ލާމާ ހަތަރުދަމު މަޑުމައިތިރި ކަމާއެކު އިށީނދެ އިން ނަމަވެސް ފެންނަނީ ވަރަށް ވަރުބަލިކޮށެވެ. ފަސް ކުދިންގެ މަންމަގެ މޫނު ފިނިވެ ތުންފަތް ހިކިފައި ހުރިނަމަވެސް އޭނާގެ ވަށައިގެން ހަމަޖެހުމުގެ ވައިރޯޅިއެއް ހުއްޓެވެ.
ހަމާސް ޖަމާއަތުން ގާޒާއިން ދޫކޮށްލި އިޒްރޭލު ގައިދީންގެ ބަދަލުގައި އިޒްރޭލުން ދޫކޮށްލި ފަލަސްތީނު ގައިދީންގެ ހަވަނަ ބެޗުގެ ތެރެއިން އުމުރުން 47 އަހަރުގެ ލާމާ ޖަލުން ދޫކޮށްލީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅުއެވެ.
ގާތްގަނޑަކަށް މަހެއްހާ ދުވަސް ވަންދެން ލާމާ ޖަލުގައި ދުވަސްތައް ހޭދަކުރީ ވަރަށް ވޭނުގައެވެ. އޭނާއަކީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާއާއި އޭގެ ފަހުން އިޒްރޭލުން ގާޒާއަށް ދިން ހަމަލާގައި މިހާތަނަށް އެތަނުގައި ތިބި ފަލަސްތީނުގެ 23،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލުމާ ގުޅިގެން ހައްޔަރުކުރި ފަލަސްތީނުގެ އެތައް ސަތޭކަ ބައެއްގެ ތެރޭގައި ހިމެނޭ އެކަކެވެ.
އިޒްރޭލު ސިފައިން ހެބްރޯންގައި ހުންނަ އޭނާގެ ގެއަށް ވަދެ އޭނާ ހައްޔަރު ކުރުމަށްފަހު، އެއް ޑިޓެންޝަން ސެންޓަރުން އަނެއް ޑިޓެންޝަން ސެންޓަރަށް ބަދަލުކުރަމުން ދިޔައިރު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ކޮބައިކަމެއް ނުވަތަ ދެން އޭނާއަށް ވާނެ ގޮތެއް ނޭނގެއެވެ.
ނުތާހިރު އަދި ތޮށްޖެހިފައި
ލާމާއަކީ އިޒްރޭލުން ހިންގާ ޖަރީމާތަކާއި ލާއިންސާނީ އަމަލުތަކުގެ ހަބަރުތައް ލިޔާ ލިޔުންތެރިއެއް އަދި ނޫސްވެރިއެކެވެ. އިޒްރޭލު ޖަލުގެ ތަޖުރިބާ އަމިއްލައަށް ކުރިއިރު، ލާމާ ވަނީ ވޭނާއި ނިކަމެތިކަމުގެ އިހުސާސްކޮށްފައެވެ.
މީގެ ކުރިންވެސް 13 މަސް ދުވަސް ވަންދެން އޭނާ ވަނީ ބަންދުގައި ބަހައްޓާފައެވެ. ނަމަވެސް އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ފަހުން އޭނާ ބަންދުގައި ބަހައްޓާފައި ހުރި އިރު ކުރެވުނު ތަޖުރިބާއަކީ ކުރީގެ ޖަލު ހުކުމުގައި ކުރެވުނު ތަޖުރިބާއަށްވުރެ މާ ބިރުވެރި ތަޖުރިބާއެއް ކަމަށް އޭނާ ބުންޏެވެ.
ޕްލާސްޓިކް ޒިޕް ޓައިތަކުން ކަސްތޮޅު އެޅުވުމަށްފަހު އަސްކަރިއްޔާގެ ޖިޕަށް އެއްލާލައިގެން ކިރިޔާތު އަރްބާ ސެޓްލްމަންޓް ކޭމްޕަށް ގެންދެވުނެވެ.
