ކޮންމެ ފަރުދަކާ މާތްﷲ ހަވާލު ކުރައްވާފައިވާ މަސްއޫލިއްޔަތަކީ އަމާނާތެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާ ހާއްސަ ކޮށްފައި ވަނީ "ޒިއްމާދާރުވުމާއި މަސްއޫލިއްޔަތު އުފުލުން" މި މައުލޫގެ މައްޗަށެވެ.
ކޮންމެ އިންސާނަކީ ވެސް މީހަކު މި ދުނިޔޭގައި ކުޅަ ކޮންމެ އަމަލަކާ މެދު، ބުނި ކޮންމެ ބަހަކާ މެދު، މާތްﷲގެ ހަޒްރަތުގައި ޖަވާބުދާރީވާން ޖެހޭނެ މީހެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، މައިންބަފައިން، މުދައްރިސުން، އެކިއެކި އޮފީސްތަކުގެ ވެރީންނާއި މުވައްޒަފުން އެމީހުންނާ ހަވާލުވެފައިވާ މަސްއޫލިއްޔަތާ މެދު ދުނިޔެއާއި އާހިރަތުގައި ވެސް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ގައުމުގެ އިސް ވެރީންނާއި، ގާނޫނު ހަދާ މުއައްސަސާތަކާއި، އަދުލުއިންސާފު ގާއިމުކުރާ މުއައްސަސާތަކާއި، ގާނޫނު ނަގަހައްޓާ މުއައްސަސާތަކާއި، ގައުމުގެ ސިޔާދަތާއި އަމްނު އަމާންކަން ބަލަހައްޓާ މުއައްސަސާތަކާއި، އިގްތިސާދާއި ބައިތުލްމާލު ބަލަހައްޓާ މުއައްސަސާތަކުގެ ޒިންމާއާއި މަސްއޫލިއްޔަތު ވަކިން ބޮޑު ކަމަށް ހުތުބާގައި ބުންޏެވެ.
އަދި އަހަރުމެންގެ ތެރޭ ބައެއް މީހުންނަކީ އަދާކުރާ މަސްއޫލިއްޔަތުގެ ބާވަތުން އިހްލާސްތެރިކަމާއެކު އެ މަސްއޫލިއްޔަތު އަދާކުރުމަށް މާތް ﷲ ގަންދީ ހުވާ ކޮށްގެން ތިބި ބަޔަކަށްވާއިރު އެފަދަ ފަރާތްތަކުން ވެފައިވާ އަހުދާއި ހުވަޔަށް ހުރުމަތްތެރިކޮށްހިތުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. ކޮންމެ މީހަކާ ހަވާލުވެފައިވާ މަސްއޫލިއްތު އަދާކުރީ ކިހިނެއްތޯ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނެ ކަމަށާއި ކޮންމެ މަސްއޫލިއްޔަތަކީ، މާތް ﷲ އެ ފަރާތަކާ ހަވާލުކުރައްވައިފައިވާ ވަރަށް ބޮޑު އަމާނާތެއް ކަމަށް ހުތުބާގައި ބުންޏެވެ.
އެހެންކަމުން އެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުނުވުމަށް ވަނީ ތަކުރާރުކޮށް ނަސޭހަތްތެރިވެފައެވެ. ގިޔާމަތް ދުވަހަކީ ބަހަނާއެއް ދެއްކޭނެ ދުވަހެއް ނޫން ކަމަށާއި އެ ދުވަހަކީ ތިމާ މި ދުނިޔެމަތީގައި ކޮށްފައިވާ އެއްވެސް ކަމަކުން ރެކެވޭނެ ދުވަހެއް ނޫން ކަމަށް ބުނެފައި ވެއެވެ.
އަދި ހަމައެހެންމެ ގައުމުގެ ވަހުދަތާއި ސިޔާދަތު ދެމެހެއްޓުމީ، އެންމެންގެ މަސްއޫލިއްޔަތެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، މި ކަންކަން ދެމެހެއްޓޭނީ އެންމެން އެކުވެ މުޖުތަމައުގެ ކޮންމެ ފަރުދަކުމެ އޭނާގެ ޒިއްމާތަކާއި މަސްއޫލިއްޔަތުތައް އަދާކޮށްގެން ކަމަށެވެ.