އާމިނަ ބިރުގެންފައި ހުރި ވަރު ފެނުމުން ރިޔާޒް އެކަމުގެ ތެރެއަށް ނުވަންނާނަން ކަމަށް އެއްބަސްވެ ބޯ ޖަހާލިއެވެ. ނަމަވެސް މަންޝާގެ މަންމައަށް ވީ ވައުދު ރިޔާޒްގެ ހަނދާނަކުން ފިލައިގެން ނުދެއެވެ.
*** *** *** *** *** ***
ބޮޑު ފެން ފުޅިއެއް ބޯލައިގެން އެނދުގައި ހަމަޖެހިގެން އޮވެވޭތޯ މަންޝާ މަސައްކަތް ކުރިއެވެ. މަންޝާ ހުރީ ކުޑަކަމު ދާން ބޭނުން ވެފައެވެ. ނަމަވެސް މަޑުކޮށްގެން އޮތީ ނަރުސް ކުއްޖެއް އަންނާނެ ވާހަކަ ބުނެފައި އޮތުމުންނެވެ. ކޮޓަރިން މަދީހާ އާއި މުނީރާ ނިކުމެގެން ދިޔައީ ރޭގަނޑުގެ ކެއުމަށް މަންޝާއަށް އެއްޗެއް ހަދައިގެން ގެނެސްދޭނެ ކަމަށް ބުނެފައެވެ. އެހެންކަމުން މަންޝާ ކައިރީގައި އެވަގުތު ހުރީ އަޒީމެވެ. އަޒީމާ ވާހަކަ ދައްކަން ބޭނުން ނުވާތީ އެނދުގައި އެއް އަރިއަކަށް އޮށޯވެ ދެލޯ މަރާލިއެވެ.
"މަންޝާ...." މީހަކު ގޮވާލި އަޑު ޖެހުމުން، އެ އަޑު އައި ދިމާލަށް އެނބުރެން މަންޗާ ފަހަތަށް މޫނު އަނބުރާ ބަލާލިއެވެ. ބެރެބެދި ގަސް ދަށުގައި އެހުރީ ޒިބާނެވެ. މަންޝާއަށް ހިނިތުންވެވުނެވެ. ޒިބާން އައިސް މަންޝާގެ އަތުގައި އޮތް ފަށް ނަގާ މަންޝާގެ ކަރުގައި އަޅާލިއެވެ. އަދި އެފަށަކީ އެ ދެމީހުންގެ ލޯބިގެ ނިޝާން ކަމާ އެފަށް އަބަދުވެސް މަންޝާގެ ހިތާ ކައިރީގައި ގެނގުޅެން ޒިބާން އެދުނެވެ. މަންޝާ ފަށުފުލުގައި ފިރުމާލަމުން އަހާލިއެވެ.
"ޟިރާރަކީ އަހަރެންގެ ބައްޕަތަ؟... އޭނަ އައި... އައިމަ އަހަރެންނަށް ވަރަށް އުނދަގޫވި..." މަންޝާ ކުރި ސުވާލަށް ޖަވާބުދެމުން ޒިބާން އެ މައުލޫ އޮޅުވާލަން މަސައްކަތް ކުރިއެވެ.
"އާން އެއީ މަންޝާގެ ބައްޕަ... މަން.. އަހަރެން ގޮވާލާނަން ބޭސް ބޯ ގަޑި ޖެހުނީމަ.. މީހުންގެ ތެރޭ މާބޮޑަށް ތެޅިގަނެ ކަމެއްވާކަން ނުދައްކާ ވޭތޯ ބަލާތި... އަހަރެން ގޮވާލީމަ މަޑުުމަޑުން ފާޚާނާއަށް އާދޭ... އިނގޭ..." ޒިބާން މިހެން ބުނެލަމުން މަންޝާގެ ނިތްކުރިއަށް ބޮސްދިނެވެ. އަދި މޭގައި ގެނެސް މަންޝާގެ ހަށިގަނޑު ޖައްސާލަމުން ޒިބާންގެ ދެއަތުގެ ތެރޭގައި މަންޝާގެ ހަށިގަނޑު ފޮރުވާލިއެވެ.
"މަންޝާ... މަންޝާ..." މީހަކު ގޮވާ އަޑަށް މަންޝާ ލޯހުޅުވާ ބަލާލިއެވެ. އެއީ އަޒީމްކަން އެނގުމުން މަންޝާ ދެލޯ އަޅާލިއެވެ. ނަރުސްކުއްޖެއް އޭރު އެ ކޮޓަރި ތެރޭ ހުރުމުން މަންޝާ ވާހަކަ ދެއްކީ އެ ކުއްޖާއާއެވެ. ވަރަށް ބޮޑަށް ހީސްލަވާ ކަމަށް ބުނުމުން ސްކޭން ކުރަން ދާން ހިނގާށޭ ނަރުސްކުއްޖާ ބުނެލިއެވެ. ކޮޓަރިއަށް ގެނެސްފައިވާ ފުރޮޅުލީ ގޮނޑީގައި މަންޝާ އިށީނެވެ. އެ ހިސާބުން އެ ގޮނޑި ދުއްވާލީ ލިފްޓާ ދިމާއަށެވެ.
