ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދ.ގެ 79 ވަނަ އާންމު މަޖިލީހުގައި އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން އެހޯލުގައި ތިބި ގިނަ ބަޔަކާ އެކު ރާއްޖޭގެ ވަފްދު އެތަނުން ނިކުމެއްޖެއެވެ.

ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ، ރާއްޖޭގެ ވަފްދު އެހޯލުން ނުކުތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަލަސްތީނާ މެދު ގެންގުޅުއްވާ ހާއްސަ ކަމާއި، ފަލަސްތީނުގެ ހައްގުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ހާއްސަ މަސައްކަތްޕުޅަށް އިހްތިރާމް ކުރުމުގެ ގޮތުން ކަަމަށެވެ.

މިއަދު ކުރިއަށް ދިޔަ މަޖިލީހުގައި ނަތަންޔާހޫ ވާހަކަދައްކަން ފެށުމާއެކު ރާއްޖޭގެ ވަފްދުގެ އިތުރުން އެ ހޯލުގައި ތިބި ގިނަ ބަޔަކު ވަނީ ތަޅުން ދޫކޮށް ގޮސްފައެވެ. މި ކަން ފާހަގަކޮށް މި ވަގުތު ސޯޝަލް މީޑިއާ އެތައް ބަޔަކު އަންނަނީ އިޒްރޭލު ލަދުގަންނަވަމުންނެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއެކު އދގެ އާންމު މަޖިލީހަށް ނަތަންޔާހޫ ދިއުމުން އިސްތިގުބާލުގައި އެންމެން އަތްތިލަބަޑި ޖަހައި، ހޫނު މަރުހަބާއެއް ކިޔާނެ ކަަމަށް ދުށުމަކީ ވަރަށް ބޮޑު ހީއެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި އދގެ މަޖިލީހުގެ ތަޅުން ދޫކޮށް ދިޔަ މީހުންގެ އަމަލުތަކުން މުޅި ދުނިޔެއަށް އެދިނީ ވަރަށް ބޮޑު މެސެޖެއް ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެކަމުގެ ކަށަވަރުކަން ދެއްވާފައެވެ. އދ.ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ހާލަތު ބަދަލުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ގުޅިގެން މަސައްކަތްކުރުމަށާއި އެފަރާތްތަކުން އެއްބާރުލުން ދިނުމަށް ގޮވާލައްވާފައެވެ.