މިދިޔަ އޮކްޓޫބަރު މަހު ގާޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ހާން ޔުނިސްގެ ޓްރެއިނިން ސެންޓަރެއްގައި ހުޝާމް އޮކަލް އޭނާގެ އާއިލާއާ އެކު ހިޔާވަހިކަން ހޯދަމުން ދިޔައރި، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރްޑަބްލިއުއޭ) ގެ މުވައްޒަފުންނަށް އެތަން ފެނުނީ އިޒްރޭލުގެ ބޮމުން ސަލާމަތްވުމަށް އޭނާ ފަދަ 22،000 މީހުން ރައްކާތެރިކަން ހޯދަން މަސައްކަތް ކުރަމުން ދިޔަތަނެވެ.

"އަހަރެމެން ދެ ފަރާތަށްވެސް މަސައްކަތް ކޮށްދެން. އެއްކޮޅުން އާއިލާތައް ސަލާމަތުން ބޭތިއްބުމަށް މަސައްކަތް ކުރާއިރު އަނެއްކޮޅުން މަސައްކަތް ކުރަނީ ގެދޮރު ގެއްލިފައިވާ މީހުންނަށް ހިދުމަތް ދިނުމަށް." އޭރު އޭނާ ބުންޏެވެ.

"ޔޫއެންއާރްޑަބްލިއުއޭގެ މުވައްޒަފުންގެ ހައިސިއްޔަތުން އިންސާނީ މެސެޖެއް ހިފައިގެން ވީހާވެސް ގިނަ އެހީތަކެއް ފޯރުކޮށްދޭން މަސައްކަތް ކުރަން."

މިއީ 1950 ވަނަ އަހަރުން ފެށިގެން ގާޒާއާއި ހިފާފައިވާ ހުޅަނގު އައްސޭރިއާއި އުރުދުން، ލުބުނާން އަދި ސީރިއާގައި ފަލަސްތީނުގެ ލައިފްލައިނެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ އދ.ގެ އެޖެންސީން ކުރަމުން އަންނަ މަސައްކަތެކެވެ. އެއީ 1948 ވަނަ އަހަރު އިޒްރޭލު އުފެދުނު ދުވަސްވަރު ފަލަސްތީނުގެ 750،000 މީހުންނަށް އެމީހުންގެ ބިން ދޫކޮށް ދިއުމަށް މަޖުބޫރުކުރި ނަކްބާއިން ފެށިގެން ފަލަސްތީނުގެ ރެފިއުޖީންނާއި އެމީހުންގެ ދަރިފަސްކޮޅަށް މަހްރޫމްވެފައިވާ ސްކޫލްތަކާއި ސިއްހީ ޕްރޮގްރާމްތައް ހިންގަމުންނެވެ.

ޒަމާނުއްސުރެ އދ.ގެ ނޫ ކުލައިގެ ލޯގޯއަކީ ފަލަސްތީނަށް ތާއީދުކުރާ އެއްޗެކެވެ. މިހާރު ގާޒާގައި، ޔޫއެންއާރްޑަބްލިއުއޭއަށް މީގެ ކުރިން ދުވަހަކުވެސް ނުލިބޭ ފަދަ ގެއްލުންތަކެއް ލިބިފައިވާ ހަނގުރާމައެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވަމުން އެބަދެއެވެ.

އިޒްރޭލުން ދިން ބޮމުގެ ހަމަލާތަކުގައި ޔޫއެންއާރްޑަބްލިއުއޭގެ 146 މުވައްޒަފަކު މަރުވެފައި ވާއިރު، މިއީ މިހާތަނަށް އދ.ގެ އެއްވެސް އިދާރާއަކުން ހަނގުރާމައެއްގައި މަރުވި އެންމެ ގިނަ އަދަދެވެ. އަނެއް ބައި މީހުންގެ ގެދޮރާއި އާއިލާގެ މީހުން ވަނީ ގެއްލިފައެވެ. އޮކާލް ފަދައިން އޭރުވެސް މިހާރުވެސް ސްކޫލްތަކާއި ޓްރެއިނިން ސެންޓަރުތަކުގައި ރައްކާތެރިކަން ހޯދަން ވަނީ މަޖުބޫރުވެފައެވެ. ހަނގުރާމައިގެ ސަބަބުން އެ އެޖެންސީއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ނަމަވެސް އެ އިދާރާގެ ލީޑަޝިޕަކީ ދިފާއީ ބާރެއް ނޫނެވެ.