އޭނާ ދާން ޖެހުނީ ފިރިމީހާ ހަޒީމް އަލް ފަހްރީ ނުވަތަ އޭނާގެ ފަސް ދަރިން ކަމަށްވާ އުސާމާ، 26، ބިސާން، 23، ޔަމާން، 18، އިއްޒުއްދީން، 15، އަދި ޔަހްޔާ، 7، ގެ މޫނު ނުފެނިއެވެ.
އޭނާއާ ސުވާލުކުރަން ފެށީ ކިރިޔާތު އަރްބާއިން ކަމަށާއި ފުރަތަމަ ސެޝަންގައި އިޒްރޭލުގެ އޮފިސަރުން ރޭޕްގެ އިންޒާރު ވެސް ދިން ކަމަށް އޭނާ ބުންޏެވެ.
"އެމީހުން އިންޒާރު ދިން އަހަރެންނާއި އަހަރެންގެ އާއިލާ މަރާލާނެ ކަމަށް. އަހަރެންގެ ގެވެސް އަންދާލާނެ ކަމަށް" ލާމާ ބުންޏެވެ.
އަދި އޭނާ އަކީ ހަނގުރާމައިގެ ގައިދީއެއް ކަމަށާއި އެމީހުން ބޭނުންވާ ކޮންމެ ކަމެއް ވެސް ކުރެވިދާނެ ކަމަށް ބުނެ ގާޒާއަށް ޑީޕޯޓުކޮށްލާނެ ކަމުގެ އިންޒާރު ވެސް އެ މީހުން ދީފައިވާ ކަމަށް އޭނާ ބުންޏެވެ.
އެތަނުން ލާމާ ބަދަލުކުރީ ހަޝަރޯން ޖަލަށެވެ. އެންމެ މީހަކަށް ވާވަރުގެ ކުޑަ ޖަލު ގޮޅިއެއްގައި ހަތަރު ދުވަސް ލާމާ ހޭދަކުރީ ފަލަސްތީނުގެ އިތުރު ފަސް އަންހެނަކާ އެކުއެވެ. އެ ޖަލު ގޮޅިއަކީ ވަރަށް ނުތާހިރު އަދި ތޮށްޖެހިފައިވާ ގޮޅިއެއް ކަމަށް އޭނާ ބުންޏެވެ. އަދި ޖަލު ގޮޅި ސާފުކުރަން ވެސް ފެން ނުލިބޭ ކަމަށާއި ދުވާލަކު އަށް ގަޑިއިރަށް ފެން ކަނޑާލާފައި ހުންނަ ކަމަށް އޭނާ ބުންޏެވެ.
ޖާގަ ކުޑަކަމުން އިށީނުމަށާއި ނިދަނީ ހަ އަންހެނުން ވަގުތު ބަހައިގެން ކަމަށް އޭނާ ބުންޏެވެ.
ހަޝަރޯން އަށް ފަހު އިޒްރޭލުގެ އުތުރުގައި ހުންނަ ޑޭމޮން ޖަލަށް ލާމާ ބަދަލުކުރިއިރު، އެތަނުން އޭނާ ބަރަހަނާކޮށް ބަލައި ފާސްކުރިއިރު، އިހާނެތި ބަސްތައް އޮފިސަރުން ބުނަމުންދިޔަ ކަމަށް ލާމާ ބުންޏެވެ. އަދި ބައެއް ގައިދީން ގައިގައި ތަޅާ އަނިޔާ ކުރާތަން އޭނާއަށް ފެނުނު ކަމަށް ބުންޏެވެ.
އާއިލާ ގެއްލި، ޖަލުގައި ހާލުގައި ޖެހިފައި
ހަ މަސް ދުވަހުގެ އިދާރީ ބަންދުގެ ސަބަބުން އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކަށް އެއްވެސް ދައުވާއަކާ ނުލައި މުއްދަތެއް ނެތް ގޮތަށް މީހުން ބަންދުގައި ބެހެއްޓުމުގެ ފުރުސަތު ލިބިގެންދެއެވެ. ލާމާ ވިސްނަމުން ދިޔައީ އޭނާއާ ނުލާ ފިރިމީހާ އަދި ދަރިން އުޅެމުންދާނެ ހާލަކާ މެދުއެވެ.
