އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން އުފައްދާ އާރުއޯ ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް އޮޕަރޭޝަނަށް ގެނެއްސިއެވެ.

މިކަމާ ގުޅިގެން ފެނަކައިން ބުނީ މި މައްސަލަ ހައްލު ކުރުމަށްޓަކައި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި، އައްޑޫގެ އެމްޑަބްލިޔުއެސްސީ ގެ ފަރާތުން ދިން އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ކަސްޓަމަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށްވެސް ފެނަކައިން ވަނީ ޝުކުރު އަދާކޮށްފައެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން އުފައްދާ އާރުއޯ ޕްލާންޓްގެ ބޯހޯލް ޕަންޕަށް ދިމާވި މައްސަލައަކާ ގުޅިގެން ޕްލާންޓް ހުއްޓުމަކަށް އައިސްފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. މިއާއެކު ފެން އުފެއްދުން ހުއްޓި، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފޯރުކޮށްދޭ ފެން ހުސްވެ، ހިދުމަތް ވަނީ މެދުކެނޑިފައެވެ.

މި މައްސަލަ ދިމާވުމާއެކު ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުން ވަނީ މި މައްސަލަ ހައްލުކުރުމުގެ އަމަލީ މަސައްކަތް ފަށާ ރޭގެ ވަގުތެއްގައި މައްސަލަ ހައްލުކޮށް ޕްލާންޓު އޮޕަރޭޝަނަށް ގެނެސްފައެވެ.