ސްކޭން ކުރަން ދާން ފެށުމުން މަންޝާގެ ހިތް ބާރުބާރަށް ތެޅިގަތެވެ. މަންޝާގެ ބަނޑުގައި އޮތީ އިންސާނެއް ނޫންކަން އެނގޭތީއެވެ. އެމީހުން ސްކޭން ކުރުމުން ހުރިހާ ކަމެއް ފަޅާ އަރާނެތީ މަންޝާ ބިރުގަތެވެ. އެހެންވެއްޖެ ނަމަ އެމީހުން އެކުއްޖާގެ ދުވަސް ދުއްވާލާނެއެވެ. ހިތާހިތުން ޒިބާނަށް ގޮވާލެވުނެވެ. އެވަގުތު އެމީހުން އަރަން ހުރި ލިފްޓުގެ ދޮރު ހުޅުވުނެވެ. ލިފްޓްތެރޭ ހެވިދިލިފަ ހުރި ޒިބާން ފެނުމުން މަންޝާއަށް ވެސް ހިނިތުންވެވުނެވެ. މަންޝާއަށް ވަމުން ދިޔަގޮތް އަޒީމަށް ކޮންމެވެސް ވަރަކަށް ފާހަގަވިއެވެ. މަންޝާގެ ކަޅި އަމާޒްވެފައިވާ ދިމާއަށް އަޒީމް ބަލާލިއެވެ. ނަމަވެސް އަޒީމަކަށް އެތަނުން އެހެން މީހަކު ނުފެނެއެވެ.
ސްކޭން ކުރާ ކޮޓަރިއަށް ވެއްދުމަށްފަހު އެކޮޓަރީގައިވާ ހަނި އެނދުގައި މަންޝާ ބޭއްވިއެވެ. އެވަގުތު މަންޝާގެ ގާތުގައި ޒިބާން ހުއްޓެވެ. އަޒީމް ވެސް އިނީ މަންޝާގެ ގާތުގައި ހުރި ގޮނޑިއެއްގައި އިށީނދެގެންނެވެ. ސްކޭން ކުރާ ޑޮކްޓަރ ސްކޭން ކުރަން ފެށީ އެވަގުތުއެވެ. އަޒީމް ދެލޯ ހަނިކޮށްގެން ޑޮކްޓަރ ސްކޭން ކުރަމުން ދިޔަ އިރު އެ މަންޒަރު ފެންނަމުން ދިޔަ މޮނީޓަރަށް ބަލަމުން ދިޔައެވެ. އޭގެން އެފެންނަ އެއްޗެއް އަޒީމަކަށް ނޭނގުނެވެ.
ޑޮކްޓަރ މަންޝާ ގާތު އޭނާ އެންމެ ފަހުން ހައިޟުވީ ދުވަސް އަހާލިއެވެ. މަންޝާ ތާރީޚް ބުނުމުން އެ ޑޮކްޓަރ އެ ދުވަސް ޓައިޕް ކޮށްލިއެވެ. އެއަށް ފަހު ސްކޭން ކުރިއަށް ގެންދިޔައެވެ. ބިރުން ވިރިވިރި އޮތް މަންޝާގެ ހިތުގެ ވިންދު އަވަސްވެފައި ވަނީ އިންތިހާއަށެވެ. އެވަގުތު މަންޝާގެ އަތުގައި ޒިބާން ހިފާލިއެވެ.
ޑޮކްޓަރު ބުނި ބަސްތަކުން މަންޝާއަށް ހިތްހަމަ ޖެހުމެއް ލިބުނެވެ. "ދަ އެމްބްރިޔޯ އިޒް ވެރީ ސްމޯލް... ސޯ އެޓް ދިސް މޯމެންޓް ވީކާންޓް ސީ ދަ ބޭބީ... ބަޓް އައިމް ޝުއާ ޔޫއާ ޕްރެގްނަންޓް.. ކޯޒް ހިއާ ވީކޭން ސީ ދަ ސެކް..." ޑޮކްޓަރު ދިން ސްކޭންގެ ރިޕޯޓާއެކީ މަންޝާ ސްކޭން ރޫމަށް ގެނައި ނަރުސްކުއްޖާގެ އެހީގައި ކޮޓަރިއަށް ދާން މިސްރާބު ޖެހިއެވެ.
