ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ފުވައްމުލަކު ސިޓީއަށް ވަޑައިގެންފިއެވެ.
ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 27ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަސް ގޮތުގައި ފާހަގަ ކުރާ ދުވަސް ކަމުގައިވާ އިރު، މި އަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް މިނިސްޓަރު ފައިސަލް ކުރައްވާ މި ދަތުރުގައި އެ ސިޓީގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި ފުވައްމުލަކުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި، ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން، މިރޭ ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ފުވައްމުލައް ޓޫރިޒަމް އެވޯޑް 2024" ގެ ހަފުލާގައި ހާއްސަ މެހެމާނެއް ގޮތުގައި މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. މި ހަފުލާގައި ފުވައްމުލަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ހިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރުގެ މި ދަތުރަކީ ފުވައްމުލަކުގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ދަތުރެއް ކަމަށް އެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.