ގާޒާގައި ހުންނަ ޔޫއެންއާރުޑަބްލިއުއޭގެ ވެރިޔާ ތޯމަސް ވައިޓް ވިދާޅުވީ ގާޒާގެ ރައްޔިތުންނަށްޓަކައި ވަރަށް ބޮޑަށް މާޔޫސްވެ، ހިތް ހަލާކުވެފައިވާ ކަމަށެވެ. "އެހީ ފޯރުކޮށްދެމުން އަންނަ ސްޓާފުންނާއި މުޖުތަމައުގެ މީހުން ގެއްލުމުގެ އިހުސާސްތަކާ ކުރިމަތިލާނެ ގޮތެއް އަޅުގަނޑަކަށް ނޭނގޭ. ގާޒާއިން ދަނީ ހިތާމަކުރަމުން." ވައިޓް ވިދާޅުވިއެވެ.

ޔޫއެންއާރުޑަބްލިއުއޭގެ ލޯގޯ ޖަހާފައިވާ ޓްރަކެއް ގާޒާއަށް އެތެރެވަނީ

"ވަސީލަތްތައް ލިބުމުގައި ބޮޑެތި ދަތިތަކެއް"

ޔޫއެންއާރުޑަބްލިއުއޭ އިން ވަނީ ފާއިތުވި 74 އަހަރުގެ ތެރޭގައި ފަލަސްތީނަށް ކުރިމަތިވި އެތައް ހަނގުރާމަތަކަކާއި ޑިސްޕްލޭސްމަންޓްގެ ރާޅުތަކުގެ ތެރެއިން ފަލަސްތީނާ އެކު މަސައްކަތްކޮށްފައެވެ.

އެހެންނަމަވެސް، މިހާރު ހިނގަމުންދާ ހަނގުރާމައަކީ، އެ އިދާރާއިން ތަޖުރިބާކުރި ހަނގުރާމަތަކަށް ވުރެ ނުރައްކާތެރި ހަނގުރާމައެކެވެ. "ޔޫއެންއާރްޑަބްލިއުއޭ އިން ވަނީ މިފަދަ ހަނގުރާމަތައް ރާވައި ރިހާސަލް ކޮށްފައި. އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެން ކުރަން ޖެހޭ ކަންކަން." ވައިޓް ވިދާޅުވިއެވެ. "އެހެންނަމަވެސް، މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މީހުން ޝަހީދުވެފައިވާ މިންވަރާއި، ފަލަސްތީނުގެ ތަންތަން ހަލާކުކޮށް ސުންނާފަތިކޮށްފައިވާ މިންވަރާއި، ބަނޑުހައިހޫނުކަމާއި، ވަސީލަތްތައް ލިބުމުގައި ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން، އެހީ ފޯރުކޮށްދިނުމަށް ބޮޑު ދަތިތަކެއް ވަނީ ކުރިމަތިވެފައި."

ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލުގެ ދެކުނުގެ ސަރަހައްދަށް ކުއްލި ހަމަލާއެއް ދީ 1،139 މީހުން މަރާލިފަހުން އިޒްރޭލުން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ 2.3 މިލިއަން މީހުންނަށް ނުރައްކާ ވަނީ ބޮޑުވެފައެވެ. އިޒްރޭލުން ދިން ބޮމުގެ ހަމަލާތަކުގައި ގާޒާގައި ފަލަސްތީނުގެ 23،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު އޭގެ ތެރޭގައި ގާތްގަނޑަކަށް 10،000 ކުޑަކުދިން ވެސް ހިމެނެއެވެ.

މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން 1948 ވަނަ އަހަރު އެމީހުންގެ ބިން ދޫކޮށް ދާން މަޖުބޫރުކުރި އަދަދަށްވުރެ ދެގުނަ އިތުރަށް މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ގާތްގަނޑަކަށް 1.9 މިލިއަން މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ. ޔޫއެންއާރްޑަބްލިއުއޭ އިން ހިންގާ 155 ފެސިލިޓީއެއްގައި 1.4 މިލިއަން އިންޓާނަލް ޑިސްޕްލޭސްޑް ޕީޕަލް (އައިޑީޕީ) ހިޔާވަހިކަން ހޯދަމުން އަންނަ ކަމަށް އެ އެޖެންސީން ބުނެއެވެ.

އޭގެ ތެރޭގައި ޔޫއެންއާރްޑަބްލިއުއޭގެ މުވައްޒަފުން ވެސް ހިމެނެއެވެ. އެމީހުންގެ އަނބިދަރިންނާއި އެއްބަނޑު އެއްބަފާ މީހުންނާއި މައިންބަފައިން ހިޔާތަކުގައި ހަމަޖެއްސުމަށްފަހު، އެނބުރި ދާން ޖެހެނީ އެހީއަށް ބޭނުންވާ އެތައް ހާސް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

"މަސައްކަތް ކުރަމުން މިދަނީ ދިރިއުޅުމުގެ ވަރަށް ބިރުވެރި ހާލަތުތަކުގައި" އޮކާލް ބުންޏެވެ. "ކައިރީގައި ވައިގެ ހަމަލާއެއް ދޭ ކޮންމެ ފަހަރަކު ހުރިހާ އުމުރެއްގެ ކުދިން ހަޅޭއްލަވައި. ބޮޑެތި މީހުން އެކުދިން ހަމައަކަށް އަޅުވަން މަސައްކަތް ކުރާ އަޑު އިވޭ."