އެވަގުތު މަންޝާ ހުރީ އިންތިހާއަށް ފާޚާނައަށް ދާން ބޭނުންވެފައެވެ. ކޮޓަރިއަށް ވަދެ ވުމާ އެކީ މަންޝާއަށް ޒިބާން ގޮވާލި އަޑު އިވުނެވެ. އެހެންކަމުން މަންޝާ ގަސްތުކުރީ ފާޚާނާއަށް ވަންނާށެވެ. އެ ގޮނޑިން މަންޝާ ތެދުވެތެދުވެ ހުއްޓާ އަޒީމް އައިސް މަންޝާއަށް އެހީވާން މަސައްކަތް ކުރިއެވެ. އަޒީމްގެ އަތް ފޮޅުވާލަމުން މަންޝާ ބުނެލިއެވެ. "އަހަރެން ގައިގަ އަޒީމް އަތް ނުލާތި..."
އަޒީމް ހުއްޓުން އެރިއެވެ. މަންޝާގެ މިޒާޖަށް މިއަންނަ ބަދަލުތައް އޭނާއަށް ދެނެގަންނަން ނޭނގޭތީއެވެ. ގޮނޑިން ތެދުވެގެން ފާޚާނާއަށް ވަންނަން މަންޝާ ދިޔައީ އެކަންޏެވެ. ފާޚާނާ ދޮރު ހުޅުވާލި އިރު ޒިބާން ފާޚާނާގައި ހުއްޓެވެ. ފާޚާނާގެ ދޮރު ތަޅުލުމަށްފަހު މަންޝާ ޒިބާނާ ގާތްވެލިއެވެ. "އަހަރެމެންގެ ބޭބީ އެހާ ކުޑައީތަ؟..." މަންޝާ ހުރީ އެކަމާ ހައިރާން ވެފައެވެ.
"ނޫނޭ.. އަހަރެމެންގެ ޒޯއީ ވަރަށް ރަނގަޅު ... މަންޝާ ވިހާ ދުވަސް ތިހުރީ ގާތްވެފަ... އަހަރެން އެތާ ހުރީމެއްނު ސްކޭން ކުރިއިރު.. އެހެންވެ ކުއްޖާ ނުފެނުނީ..." ޒިބާން އަތުގައިވާ ބޭސްފުޅި ނަގާ މަންޝާއަށް ދެމުން އެބޭހުން އެތިފޮދެއް ބޯލާށޭ ބުންޏެވެ. މަންޝާ އެބޭސް ބޯލުމާއެކީ ހަށިގަނޑަށް ތާޒާ ކަމާ ހަކަތަ ލިބިގެން ދިޔައެވެ.
ފާޚާނާ ދޮރުގައި އަޒީމް ޖަހާލަމުން އަވަސް ކުރާށޭ ބުނެލީ އެވަގުތުއެވެ. "ސާބަސް... މި ނިކުންނަނީ..." މަންޝާ މިހެން ބުނެލުމަށްފަހު ފަހަތަށް އެނބުރުނު އިރު ޒިބާން އެތާކު ނެތެވެ. ފާޚާނާ ކޮށްލައިގެން މަންޝާ ނިކުތްއިރު މަދީހާ ހުރީ މަންޝާއަށް ކާން ހަދާފައެވެ. މުގު ރިހައާ ބަތާ ފިހުނު މަހެވެ.
މަންޝާ އެނދުގައި އިށީނދެ ކާމޭޒު ގާތް ކޮށްލިއެވެ. މަންޝާގެ ހަރަކާތް ހުރިގޮތުން ބަލި މީހެކޭ ވެސް މިހާރު ނުބުނާނެއެވެ. ކާން މަންޝާ އިންދާ އަޒީމްގެ ފޯނު ރިންގް ވިއެވެ. އެގުޅަނީ ޞިރާރެވެ. އަޒީމް ފޯނު ނަގަމުން މަޑުމަޑުން ވާހަކަ ދެއްކިއެވެ. ފަންޑިތައިގެ ކަންތަކަށް ތައްޔާރުވާން ހޯދަންޖެހޭ އެއްޗިހި ހޯދަން ދާން އާދެވޭނެތޯ އެހުމުން އަޒީމް އެކަމަށް އެއްބަސްވިއެވެ. އެއަށްފަހު އަޒީމް އެކޮޓަރިން ނިކުމެގެން ދިޔައީ އެބައަންނަމޭ ބުނަމުންނެވެ.
