މާލެ ސިޓީ ކައުންސިލާއި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ގުޅިގެން ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައި އިމާރާތް ކުރަމުންދާ ކެޓް ޝެލްޓާ (ބުޅާ ފެސިލިޓީ) އަށް ބޭނުންވާ އިކުއިޕްމަންޓް ހޯދަން ބަޔަކާ ހަވާލުކޮށްފިއެވެ.

މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތާއެކު ކެޓް ޝެލްޓާ އެޅުމުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމާއި މިނިސްޓްރީ އޮފް އެގްރިިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމް އަހުމަދުއެވެ.

ދެ މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ބުނި އެ މަޝްރޫއު މިހާތަނާށް ނިމިފައި ނުވާއިރު މިއަދު ވަނީ އެ ފެސިލިޓީއަށް ބޭނުންވާ ސާމާނު ހޯދަން ރެޕިޑް އިންޖިނިއަރިންގް ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައެވެ. އެ މަސައްކަތް ކުރަން އެ ކުންފުންޏާ ހަވާލު ކުރީ 210,036.61 ރުފިޔާ އަށެވެ.

މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ހާއްސަ ޝެލްޓާއެއް ގާއިމް ކުރުމަށް 5000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނެވެ.

މާލޭ ސަރަަހައްދުގައި ދިރިއުޅޭ ބުޅާތައް ބެލެހެއްޓުމަށް ވަގުތީ ފެސިލިޓީ ނިމޭއިރު ބުޅާތަކަށް ހާއްސަ ހޮޓަލަކާއި ޕާކެއްގެ އިތުރުން ފިހާރައެއް ހުންނާނެއެވެ. ވަގުތީ ޝެލްޓާ އެޅުމަށް ސިޓީ ކައުންސިލާ ހަވާލުކޮށްފައި ވަނީ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

މާލޭގައި ބުޅަލުގެ އާބާދީ 3000 އަށް އަރާނެ ކަމަށާއި އެކަމަށް އެދެވޭ ހައްލެއް ނުލިބިއްޖެނަމަ ބުޅަލުގެ އާބާދީ 9000 އަށް އިތުރުވާނެ ކަމަށް މާލެ މޭޔަރު އާދަމް އާޒިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.