސެމްބަރު 2018ގެ ނިޔަލަށް، ޝިޔާމުގެ ބައްޕަ ދިރިއުޅެފައިވާ ކަމަށް ތަހުގީގުތަކުން ވަނީ ސާބިތުވެފައެވެ. ނަމަވެސް މި މައްސަލާގައި ދިފާއުގައި ޝިޔާމް ވެސް ފާހަގަކުރައްވަމުން ގެންދެވި ކަމަކީ އޭނަގެ ބައްޕަ އެ ތަނުގައި ބެހެއްޓެވީ، ސިފައިންގޭގައި އޮންނަ އާދަކާދައިގެ ތެރެއިން ކަމަށެވެ.
އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލަ ތަަހުގީގުކޮށް، އޭސީސީން ކުރިން ނިންމީ އެކަމުގައި ކޮރަޕްޝަނެއް ނެތް ކަމަށެވެ.