ކައި ނިމިގެން އެނދުގައި މަންޝާ އޮށޯތުމުން މަދީހާ އަވަސް ވެގަތީ މަންޝާ ކެއި ތަށިތައް ނަގާށެވެ. އެތަށިތައް ހިފައިގެން އެކޮޓަރީގައިވާ އަތް ދޮންނަ އިސްކުރާ ގާތްވެލިއެވެ. ތަށި ދޮވެ ނިންމާލުމާއެކީ މަދީހާގެ ކަންފަތުގައި ޖެހުނީ މީހަކު ކޮޓަރި ދޮރުގައި ޓަކި ޖަހާލި އަޑެވެ. އަތުގައި ހުރި ފެންތައް ފޮޅަމުން މަދީހާ ގޮސް ދޮރު ހުޅުވާލި އިރު ދޮރުމަތީ ހުރީ މަދީހާއެކޭ ދާދި އެއްއުމުރެއްގެ އަންހެނެކެވެ. ހިނިތުންވެލަމުން ތީ ކާކުތޯ މަދީހާ ސުވާލުކޮށްލީ ހިތްހެޔޮކަމާ އެކީގައެވެ.
"މަދީހާ ދޯ..." އެއަޑު ޖެހުމުން މަދީހާ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އަނެއްކާވެސް ވާހަކަ ދެއްކީ އެ އަންހެން މީހާއެވެ. "މީ ޞިރާރުގެ އަންހެނުން އާމިނަ..." އާމިނަ ޖަވާބު ދިނެވެ.
މަދީހާ ކޮޓަރި ދޮރު ހުޅުވާލަމުން އެތެރެއަށް ވަނުމަށް އެދުނެވެ. އާމިނަ އެތެރެއަށް ވަދެ މަންޝާއަށް ގޮވާލިއެވެ. އަދި މަންޝާގެ ގައިގާ ފިރުމާލިއެވެ. އާމިނައަށް ހީވީ އޭނާގެ އަންހެން ދަރި ރޫހީ ފެނުނުހެންނެވެ. ދެލޮލަށް ހިފެހެއްޓުމެއް ނެތި ކަރުނަ ޖަމާވިއެވެ. މަންޝާގެ ހާލު އަހުވާލު އޮޅުން ފިލުވާލަމުން އާމިނަ މަންޝާގެ އަތުގައި ފިރުމާލިއެވެ. އަދި އެއްވެސް ކަމަކު ބޭނުން ވަންޏާ ވެސް އާމިނަ ގާތު ބުނަން އެދުނެވެ. އާމިނަ މަންޝާ ދެކޭނީ އަމިއްލަ ދަރިއެއް ފަދައިން ކަމަށް ބުނުމުން މަދީހާ އަށްވެސް އުފަލުން ރޮވުނެވެ.
ކޮޓަރިއަށް އެވަގުތު އައި ނަރުސްކުދިން ގާތްވެލީ މަންޝާގެ ލޭގެ ޕްރެޝަރާ ހުން ބަލާށެވެ. އެކުދިންގެ މަސައްކަތް ނިމުމުން އާމިނަ އެކުދިން ގާތު މަންޝާ ކިހިނެއްތޯ އަހާލިއެވެ. އެވަގުތު ނަރުސް ކުއްޖާ ޖަވާބުދެމުން ހިނިތުންވެލިއެވެ. "މިހާރު ޕޭޝަންޓް ގެ ލޭގެ ޕްރެޝަރު ވެސް ހުރީ ނޯމަލްވެފަ.. މިއަދު ހެދި ސްކޭން ވެސް ރަނގަޅު...."
މަދީހާ ވެސް ސުވާލެއް ކޮށްލިއެވެ. "ދެން ކޮން އިރަކުން ތޯ ދޫކޮށްލާނީ..." މަދީހާގެ ސުވާލަށް ޖަވާބުދެމުން ނަރުސްކުއްޖާ ބުނެލިއެވެ.
"މާދަމާ ހެދުނު ޑޮކްޓާރ ދެން ދުރުވާނީ.. އެވަގުތު ރިޕޯޓްސްތައް ބަލާފަ ޑޮކްޓަރ ވިދާޅުވާނެ ދޫކޮށްލާ ދުވަހެއް... ގުޑްނައިޓް..." ނަރުސްކުއްޖާ ކޮޓަރިން ނިކުތުމުން މަންޝާ ދެލޯ މަރާލީ ނިދާލާށެވެ. އެހެންކަމުން މަދިހާއާއި އާމިނަ އެކޮޓަރިން ނިކުންނަމުން ކޮޓަރީގެ ނިދާބޮކި ދިއްލާލީ މަންޝާއަށް އުނދަގޫ ވެދާނެތީއެވެ. އަދި މަދީހާމެން މިތިބީ ކޮޓަރިން ބޭރުގައި ކަމަށް ބުންޏެވެ.
ކޮޓަރިން ބޭރަށް ނިކުމެ ވާހަކަ ދައްކަމުން އާމިނަ މަދީހާގެ ފަރާތުން މައާފަށް އެދުނެވެ. އަދި މަންޝާ ހުރިކަން އެނގުނު ނަމަ އާމިނަ އެހެން ނުހެދީސް ކަމަށް ބުންޏެވެ. އާމިނަގެ އޯގާތެރިކަމާ ރަނގަޅުކަން ފެނި މަދީހާ އުފާވިއެވެ. މަދީހާއަށް ކަމެއް ވިޔަސް މަންޝާ ބަލާނެ ބަޔަކު ތިބިކަމުގެ އިހްސާސް ވުމުން ހިތްހަމަޖެހުނެވެ.
