މިއަދު ދ. ކުޑަހުވަދޫ ކައިރިން އަލިފާން ރޯވެ އަޑިއަށް ދިޔަ މުދާ އުފުލާ ދޯންޏަކީ ނިޔަމަ ރިސޯޓަށް ފެން ސަޕްލައި ކުރާ ދޯންޏެއް ކަަމަށް ފުލުހުން ބުނެފިއެވެ.

އެ ދޯނީގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިންގާފައި ވަނީ ހެނދުނު 6:30 ހާއިރުއެވެ. އެއާއެކު ފުލުހުންނާއި ސިފައިން ވަނީ އަލިފާން ނިއްވާލުމަށް ހަރަކާތްތެރިވެފައެވެ.

އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ދޯނި ވަނީ މިއަދު މެންދުރު ފަހު 2:45 ހާއިރު އަޑިއަށް ގޮސްފައެވެ. އެ ދޯނީގައި ތިބީ 5 މީހުން ކަމަށް ވާ އިރު، އެއީ 4 ބިދޭސީންނާއި ދިވެއްސެކެވެ.

ފުލުހުން ބުނީ، އެ ދޯންޏަކީ ނިޔަމަ ރިސޯޓަށް ފެން ސަޕްލައި ކުރުމަށް މާލެއިން ދަތުރު ކުރި ދޯންޏެއް ކަމަށެވެ. އަދި އޭގައި ހުރީ ބޮނަކުއާ ފެން ކޭސްތަކެއް ކަަމަށް ވެސް ފުލުހުން ބުނެއެވެ.

ނިޔަމަ ރިސޯޓަކީ ކުޑަހުވަދޫ ކައިރީގައި އޮންނަ ރިސޯޓެކެވެ.