ދައުލަތުގެ މީޑިއާ ޕީއެސްއެމުން ޑޮލަރު ގަތުމަށް މާރުކުރުމަށް ނެގި ފައިސާ އާއި އާމްދަނީ އާއި ތިޖޫރީން ގެއްލުނު ނުވަ މިލިއަން ރުފިޔާގެ މައްސަލަ މިދިޔަ ޖުލައި މަހުން ފެށިގެން ބަލަމުންދާ ކަން އޭސީސީން ހާމަކޮށްފިއެވެ.

މީޑިއާ އަށް މައުލޫމާތުދީ އޭސީސީން މިހެން ބުނީ، މި މައްސަލަ ބަލައިދިނުމަށް ފުލުހުން އެ ކޮމިޝަންގައި އިއްޔެ އެދިފައިވަނިކޮށެވެ.

އެގޮތުން، އޭސީސީން ވަނީ މި މައްސަލައިގެ ފުރަތަމަ ތަހްގީގު ނިންމައި، އިތުރަށް ތަހްގީގުކުރަން ޖެހޭ ކަންކަން ހުރުމާއެކު، މި މައްސަލަ އިތުރަށް ތަހްގީގުކުރަން ފަށާފައިވާ ކަން މިއަދު ހާމަކޮށްފައެވެ. އަދި މައްސަލައާ ގުޅުންހުރި ހާއްސަ އޮޑިޓް ކުރިއަށް ދިޔައިރު އޮޑިޓަރު ޖެނެރަލްގެ އޮފީހާ ގުޅިގެން، މައްސަލައާ ގުޅުންހުރި ހެއްކަށް އަސަރު ނުކުރާ ގޮތަށް މަސައްކަތްކޮށްފައިވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މި މައްސަލަ ތަހްގީގުކޮށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން އާންމުކުރި ރިޕޯޓުގައިވާ ގޮތުން:

  • ޑޮލަރު ގަތުމަށް ޕީއެސްއެމްގެ އެކައުންޓުން 2020 އިން ފެށިގެން މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް ނެގި ފައިސާގެ ތެރެއިން 4.58 މިލިއަން ރުފިޔާ ގެއްލިފައިވޭ
  • 2017 އިން ފެށިގެން މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް އާމްދަނީ އާއި އެހެނިހެން ގޮތްގޮތުން ލިބިފައިވާ ފައިސާގެ ތެރެއިން 4.26 މިލިއަން ރުފިޔާ އާއި ތިޖޫރީގައި ހުރި ފައިސާގެ ތެރެއިން 190،087 ރުފިޔާ ގެއްލިފައިވޭ

އެ ރިޕޯޓުގައިވާ ގޮތުން، މި މައްސަލައިގައި ތުހުމަތުވަނީ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު އަހްމަދު ހަނީފަށާއި އޭނާގެ ދަރިއަކަށެވެ. މި މައްސަލައާ ގުޅިގެން މިދިޔަ އޭޕްރިލް މަހު ހަނީފް ސަސްޕެންޑުކޮށް، މަސްއޫލިއްޔަތުތަކުން ވަނީ އެކަހެރިކޮށްފައެވެ.