2022 ވަނަ އަހަރުގެ އޯޓަމްގައި ގާޒާގެ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ދަރިންނާއެކު ގޮނޑުދޮށުގައި އުފާފާޅުކުރަނީ

"އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް"

ހަނގުރާމައިގެ ކުރިން ވައިޓްގެ އާދައިގެ ދުވަހެއްގެ މަސައްކަތުގެ ތެރޭގައި ޓީމްގެ އިސް ބޭފުޅުންނާ ބައްދަލުކޮށް، ޔޫއެންއާރްޑަބްލިއުއޭގެ ސްޓާފުންނަށް އެ އެޖެންސީގެ ސްކޫލުތަކަށް ނުވަތަ ހެލްތް ކްލިނިކްތަކަށް ޒިޔާރަތްކުރުމަށް ނުކުތުމާއި ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރުން ހިމެނެއެވެ.

ނަމަވެސް ބޮމުގެ ހަމަލާތަކާއި ގުޅިގެން އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު އެ އެޖެންސީން ވަނީ ގާޒާ ސިޓީން އެ ސަރަހައްދުގެ ދެކުނުގައި އޮންނަ ރަފާހުގައި ހުންނަ ލޮޖިސްޓިކް ބޭސްއަކަށް ބަދަލުވެފައެވެ. އޭގެ ފަހުން އެ އެޖެންސީއަށް އަމާޒުކޮށް އިޒްރޭލުން ވަނީ ގިނަ ހަމަލާތަކެއް ދީފައެވެ.

ޔޫއެންއާރްޑަބްލިއުއޭގެ އެންމެ ފަހުގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި 132 އިންސްޓޯލްމަންޓަކަށް ގެއްލުން ލިބިފައިވާ އިރު އޭގެ ތެރޭގައި ސީދާ ހަމަލާ ލިބުނު 63 އިންސްޓޯލްމަންޓެއް ހިމެނެއެވެ. މީގެ އިތުރުން 52 ސްކޫލަކަށް ގެއްލުން ލިބިފައިވާއިރު 53 ސްކޫލަކަށް ވަނީ ސީދާ ހަމަލާތައް ދީފައެވެ.

ހަނގުރާމައިގެ ދަނޑިވަޅުތަކުގައި އދ އާއި އެޖަމިއްޔާގެ އިދާރާތަކަކީ އާންމުގޮތެއްގައި ހުރިހާ ފަރާތަކަށްވެސް އެހީތެރިކަން ފޯރުކޮށް ސުލްހަ ގާއިމްކުރުމަށް މަސައްކަތް ކުރާ ބައެކެވެ. ނަމަވެސް މިފަހަރު ފެންނަނީ ތަފާތު މަންޒަރެކެވެ.

އިޒްރޭލުން އދއަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ގިލާޑް އެރްދާން ވަނީ ޔޫއެންއާރްޑަބްލިއުއޭގެ މުވައްޒަފުން ހަމާސްއާ ގުޅުން އޮންނަ ކަމަށް ފާޅުގައި ތުހުމަތު ކޮށްފައެވެ. އޭނާ ބުނީ ހަމާސްގެ ނުފޫޒު ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ފޯރުކޮށްދޭ ރިޕޯޓާއި ތަފާސް ހިސާބުތަކުގެ ސައްހަކަމަށް ބުރޫ އަރާ ކަމަށެވެ.

އަފްގާނިސްތާން، އިރާގު، ލުބްނާން، ސީރިއާ، ލީބިޔާ، ރުވާންޑާ، އިރުމަތީ ޓިމޯރު އަދި ހިފާފައިވާ ހުޅަނގު އައްސޭރީގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އޮޕަރޭޝަންތަކުގައި އިސްކޮށް އުޅުއްވާ ވައިޓް ވަނީ، އިޒްރޭލު މަންދޫބު ކުރި ތުހުމަތުތަކާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވާން ދެކޮޅު ހައްދަވާފައެވެ. "އަޅުގަނޑުމެން މިވަގުތު ފޯކަސް ކުރަނީ އާދަޔާ ހިލާފު އުނދަގޫ ހާލަތްތަކުގައި ގާޒާގެ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތަށް."

މިދިޔަ މަހު ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އަލް ތާނީ ވަނީ ޔޫއެންއާރްޑަބްލިއުއޭގެ ކޮމިޝަނާ ޖެނެރަލް ފިލިޕް ލަޒާރިނީއަށް ދޯހާ ފޯރަމް އެވޯޑް ހަވާލުކޮށްދެއްވައި، އެ އެޖެންސީގެ މުވައްޒަފުން ގާޒާއާއި މުޅި ސަރަހައްދުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރައްވާފައެވެ.

