ގއ. ވިލިނގިލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ނާކޮޓިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، ގއ. ވިލިނގިލި / އެތެންސް، މުހައްމަދު އަތޫފް ހަބީބް (24އ)، ގއ. ވިލިނގިލި / ޒޫމް، މުހައްމަދު ތަގިއްޔު (25އ) އަދި ގދ. ގައްދޫ / ވިލަސް، މުހައްމަދު ޒަހުވާން (23އ) އެވެ.

ވިލިނގިލީ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ސެޕްޓެންބަރު 28 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ވިލިނިގިލީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަނުގައި، އެ މީހުން ހައްޔަރުކޮށް، އެތަނުން އެކަކު ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށްބެލެވޭ އެއްޗެއްހުރި 7 ރަބަރު ޕެކެޓާއި، 4 ރަބަރުކޮޅާއި، ސެލޯފިންކޮޅެއްގެ އިތުރުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 20 ލީޓަރުގެ ހަމެއް ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު އަތޫފް ހަބީބް 15 ދުވަހަށް އަދި އަނެއް ދެ މީހުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރު ކޮށްފައެވެ. މި މައްސަލަ ވިލިނގިލި ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.