ދެލޯ މަރައިގެން އޮތް މަންޝާއަށް ސިހުމެއް ވީ ފަހަތުން މީހަކު އޭނާގެ އުނަގަނޑުގައި ހިފާލުމުންނެވެ. އެއް އަރިއަކަށް އެނދުގައި އޮށޯވެގެން އޮތް މަންޝާއަށް އޭނާގެ ފަހަތުގައި ހުރި މީހަކު ބަލަން ބޯ އަނބުރާލިއެވެ. މަންޝާގެ ފަހަތުގައި އޮށޯވެގެން އޮތީ ޒިބާނެވެ. ޒިބާންގެ އަތުގައި ހިފާލަމުން މަންޝާގެ ހަށިގަނޑު ޒިބާންގެ ގައިގާ ޖައްސާލިއެވެ. ޒިބާން މަންޝާގެ ގައިގާ ފަހަތުން ބައްދާލަމުން ވާހަކަ ދެއްކިއެވެ.
"މަން... ދުވަހަކުވެސް އަހަރެން ދޫކޮށްފަ ނުދައްޗޭ؟..." ޒިބާންގެ އަޑުގައި ވަނީ މަޑުމައިތިރި ކަމެވެ. އެހެންޏާ އެއަޑުން ފާޅުވާ ޖޯޝާ ފޯރި ނެތްކަން މަންޝާއަށް އެނގުނެވެ. ޒިބާނާ ކުރިމަތިލާން މަންޝާ އެނބުރިލަމުން ޒިބާންގެ މޫނަށް ބަލާލިއެވެ.
"ކިހިނެއްވީ ޒިބާން.. ކީއްވެ މާ ދެރަވެފަ؟.." ޒިބާންގެ އުދާސްވެފައިވާ މޫނަށް ބަލަމުން މަންޝާ ޒިބާންގެ ދަތްދޮޅީގައި ހިފާލިއެވެ. "އަހަރެން ދުވަހަކުވެސް ޒިބާނާ ވަކި ނުވާނަން.. ޒިބާން ދެކެ އަހަރެންނަށް މިވެވުނު ލޯބި އެހެން މީހަކަށް ފޮހެލާކަށް ލާހިކެއް ނޫން... ޒިބާން... އަހަރެން ޒިބާން ދޫކޮށް ނުލާނަން.. ދެން އެކަހަލަ ވާހަކަ ނުދައްކާތި..." ޒިބާންގެ މޭގައި މަންޝާ ބޯ އަޅާލިއެވެ.
މަންޝާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ޒިބާން ވާހަކަ ދެއްކިއެވެ. "މަން... އަހަރެންނަށް މަންޝާ ކޮންމެ ތާކު ހުރެ ގޮވާލިއަސް އަންނާނަން... މިކަމެއް އެއްވެސް މީހަކަށް ނުހުއްޓުވޭނެ.... އިނގޭ... ކަމެއް ބޭނުންވިއަސް ނުގޮވާ ނުހުންނާތި..." މަންޝާ ހޫން ލައްވާލިއެވެ. އޭރު މަންޝާގެ ލޮލަށް ވަނީ ނިދި ސަވާރުވެފައެވެ.
މަންޝާއަށް ބަލަން އޮތް ޒިބާންގެ ދެލޯ ކަރުނުން ފުރުނެވެ. އޭނާއަށް މަންޝާ ގެއްލިދާނެ ކަމުގެ ބިރު ހިތުގައި އަށަގަތެވެ. މަންޝާ ހިމާޔަތް ކުރަން ހުންނަން ބޭނުން ވިޔަސް އެއްވެސް އެއްޗަކީ ދުނިޔޭގައި ތާއަބަދަށް ދެމިހުންނާނެ އެއްޗެއް ނޫންކަން ޒިބާނަށް އެނގުނެވެ. މަންޝާ ދެކެ ޒިބާން ވާ ލޯތްބަށްޓަކައި އޭނާ އެހުރީ އޭނާގެ އަމިއްލަ ނަފްސު ގުރުބާން ކުރަން ތައްޔާރަށެވެ.
މަންޝާއަށް ލޯ ހުޅުވާލެވުނީ ނަރުސްކުއްޖަކު އައިސް އަތުގައި ކޮއްޓާލުމުންނެވެ. އޭރު އެކޮޓަރީގައި ވާ ކުޑަދޮރުތަކުން ކޮޓަރި ތެރެއަށް ވަނީ އަލިވެފައެވެ. އިރު އެރިކަން ވެސް މަންޝާއަށް ނޭނގުނެވެ. އެހާވެސް ގަދައަށް އޭނާއަށް ނިދުނީ ހެއްޔެވެ. މަންޝާ އެނދުމައްޗަށް ބަލާލީ ޒިބާން އޮތްކަމަށް ހީކޮށެވެ. ނަމަވެސް ޒިބާނެއް ނެތެވެ.