"މި އެވޯޑަކީ ހާއްސަކޮށް ގާޒާއާއި މި ސަރަހައްދުގެ އެކި ކަންކޮޅުތަކުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެއް." ލަޒާރިނީ ވިދާޅުވިއެވެ.

ވައިޓް ވިދާޅުވި ގޮތުގައި ގިނަ މުވައްޒަފުންނަކީ އާއިލާތަކާ އެކު އުތުރުން ގެދޮރު ގެއްލި، މިހާރު އަމިއްލައަށް އައިޑީޕީ ހިޔާތަކުގައި ދިރިއުޅެމުން އަންނަ މުވައްޒަފުންނެވެ. އެކަމަކު އެމީހުން އަދިވެސް ކޮންމެ ދުވަހަކު ހެނދުނު މަސައްކަތަށް ނުކުމެ، ވަރުބަލިކަމުގެ ތެރޭގައިވެސް އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރެއެވެ.

"އެމީހުން ކުރާ މަސައްކަތުގެ ސަބަބުން އަހަރެންނަށް ހިތްވަރު ލިބޭ."

އިޒްރޭލުން ގާޒާއަށް ދިން ބޮމުގެ ހަމަލާގައި ޝަހީދުވި ބައެއް މީހުންގެ މަހާނަތަކަށް ފަލަސްތީނުގެ ކުޑަކުއްޖަކު ބަލަހައްޓައިގެން

"ގާޒާގެ އުތުރުން މިހާރު ފެންނަނީ މުޅިން އެހެން މަންޒަރެއް"

ޔޫއެންއާރްޑަބްލިއުއޭގެ މުވައްޒަފުންނެކޭ އެއްފަދައިން ގާޒާގެ ގިނަ ރައްޔިތުންވެސް ވަނީ ގާޒާގެ އުތުރުން ނުކުންނަން މަޖުބޫރުވެފައެވެ.

މީގެ ދޮޅު އަހަރު ކުރިން އަފްގާނިސްތާނުން ސީދާ ގާޒާއަށް ބަދަލުކުރި ވައިޓް ބުނީ ގާޒާއަށް ލިބުނީ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި ގާޒާގެ އުތުރުން މިހާރު ފެންނަނީ މުޅިން އެހެން މަންޒަރެއް ކަމަށެވެ. "ހުރިހާ ލޭންޑްމާކްތަކެއް ގޮސްފައިވާތީ ރައްޔިތުންގެ ގޯތި ގެދޮރު ވަނީ ނެތިގޮސްފައި."

ވާދީ ގާޒާގެ އުތުރުގައި، ދިން ބޮމުގެ ހަމަލާތަކުގައި އިމާރާތްތަކުގެ ދަށުގައި އެތައް ހާސް ބަޔަކު ވަނީ ވަޅުލެވިފައެވެ. ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އާންމުންގެ 8،000 މީހުން ގެއްލިފައިވާއިރު، އެމީހުން ޝަހީދުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

ގަތަރުގެ އެހީގައި ގާޒާގައި ހިންގާ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ކަންކަން ބެލެހެއްޓުމުގައި ދިހަ ވަރަކަށް އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ ގަތަރު ކޮމިޓީ ފޯ ދަ ރިކޮންސްޓްރަކްޝަން އޮފް ގާޒާ (ކިއުސީއާރްޖީ)ގެ ވައިސް ޗެއާމަން ހާލިދު އަލް ހަރްދާން ވިދާޅުވީ، ކުރީގެ ހަނގުރާމަތަކާ އަޅާބަލާއިރު މި ހަނގުރާމައިގައި ލިބުނު ގެއްލުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. ގާޒާގައި ކިއުސީއާރްޖީން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި ހޮސްޕިޓަލްތަކާއި އާޓިރިއަލް މަގުތަކާއި ލޯ ކޯޓާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިމެނެއެވެ.

"އާދައިގެ އިންސާނުންނެކޭ އެއްގޮތަށް ގާޒާގެ ރައްޔިތުންނަށްވެސް ދަރިންނަށް ކިޔަވައިދިނުމާއި، އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ހުރަހެއް ނެތި ދަތުރުކޮށް، ސުލްހަވެރިކަމާއެކު ދިރިއުޅުމުގެ ހައްގު ލިބިގެންވޭ. މިއަށްވުރެ ރައްކާތެރި ދިރިއުޅުމެއް އެމީހުންނަށްވެސް އުޅެވެން ޖެހޭނެ." އަލް ހަރްދާން ވިދާޅުވިއެވެ.