ނަމަވެސް ހެބްރޮން އިން ހައްޔަރުކޮށް އިޒްރޭލުގެ ޑްރެގްނެޓްތަކުގައި ބަންދުކޮށްފައި ހުރި އަންހެނަކު ބުނީ އޭނާ ހައްޔަރުކުރިތާ ދެ ހަފްތާ ފަހުން އޭނާގެ ފިރިމީހާވެސް ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައި ހުރިކަމަށެވެ.
އޭގެ މާނައަކީ އެމީހުންގެ ފަސް ދަރިން މިހާރު ތިބޭނީ އެކަނިވެފައި ކަމުން، އެކަމަށް އިތުރަށް ކަންބޮޑުވެ ލާމާ ބިރުގަތެވެ.
އިޒްރޭލުގެ ސިފައިން އެމީހުންގެ ގެއަށް ވަދެ ބަލައި ފާސްކުރުމުން އޭނާގެ ދަރިން ބިރުގަންނާނެ ވަރާ މެދު އޭނާ ވިސްނާލިއެވެ. ހާއްސަކޮށް ހަތް އަހަރުގެ ޔަހްޔާ އަށް ކުރާނެ އިހުސާސްތަކާ މެދު ވިސްނާ ލާމާ ކަންބޮޑުވިއެވެ.
"ޝަބަކް އޮފިސަރަކު އަހަންނާ ދިމާލަށް ހެވިފައި އައިސް ބުނީ ކަލޭގެ ދަރިން މިހާރު އެކަނި ވެއްޖެޔޯ." ލާމާ ބުންޏެވެ.
ލާމާގެ ދަރި، އުމުރުން 23 އަހަރުގެ ބިސާން އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ވަޒީފާ ދޫކޮށް އެއްބަނޑު އެއްބަފާ މީހުންނަށް "މަންމައަކާއި ބައްޕައަކަށް" ވާން ޖެހުނީ އެންމެ ހަގު ތިން ކުދިން ސްކޫލުގައި ކިޔަވަމުންދާތީ އާއި އަބަދުވެސް އަޅާލުމާއި ރައްކާތެރިކަން ބޭނުންވާތީ ކަމަށެވެ.
އަދި އެމީހުންގެ ކެއުމާއި ފޭރާން ބެލެހެއްޓުމާއި އެކުދިންގެ ނަފްސާނީ ބޭނުންތަކަށް އޭނަ ސަމާލުކަން ދެއެވެ.
"ޔަހްޔާ އަހަރެން ކައިރީގައާއި ބައްޕަ ކައިރީ އަބަދުވެސް އަހާނެ މަންމަ ކޮބައިތޯ. މަންމަ ހުރީ ކައިގެންތޯ، މަންމަ ހާލު ރަނގަޅުތޯ. މަންމަ ގެއަށް އަންނާނީ ކޮން އިރަކުތޯ." ބިސާން ބުންޏެވެ.
އެ ސުވާލުތަކަށް ޖަވާބު ދޭން އިތުރަށް އުނދަގޫވީ ބައްޕަވެސް ހައްޔަރުކުރުމުން ކަމަށް ބިސާން ބުންޏެވެ.
އެދުވަސްވަރު ޑޭމަން ގާޑުން އަންހެނުންނާ މެދު ލާއިންސާނީ އަމަލުތައް ހިންގަމުން ދިޔަ މިންވަރުން ލާމާ ހައިރާންވިއެވެ.