އަނެއްކާވެސް ނަރުސްކުއްޖާ ގޮވާލުމުން މަންޝާ އިސް އުފުލާ ބަލާލިއެވެ. ނަރުސްކުއްޖާގެ ފަހަތުގައި ހުރި ޑޮކްޓަރ ފެނުމުން މަންޝާގެ އަތުން އޭނާގެ އިސްތަށިގަނޑު ރީތިކޮށްލިއެވެ. މަންޝާ އޮތް އެނދު ކައިރިއަށް އަޒީމާއި މަދީހާ ގާތްވެލީ ޑޮކްޓަރ ދައްކަން އުޅޭ ވާހަކަ ސާފުކޮށް އަޑު އިވޭތޯއެވެ. ޑޮކްޓަރ މަންޝާ ކިހިނެއްތޯ ސުވާލުކޮށްލުމުން މަންޝާ ރަނގަޅުކަމަށް ބުންޏެވެ.
"ބްލަޑް ޓެސްޓް ރިޕޯޓްތަކުގައި އެއްވެސް މައްސަލައެއް ހުރި ކަމަކަށް ނުދައްކާ... މިހާރު ލޭގެ ޕްރެޝަރވެސް ވަރަށް ބޮޑުތަން ރަނގަޅުވެފަ ހުރީ... ސްކޭން ރިޕީޓް ކޮށްލަން ޖެހޭނީ.. އެކަމަކު އެއީ ދެހަފްތާ ފަހުން... ސޯ މިއަދު ހަވީރު ދޫކޮށްލެވޭނެ ކަމަށް މި ބަލަނީ... ގިނައިން އަދިވެސް ދިޔާ އެއްޗިހި ބޭނުން ކުރޭ... އަދި މޭވާޔާ ތަރުކާރީ ވެސް ގިނައިން ބޭނުން ކުރާތި... އެންޑް ސްްރެސް އިޒް ނޮޓް ގުޑް ފޯރ ޔޫ... އެންޑް ޔޯ ބޭބީ..." ޑޮކްޓަރގެ ވާހަކަ ނިންމާލުމަށްފަހު ކޮޓަރިން ނިކުތީ ދެން ތިބި ބަލި މީހުންގެ ގާތަށް ދިއުމަށެވެ. އަޒީމް ފޯނު ނަގާ ޟިރާރަށް ގުޅާލުމަށްފަހު ހަވީރުން މަންޝާ ދޫކޮށްލާ ކަމުގެ ޚަބަރު ދިނެވެ.
*** *** *** *** *** ***
ހެނދުނު އެރި އިރާއެކީ ޒިބާން ހުރީ ގޭގައެވެ. ސައިބްރޯތު ގޭގައި ހުރުމުން ޒިބާން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާތީ އަނގައިން ބަހެއް ނުބުނެއެވެ. ސައިބްރޯތު އުޅެނީ މަސައްކަތެއްގައި ކަމުން އޭނާއަށް މާގިނަ ވަގުތަކު ގޭގައި މަޑުކުރެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން ގެއިން ނިކުމެގެން ދަމުން ޒިބާނާ ސަލާމްކޮށްލިއެވެ.
ސައިބްރޯތު ގެއިން ނުކުމެގެން ދިއުމާއެކީ ސަކޭރާ ވެސް ތައްޔާރީތަކެއް ވާން ފެށުމުން ޒިބާނަށް ކަމެއް ގޯސްވަމުންދާ ކަން ނަގައިގަންނަން އެނގުނެވެ. އޭނާގެ ސިކުނޑީގައި ހުރިހާ ކަންތަކެއް އެއް ފަހަރާ އެނބުރެން ފެށުމުން ހަދަންވީ ކިހިނެއްކަން އޮޅޭ ގޮތްވިއެވެ. ހަމަޖެހުމުގެ ނޭވާތަކެއް ދޫކުރަމުން ޒިބާން ދިޔައީ ރަނގަޅު ޕްލޭނެއް ރާވާ ލެވޭތޯއެވެ.