ކިއުސީއާރްޖީއިން އެހީތެރިކަން ފޯރުކޮށްދިން މަޝްރޫއުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އެ ކުންފުންޏަށް އެނގެއެވެ. އަޒް-ޒަހްރާގައި ހުންނަ ގާޒާގެ މައި ކޯޓް ކަމަށްވާ ޕެލަސް އޮފް ޖަސްޓިސް އާއި އެ ސްޓްރިޕްގެ ބީޗްފްރަންޓް ކައިރީގައި އޮންނަ އަލް ރާޝިދު މަގުގެ ބައެއް ސަރަހައްދުތައް އިޒްރޭލުން ދިން ހަމަލާތަކުގައި ވަނީ ހަލާކުވެފައެވެ.

ގަތަރު ފަންޑް ފޯ ޑިވެލޮޕްމަންޓް (ކިއުއެފްއެފްޑީ) ގެ ހިލޭ އެހީގެ ދަށުން 2019 ވަނަ އަހަރު ނިމުނު ޝެއިހް ހަމަދު ބިން ހަލީފާ ހޮސްޕިޓަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ގާޒާގެ އުތުރުގައި ހުންނަ ކިއުސީއާރްޖީގެ މައި އޮފީހަށް ނުވަނުމަށް އިޒްރޭލު ސިފައިންނަށް ތަކުރާރުކޮށް އިންޒާރު ދިން ނަމަވެސް، އެމީހުން ވަނީ އެތަނަށް ވަދެ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އޭގެ ފަހުން އެ ކޮމެޓީން ވަނީ މިސްރާއި އެކު އޮންނަ ރަފާހު ބޯޑަރު ކައިރީގައި އެ ކޮމެޓީގެ އޮޕަރޭޝަން ދެކުނަށް ބަދަލުކޮށްފައެވެ.

އަލްހާދާން ވިދާޅުވީ ކިއުސީއާރްޖީގެ ހުރިހާ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނަކީ އދ އާއި އިޒްރޭލު ހިމެނޭ ގޮތަށް މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތަކުން ވެސް ވެޓްކޮށް އެޕްރޫވްކުރާ ޕްރޮޖެކްޓްތަކެއް ކަމަށާއި، މަޝްރޫއުތައް ހިންގަނީ އެއީ މަދަނީ އިންފްރާސްޓްރަކްޗާއެއްގެ ގޮތުގައި ގިންތިކުރެވިފައިވާ އަދި ހަނގުރާމަތަކުގައި ޓާގެޓް ނުކުރާނެ ކަމަށް ވިސްނައިގެން ކަމަށެވެ.

ނަމަވެސް ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު، 2016 ވަނަ އަހަރު ހުޅުވި އަދި ކޮމިޓީގެ އެންމެ ފަހުގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ ހާން ޔުނިސް ސިޓީގެ ހަމަދު ހައުސިން ކޮމްޕްލެކްސްއަށް އިޒްރޭލުން ވައިގެ ހަމަލާއެއްދީ، މުޅި ހަތަރު އެޕާޓްމަންޓް ބްލޮކް ވަނީ ހަލާކު ކޮށްލާފައެވެ. އޭގެ ތެރެއިން 1،000 އަށް ވުރެ ގިނަ އެކޮމޮޑޭޝަން ޔުނިޓް ފޯރުކޮށްދީފައިވަނީ 2021 ވަނަ އަހަރު އިޒްރޭލުން ގާޒާގައި ކުރި ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންނަށެވެ. އަލް ހަރްދާން މި ހަމަލާތައް ސިފަކުރެއްވީ "ލަދުވެތި" ހަމަލާތަކެއް ގޮތުގައެވެ.

ގާޒާ ސިޓީގައި ހުންނަ އދ.ގެ ސްކޫލެއްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔޫއެންއާރުޑަބްލިއުއޭގެ ގާޒާގެ ޑިރެކްޓަރު ތޯމަސް ވައިޓް ބައިވެރިވެވަޑައިގަންނަވަނީ

"އެންމެ ބޮޑު ގޮންޖެހުން"

މިދިޔަ ހަފުތާގައި އދ.ގެ ތަޖުރިބާކާރުން ބުނެފައި ވަނީ އިޒްރޭލުން ނުރައްކާތެރި ބޮމުގެ ހަމަލާތައް ދެމުން ގެންދާއިރު ފަލަސްތީނުގެ ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ކާބޯތަކެތި ނުލިބޭ ކަމަށާއި އާބާދީގެ ދެބައިކުޅަ އެއްބައި މީހުން މިހާރު ތިބީ ބަނޑުހައިހޫނުކަމުގައި ކަމަށެވެ.

