ގޭންގް ކުށްތަކާ ގުޅިގެން ފާއިތުވި 8 މަސްދުވަހު 67 މީހުން ހައްޔަރު ކުރި ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި އަހަރުގެ ފުރަތަމަ 8 މަސް ދުވަހު ފުލުހުންގެ ގޭންގް ކްރައިމް އެންފޯސްމެންޓް ޑިޕާޓްމަންޓުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުމްލަ 12،253 މީހުންނާ ފުލުހުން ވަނީ ސުވާލުކޮށްފައެވެ. އޭގެ ތެރޭގައި ތެރޭގައި 18 އަހަރުން މަތީގެ 2583 މީހުންނާއި 18 އަހަރުން ދަށުގެ މީހުން ހިމެނެއެވެ.
މީގެ އިތުރުން 18 އަހަރުން ދަށުގެ 331 ކުޑަކުއްޖަކާ ސުވާލުކޮށްފައިވާއިރު އެ ކުދިންނާ 2014 ފަހަރު ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި 173 އުޅަނދު ޗެކްކޮށްފައިވާއިރު ޖުމްލަ 87،775 ސަރަހައްދެއް ވަނީ ބަލާ ފާސްކޮށްފައެވެ. އަދި ދެ ސަރަހައްދެއްގައި ހުރި ގޮނޑިއާއި މޭޒު ނެގުމުގެ އިތުރުން 37 ގްރެޕިޓީއެއް ފޮހެލާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ގޭންގު ކުށްތަކުގެ ތަފާތު އެކިއެކި މައްސަލަތަކާ ގުޅިގެން ޖުމްލަ 67 މީހުން ހައްޔަރުކޮށްފައިވީ ނަމަވެސް އޭގެ ތެރެއިން 30 މީހުން ވަނީ ބަންދުން ދޫކޮށްލާފައެވެ. އަދި 22 މީހުން ފުލުހުންގެ ހައްޔަރުގައި ތިބިއިރު 15 މީހަކު ތިބީ ރިމާންޑް ޖަލުގައި ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އަދި އާންމުންގެ ފަރާތުން އެފަދަ 22 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާއިރު 8 މައްސަލައެއް ތަހުގީގުގެ މަރުހަލާ ނިންމުމަށްފަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ދައުވާ ކުރުމަށް އެދި ވަނީ ހުށަހަޅާފައެވެ.
ގޭންގް ކުށްތަކަކީ މި ކުޑަ މުޖްތަމައުގައި މިހާރު އިތުރުވަމުންދާ މައްސަލަތަކަކަށްވާއިރު އެފަދަ ކުއްތައް ހުއްޓުވުމަށް ދާދިފަހުން ވަނީ ހަރުކަށި ބިލެއް ޑްރާފްޓުކޮށް، އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.
"ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު"ގެ މަގުސަދަކީ ގޭންގެއް ކަމަށް ކަނޑައަޅާނެ މިންގަނޑުތައް ބަޔާންކުރުމާއި ގޭންގު ހަދައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމާއި އެފަދަ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތް ބަޔާންކުރުމާއި ގޭންގު ކުށްތައް ކުރާ ފަރާތްތަކަށް މާލީ ނުވަތަ މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެއް ކަމުގައި ކަނޑައެޅުން އަދި އެ ކުށުގެ އަދަބު ކަނޑައެޅުމެވެ. މި ބިލު ފަރުމާކޮށްފައިވަނީ މި ބިލު ގާނޫނަކަށްވުމާއެކު މިހާރު އަމަލުކުރަމުން އަންނަ ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނު 18/2010 އުވޭ ގޮތަށެވެ.