ބޭރަށް ނިކުމެ ނިކުމެ ހުރި ސަކޭރާ ހިފެހެއްޓީ ޒިބާނެވެ. މިވަގުތު އެހާ އަވަސްއަރުވާލާފަ ސަކޭރާ އެދަނީ ކޮންތަނަކަށްތޯ ބަލަން ޒިބާން ސުވާލު ކޮށްލިއެވެ. ޖަވާބު ދެމުން ސަކޭރާ ޒިބާނަށް ވިސްނައި ދިނެވެ. "ޒިބާން... ޒޭބާ އެހެރީ ވިހަން ކައިރިވެފަ... އޭނާއަށް އެމީހުން ކިޔެވެލި ކިޔާވާތީ އެއުޅެނީ އުނދަގޫވެގެން... ސައިބްރޯތު އެހީވާން ބޭނުންނުވިއަސް ޒޭބާއަށް ދެރަގޮތެއް ވާކަށް ބޮޑު ދައިތައެއް ނޭދެން... ބިމަށް ފައިބަން މަނާކޮށްފަ ހުރުމުން ބޭސް ތައްޔާރު ކުރަން ޖެހޭ ސާމާނުތައް ހޯދަން ޖެހޭނީ ބަރަކް ކައިރިއަށް ދާން... އޭނާ ކައިރިއަށް ޒިބާން ދިއުން އެހާ ރަނގަޅެއް ނުވާނެ.. އެހެންވެ ބޮޑުދައިތަ މިދަނީ.... ބޮޑު ދައިތަ އަންނަން ދެން މިތާ ޒޭބާ ކައިރީ މަޑުކޮށްލާތި..."
ބޮޑުދައިތަ ގެއިން ނިކުމެގެން ދިއުމުން ޒިބާން އެތެރެއަށް ވަންނަން އެނބުރިލި ވަގުތު ލޮލުގައި އަޅައިގަތީ އުނގަނޑުގައި އަތް ވިއްދައިގެން ހުރި ޒޭބާއެވެ. ކަޅުކުލައިގެ ކުރު ހެދުމެއް ލައިގެން ހުރި އިރު ޒޭބާގެ ބަނޑު ވަނީ ވަރަށް ބޮޑުވެފައެވެ. ހީވަނީ ދެންމެދެންމެ ވިހާފާނެ ހެންނެވެ. ޒޭބާ ހުރިގޮތުން އޭނާއަށް ކޮންމެވެސް އުނދަގޫތަކެއް ވަމުން ދާކަން އެނގުނެވެ. ޒޭބާ ގާތަށް ޖެހިލަމުން ޒިބާން ވާހަކަ ދެއްކިއެވެ. "ޒޭބާ... ކިހިނެއް ވަނީ؟... ބަނޑުގަ ރިއްސަނީތަ؟..."
ޒިބާނާ ހަތަރުކަޅި ހަމަކޮށްލަމުން ޒޭބާ ވާހަކަ ދެއްކިއެވެ. އޭރު ޒޭބާގެ މޫނުގެ ހަންގަނޑުގެ ނާރުތައް ވަނީ ފުއްޕާފައެވެ. އެ ނާރުތަކުން ފާޅުވަމުން ދިޔައީ ނޫ ކުލައެވެ. "އާހް.. ޒިބާން.. އެމީހުން އަހަރެން ހޯދަން އެ މަސައްކަތް ކުރަނީ... އަހަރެންނަށް ވަރަށް އުނދަގޫ އެބަވޭ... ޒިބާން.... އަހަރެންނަކަށް ހިއެއް ނުވޭ މިކަންތައް ނިމިގެން ދާ އިރު އަހަރެން މިދުނިޔޭގަ ހުންނާނެ ހެން... އަހަރެންގެ ބަނޑުގަ މިވާ ދަރިފުޅު ބަލައި ދޭނަން ކަމަށް ވައުދު ވޭ... އަހަރެންނަށް ދުވަހަކު ކަމެއް ކޮށްދެންޏާ މިކުއްޖާ ޒިބާންގެ ކުއްޖާއާ އެއްވެސް ތަފާތުކަމެއް ނުބަހައްޓާ ބަލާދޭތި... އަހަރެންނަށް މާފް ކުރޭ..." ޒޭބާގެ ލޮލުން ފައިބަމުންދިޔަ ކަރުނައިގެ ކުލަ ހުރީ ކަޅު ކުލައަށެވެ. އޭނާގެ ދެއަތުގައި ތުރުތުރެއް ހުއްޓެވެ.
"ތިހެން ނުބުނޭ ޒޭބާ... ޒޭބާއަށް އެއްވެސް ކަމެއް ނުވާނެ... އަހަރެން ޒޭބާ ސަލާމަތް ކުރާނަން..." ޒިބާން އޭނާގެ އަތުގައި އަޅާފައިވާ އަނގޮއްޓި ނެގިއެވެ. އެ އަނގޮއްޓި ޒިބާންގެ އަތުން ވަކިކޮށްލުމާ އެކީ އޭގެ އެސް ހުދުކުލައަށް ބަދަލުވިއެވެ. "ޒޭބާ މި އަނގޮއްޓިއަޅާ.. އޭރުން އެމީހުން ކިތަންމެ ވަރަކަށް ހޯދިއަސް އެމީހުންނަކަށް ޒޭބާއެއް ނުފެންނާނެ...އަދި އެމީހުން އެކުރާ ކަންތަކުން ޒޭބާއަށް އެއްވެސް އުނދަގުލެއް ނުވާނެ..."