ވައިޓް ވިދާޅުވި ގޮތުގައި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 100 އެހީދޭ ޓްރަކް ގާޒާއަށް އެތެރެވަމުން ދެއެވެ. އެއީ ކިރިޔާވެސް ފުދޭ މިންވަރެއް ނޫނެވެ. އެއާ އަޅާބަލާއިރު، 2014 ވަނަ އަހަރު 51 ދުވަހުގެ ހަނގުރާމައިގައި 500 ޓްރަކް އެ ސަރަހައްދަށް ވަންނަމުން ދިޔައެވެ. "އެހާ މަދުން އެހީގެ ޓްރަކްތައް ވެއްދުމުގެ ހުއްދަ ދެންޏާ ހާލަތު ދުވަހަކުވެސް ރަނގަޅު ނުވެދާނެ".

ވައިޓް ވިދާޅުވީ ބައެއް ކޭމްޕްތަކުގައި 40،000 އެއްހާ މީހުން ދިރިއުޅެމުން އަންނައިރު، ފިނި މޫސުން ގޯސްވެ، ޒަރޫރީ ވަސީލަތްތަކާއި ސާފު ބޯފެން ވެސް ނުލިބޭ ކަމަށެވެ.

"ފިނި މޫސުމުގެ ތޫފާންތައް އަންނައިރު، އެތަނުގައި ލަކުޑި އާއި ޕްލާސްޓިކްގެ ވަގުތީ ބިނާތަކުގައި ތިބޭ މީހުންނަށް ވަރަށް ގެއްލުންވާނެ. އެކަމުގެ ސަބަބުން ބޮޑު ކާރިސާއެއް މެދުވެރި ވެދާނެ." އޭނާ ވިދާޅުވިއެވެ.

ކާބޯތަކެތިވެސް ވަރަށް މަދެވެ. "އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި ބަހަނީ ފުށް، އެކަމަކު މިހާރު ސްޓޮކް ހުރީ 24-48 ގަޑިއިރަށް ވާވަރަށް." ވައިޓް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބައެއް ސްޓާފުންނަށް ލިބުނު ބޮޑު ގެއްލުންތަކުގެ ސަބަބުން އިންސާނީ ބޭނުންތަކަށް ބޭނުންވާ މިންވަރަށް އެހީތެރިކަން ވެސް ނުދެވޭނެ."

ފަލަސްތީނުގެ ރައްޔިތަކު އޭނާގެ ދަރި ގައިގައި ބައްދާލައިގެން

ވަސީލަތްތައް ނެތިގެން ދަނީ

ޔޫއެންއާރުޑަބްލިއުއޭ އިން ތައުލީމާއި ސިއްހީ ދާއިރާ އާއި ރިލީފް އަދި އިޖުތިމާއީ ހިދުމަތްތަކާއި މައިކްރޯފައިނޭންސް އާއި އިންފްރާސްޓްރަކްޗާ އަދި ކޭމްޕް އިމްޕްރޫވްމަންޓްގެ އިތުރުން އިމަޖެންސީ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދެއެވެ.

އެހެންނަމަވެސް، ބޭނުންތަކާއި ހިންގުމުގެ ހަރަދު އިތުރުވުމުގެ ސަބަބުން، ހަރަދު ކޮންޓްރޯލް ކުރުމާއި، ހަރުކަށި ފިޔަވަޅުތައް އެޅުމާއި، ދަރަނި ޖަމާކޮށްގެން ވޭތުވެދިޔަ 10 އަހަރުގެ ކްރޮނިކް އަންޑަފަންޑިން މެނޭޖްކުރުމުގެ ގާބިލުކަން ހުރި މިންވަރަށް އެ އެޖެންސީއަށް ވަނީ ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވެފައެވެ.

ނޯވޭ، ޖަޕާން، ޖަރުމަނުވިލާތް އަދި ގަލްފުގެ ބައެއް ގައުމުތަކުން ދަނީ ޔޫއެންއާރުޑަބްލިއުއޭއަށް އެހީތެރިވުމުގެ އިތުރުން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ވެސް އަމިއްލައަށް ހިންގަމުންނެވެ.

ގަތަރުން ވަނީ ވަރުގަދަކޮށްފައެވެ. ފާއިތުވި ފަސް އަހަރުގެ ތެރޭގައި ގަތަރުން ވަނީ އެ އެޖެންސީއަށް 74 މިލިއަން ޑޮލަރުގެ އެހީ ދީފައެވެ. ހަނގުރާމައިގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މެދުވެރިވުމުގައި ލިންޗްޕިންއެއްގެ ގޮތުގައި ހަރަކާތްތެރިވާ އެ ގައުމުން ވަނީ 2012 ވަނަ އަހަރުން ފެށިގެން ސީދާ ގާޒާގައި 2.1 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައެވެ.