ބައެއް ފަހަރު ޕެޕަ ސްޕްރޭވެސް ޖަހާކަމަށް ލާމާ ބުންޏެވެ. އަދި ގައިދީން އެކަހެރިކޮށް ބެހެއްޓުމާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ގަތުމަށް ކާބޯތަކެއްޗާއި ކެންޓީން ހިދުމަތްތަކަށް ހުރަސްއެޅުމާއި މައްސަރު ދުވަސްވަރު ސެނިޓަރީ ޕެޑް ވެސް ނުދޭ ކަމަށް އޭނާ ބުންޏެވެ.
އެންމެ ފަހުން ނޮވެމްބަރު މަހުގެ ފަހުކޮޅު އޭނާ އޮފަ ޖަލަށް ބަދަލުކުރީ ފަތިހުގެ ވަގުތެއްގައި އޭނާ މިނިވަންކުރެވެންދެން ކާބޯތަކެއްޗާއި ފެންވެސް ނުލިބި އެތައް ގަޑިއިރެއް ވަންދެން ފިނި ގޮޅިއެއްގައި މަޑުކުރުމަށެވެ.
އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އޮފިސަރުންނާއި ގާޑުން ދިޔައީ އޭނާއަށް ބިރު ދައްކަމުންނެވެ.
"އެމީހުން ބުނީ އެއްވެސް އުފަލެއް ފާހަގަކުރުމަކީ މަނާ ކަމެއް ކަމަށާއި އަހަރެން ދޫކޮށްލުމުން ހެޔޮ އެދޭ އެއްވެސް ފަރާތަކާ ބައްދަލުކުރުމަކީ ވެސް މަނާ ކަމެއް ކަމަށް." އަދި ސޯޝަލް މީޑިއާގައި އިޒްރޭލު އޮފިސަރުންނާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ޝާއިއު ނުކުރުމަށް އިންޒާރު ދިން ކަމަށް ލާމާ ބުންޏެވެ.
"އެ މީހުން ބުނީ އެމީހުންގެ ޝަރުތުތަކަށް ކަމޭ ނުހިތައިފިނަމަ އަލުން ހައްޔަރު ކުރާނެ ކަމަށް" ލާމާ ބުންޏެވެ.
ނަމަވެސް އެކަމާ މެދު މާ ބޮޑު ވިސްނުމެއް ލާމާގެ ނެތެވެ. އޭނާ އުފާކުރަމުން ދިޔައީ ދަރިން ފެންނާނެތީއެވެ.
"މަޔަކަށް އެންމެ އުނދަގޫ ކަމަކީ ދަރިންނާ ދުރުގައި ހުންނަން ޖެހުންކަން އެންމެނަށްވެސް އެނގޭނެ."
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ގާތްގަނޑަކަށް 6،000 މީހުން ހައްޔަރުކޮށްފައިވާއިރު، އިޒްރޭލު ސިފައިން ނުވަތަ ވަޒަންވެރިން ވަނީ އެ ދުވަސްވަރު ވަކިވަކި ހަމަލާތަކާއި ރޭގަނޑުގެ ވަގުތުތަކުގައި ފަލަސްތީނުގެ 270 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.
އެކްސްޗޭންޖް އެއްބަސްވުމުގެ ދަށުން ލާމާ ފަދައިން ފަލަސްތީނުގެ އެހެން ގައިދީން ވެސް ވަނީ އިޒްރޭލުގެ ޖަލުތަކުގައި ގޯނާކުރާ ކަމަށް ބުނެ ވާހަކަ ދައްކާފއެވެ.
ބައެއް މީހުން ޖިސްމާނީ އަނިޔާގެ މައްސަލަތައް ރިޕޯޓްކޮށްފައިވާއިރު، ބައެއް މީހުން ވަނީ އައިސޮލޭޝަންގައި ގިނަ ދުވަސްތަކެއް ވަންދެން ބައިތިއްބާފައެވެ. އަނެއް ބަޔަކު ބުނަނީ އިޒްރޭލުގެ ޖަލުގެ ގާޑުން އެމީހުންނަށް ފުރައްސާރަކޮށް އަނިޔާކޮށްފައިވާ ކަމަށެވެ.