މާލޭގެ މަގުތަކުގެ އަމާންކަން ކަށަވަރުކުރަން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން ބުނިގޮތުގައި މި ހާއްސަ އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުންތައް، އިތުރަށް ހަރުދަނާކަމާއެކު ތަންފީޒުކޮށް، މާލޭގެ މަގުތައް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުން ކަމަށެވެ.

އެގޮތުން، މަގުމަތީގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކޮށް، މަގުމަތީގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދިނެވެ.

އިއްޔެ ފެށި މި އޮޕަރޭޝަނުގައި މާލެ ޕޮލިސް ކޮމާންޑުގެ ހެޑާއި، ވިންގުތަކުގެ ވެރިންގެ އިތުރުން މާލޭ ޕޮލިސްގައި މަސައްކަތްކުރާ ހުރިހާ އޮފިސަރުން މަގުމަތީ ޓްރެފިކް ބަލަހައްޓަން އަމަލީ ގޮތުން ވަނީ ބައިވެރިވެފައެވެ. މި އޮޕަރޭޝަން ފަށާފައި މިވަނީ ސްކޫލް ޗުއްޓީއަށް ގިނަ ބަޔަކު މާލެ އަންނަ ދުވަސްވަރާދިމާކޮށް ކަން ފާހަގަކޮށްލެވެއެވެ.

މާލޭގައި ފުލުހުން ފެށި ހާއްސަ އޮޕަރޭޝަންގެ ތެރެއިން

ފަހަކަށް އައިސް މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވުމާއެކު އެކިއެކި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން މަގުތަކުގެ ފޯރިމަރަން ފުލުހުން ހަރަކާތްތެރިވުމުންދާ މިންވަރު އިތުރުކުރުމުގެ އިތުރުން ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.