ނަމަވެސް ގަތަރަށް ވެސް ވަނީ ހަނގުރާމައިގެ ތެރޭގައި ގާޒާއަށް އެހީ ފޯރުކޮށްދިނުމުގައި ހުރަސްތަކެއް ކުރިމަތިވެފައެވެ. ކިއުއެފްއެފްޑީގެ ޑިރެކްޓާ ޖެނެރަލް ހަލީފާ ޖާސިމް އަލް ކުވާރީ ވިދާޅުވީ ގާޒާއަށް އެހީ ހޯދުމަކީ ގަތަރާއި ކިއުއެފްއެފްޑީއަށް އެންމެ ގޮންޖެހުން ބޮޑު މަސައްކަތަކަށް ވެފައި ވަނީ އެ ސަރަހައްދުގެ ސިޔާސީ، އިޖުތިމާއީ އަދި ސަލާމަތީ ހާލަތާ ގުޅުން ހުރި ތަފާތު ސަބަބުތަކުގެ ސަބަބުން ކަމަށެވެ. "ގާޒާގައި މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކުވެސް ގާޒާގެ ރައްޔިތުންނަށް މުހިންމު އެހީތެރިކަން ފޯރުކޮށްދިނުމުގައި ކިއުއެފްއެފްޑީން ދެމިއޮންނާނެ."

އަލްކުވާރީ ވިދާޅުވީ އެ ފަންޑުން ގާޒާއަށް ފޮނުވަން ނިންމާފައިވާ އިތުރު ސާމާނުތަކުގެ ތެރޭގައި ސިއްހީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. "އަޅުގަނޑުމެންގެ ކޯލަބްރޭޓިވް އެޕްރޯޗްގެ ތެރޭގައި ގަތަރު ރެޑް ކްރެސެންޓާއި ގަތަރު ޗެރިޓީ ފަދަ ލޯކަލް އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ އިތުރުން އެހެނިހެން ލޯކަލް އަދި ބައިނަލްއަގުވާމީ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުން ހިމެނޭ." އޭނާ ވިދާޅުވިއެވެ.

"މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ފަލަސްތީނުގެ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެފައިވާތަން ފެނުމަކީ ހަގީގަތުގައި ވެސް ހިތާމަހުރި ކަމެއް. އަޅުގަނޑުމެންގެ މިޝަންގައި ހުރި ދަތިތައް އަޅުގަނޑުމެންނަށް އެނގޭ. އެހެންނަމަވެސް، އަޅުގަނޑުމެން މިތިބީ މި ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތަކާ ހަމައަށް އެހީ ފޯރުވައި، ފުރާނަ ސަލާމަތްކުރުމަށް ކުރެވެން ހުރި މަސައްކަތްތަކުގައި ސާބިތުކަމާ އެކީގައި." އަލްކުވާރީ ވިދާޅުވިއެވެ.

އިޒްރޭލުގެ ކެބިނެޓުން މިދިޔަ ހަފުތާގައި ކަރެމް އަބޫ ސަލީމް ހުޅުވީ ރަފާހު ބޯޑަރު ސަރަހައްދުން ދުވާލެއްގެ މައްޗަށް 200 ޓްރަކްގެ އެހީ ވެއްދުމުގެ ވައުދު ފުއްދުމަށެވެ.

ހަނގުރާމައިގެ ކުރިންވެސް، ގާޒާގެ އިގްތިސާދީ އަދި އިޖްތިމާއީ ލޮކްޑައުންގެ ސަބަބުން، ވަޒީފާ ނެތް މީހުންގެ ނިސްބަތް ވަނީ ގާތްގަނޑަކަށް 50 ޕަސެންޓްގައެވެ. އާބާދީގެ ގާތްގަނޑަކަށް 81.5 ޕަސެންޓް މީހުން ދިރިއުޅެމުން ދިޔައީ ފަގީރުކަމުގެ ދަރަޖައިގެ ދަށުގައެވެ. 700،000 މީހުން ނިކަމެތި ފަގީރުކަމުގެ ދަރަޖައިގައި ދިރިއުޅެމުން ދިޔައިރު، އާބާދީގެ 40 ޕަސެންޓް މީހުންނަށް އެކަށީގެންވާ ވަރަށް ކާބޯތަކެތި ނުލިބެއެވެ.

އެ ހާލަތު މިހާރު ވަނީ އިތުރަށް ހަލަބޮލިވެފައެވެ.

ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހާ ހަމައަށް އދ.ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ގާޒާގެ ގާތްގަނޑަކަށް 70 ޕަސެންޓް ހައުސިން ޔުނިޓްތަކަށް ގެއްލުންލިބި، ނުވަތަ ހަލާކުވެ، 352 ސްކޫލަކަށް ގެއްލުންލިބި، ބާކީ ހުރި ތައުލީމީ މަރުކަޒުތަކުން އަންނަނީ ގެދޮރު ގެއްލިފައިވާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ. ގާޒާގެ ހޮސްޕިޓަލްތަކުގެ ދެބައިކުޅަ އެއްބައި ހިދުމަތް ނުލިބި، ސިވިކް އިންފްރާސްޓްރަކްޗާ އާއި ފެކްޓްރީތަކާއި ވިޔަފާރިތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސަށް މިދިޔަ މަހު ލިޔުއްވި ލަޒާރީނީ ވަނީ ގާޒާގައި ޔޫއެންއާރުޑަބްލިއުއޭގެ މެންޑޭޓް ފުއްދުމުގެ ގާބިލްކަން ވަރަށް ބޮޑަށް މަދުކަމަށް އިންޒާރު ދެއްވާފައެވެ. މުޅި އިންސާނީ އިޖާބަ ވަރަށް ބޮޑަށް ބަރޯސާވެފައި ވަނީ އެ އެޖެންސީގެ ކެޕޭސިޓީގެ މައްޗަށެވެ.

ނަމަވެސް ވައިޓް ވިދާޅުވި ގޮތުގައި ހުއްޓާލުމަކީ އޮޕްޝަނެއް ނޫނެވެ. "އަޅުގަނޑު އަޅުގަނޑުމެންގެ ސްޓާފުންނަށް ދެންނެވިން، ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭނެ ވަސީލަތްތައް އަތުގައި ނެތަސް، އެންމެ ފަހު ފުށް ކޮތަޅާއި އެންމެ ފަހު ތެޔޮ ތިއްކާ ހަމައަށްވެސް މަސައްކަތް ކުރަމުން ގެންދިއުމަށް."

ވައިޓް ވިދާޅުވީ ގާޒާގައި އޭނާގެ ހީވާގި ޓީމުން ގާޒާގެ ރައްޔިތުންނާ ހަމައަށް "ފަސްޓް ރޭޓް ސްކޫލްތަކާއި ހެލްތް ކްލިނިކްތައް" ގެނައުމަށް ކުރި މަސައްކަތާ މެދު ފަހުރުވެރިވާ ކަމަށެވެ.

"ގާތްގަނޑަކަށް 10 ހަފުތާގެ ތެރޭގައި އެ ހުރިހާ އެއްޗެއް ވަނީ ހަލާކުވެފައި. ހަގީގަތުގައި ވެސް އެއީ ވަރަށް ހިތާމަހުރި ކަމެއް." އޭނާ ވިދާޅުވިއެވެ.

ހަނގުރާމަ ނިމޭއިރު ގާޒާއަށް އެއްވެސް މުސްތަގުބަލެއް އޮންނާނެތޯ ސުވާލު ކުރުމުން ވައިޓް ވިދާޅުވީ މުސްތަގުބަލަށް މާ ދުރު ރޭވުންތައް ރޭވުމަކީ އޭނާ އާއި އޭނާގެ ޓީމަށް ނުކުރެވޭނެ ކަމެއް ކަމަށެވެ.

"އަހަރެމެން ފޯކަސް ކުރަނީ މިއަދާއި މާދަމާއަށް." އޭނާ ވިދާޅުވިއެވެ.

ގާޒާގެ ހަލާކުވެފައިވާ ސިވިކް އިންފްރާސްޓްރަކްޗާގެ ފުރިހަމަ މިންވަރު ވަރަށް ރަނގަޅަށް ދެނެގަނެ، އޭނާގެ ޓީމުތަކާއެކު އެތައް އަހަރެއް ހޭދަކުރައްވާފައިވާ އަލްހާރްދާން ވިދާޅުވީ، އިޒްރޭލުން ދެމެހެއްޓެނިވި ގޮތެއްގައި، އަދި މިހާރު ހަމަލާތައް ދެމުންދާ ދުވެލީގައި ހުއްޓުމެއް ނެތި ހަމަލާތައް ދޭނަމަ ގާޒާއަށް މިކަމުން އަރައި ނުގަނެވޭނެ ހިސާބަށް ހާލަތު ގޮސްފާނެ ކަމަށެވެ.

"އެހެން ނަމަވެސް ވަގުތުން މި ހަނގުރާމަ ހުއްޓާލުމާއެކު މިކަމުން ސަލާމަތްވެވިދާނެ." އޭނާ ވިދާޅުވިއެވެ. "އެކަން ކުރުމުގައި މިނިވަން ދުނިޔެއާއި، ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބާރުލުމާއި، އަދި ވަކިން ހާއްސަކޮށް އެމެރިކާއިން އިޒްރޭލަށް ޕްރެޝަރުކޮށް، ގާޒާ އަލުން އާރާސްތުކުރުމަށް ބޭނުންވާ ތަކެތި އަނބުރާ އެ ސަރަހައްދަށް ވަނުމުގެ ފުރުސަތު ދޭން ޖެހޭ."