ޒިބާން ދިއްކުރި އަނގޮއްޓިއަށް ބަލަން ޒޭބާ ހުރީ އަޖައިބުވެފައެވެ. "ޒިބާން ކިހިނެއް ހަދަން ތިއުޅެނީ؟..." ޒޭބާ ކުރި ސުވާލަށް ޒިބާން ޖަވާބުދެމުން ހަދަންވީ ގޮތް ތަފްސީލުކޮށް ކިޔައި ދިނެވެ. އެއަށް ފަހު ޒޭބާ އެ އަނގޮއްޓި އަޅާލިއެވެ. އެ އަނގޮއްޓި ޒޭބާގެ އަތުގައި އެޅުމާ އެކީ އޭގެ ހުދު އެސް ބަދަލުވީ ނޫ ކުލައަށެވެ.
"އަހަރެން ޒޭބާ ވެސް މަންޝާ ވެސް ސަލާމާތް ކުރާނަން... އަހަރެން ބުނިހެން މަންޝާ ކައިރިއަށް ދާން ތައްޔާރަށް ހުންނާތި... އެމީހުން ފަންޑިތަ ހަދަން އެރާވަނީ މިރޭ... ހުކުރުވިލޭރެއަށް..."
*** *** *** *** *** ***
ހަވީރު ހޮސްޕިޓަލުން ދުކޮށްލާ ވާހަކަ ބުނުމުން އެކަމާ އެންމެން ވެސް ތިބީ ވަރަށް އުފަލުންނެވެ. މަދީހާގެ މަންމަ ހުޅުމާލޭން އަންނާތީ މަދީހާއަށް އެތަނަށް ދާން ޖެހުމުން ވަރަށް ދެރަވިއެވެ. "ދަރިފުޅާ... މަންމަ މިދަނީ.. މާމަ ބަލާ ދާން ޖެހޭތީ... ކަމެއް ބޭނުން ވިޔަސް މަންމައަށް ގުޅާތި އިނގޭ.. އަޒީމް ދެން މަންމަ ގޮސްލަނީ..." މަދީހާ ކޮޓަރިން ނިކުމެގެން ދިއުމުން އަޒީމް، މަންޝާއާ ގާތް ވެލިއެވެ. އޭރު މަންޝާ ހުރީ އޭނާގެ ސާމާނުތައް ދަބަހަށް އަޅާ ޕެކް ކުރާށެވެ.
"މަންޝާ... އަހަރެމެން މިކަމުން ސަލާމަތްވީމަ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ... ނޫންތަ..." މަންޝާގެ އުނަގަނޑުގައި ހިފާލަމުން އަޒީމް ވާހަކަ ދެއްކިއެވެ.
"އަޒީމް... އަހަރެން ގައިން ދޫކޮށްލާ.. އަހަރެން ބޭނުމެއް ނޫން އަޒީމް އަހަރެން ގައިގަ އަތްލާކަށް... އަހަރެން އަޒީމްދެކެ މިހާރު ލޯބި ނުވާކަން އަޒީމަށް އެނގޭނެ..." މަންޝާ ރުޅި އައިސްފަ ހުރެ ވާހަކަ ދެއްކުމުން އަޒީމް ފަހަތަށް ޖެހިލިއެވެ.
"މަންޝާއަށް އިނގޭތަ މަންޝާ ތިހުރީ ޖިންނި މޮޔަވެފަ ކަން.. އެހެންވެ މަންޝާއަށް މިހާރު ވާނުވާ ނޭނގެނީ..." އަޒީމް މަސައްކަތް ކުރީ މަންޝާގެ ރުހުން ހޯދާށެވެ.
"ކޯއްޗެކޭ ކިޔާކަށް އަހަރެންނަށް ހުރިހާ ކަމެއްވެސް އިނގޭ... އަހަރެން މޮޔައެއް ނޫން އިނގިއްޖެތަ؟..." މަންޝާ އަޒީމާ ދިމާއަށް އަތް އުކަމުން ވާހަކަ ދެއްކިއެވެ.
"އަހަރެމެން މިއުޅެނީ ފަންޑިތަ ހަދަން... މިރޭ ބާރަ ޖަހަންވާއިރަށް އެތަނަށް ދާން ޖެހޭނެ.. އެ ޖިންނި ނައްތާ ލެވުނީމަ މަންޝާއަށް ރަނގަޅަށް ވިސްނޭނެ..." އެމީހުން ކުރަން އުޅޭ ކަންތައް އަޒީމް ހާމަ ކުރިއެވެ.
ކުރިއަށް ޖެހި އަޒީމްގެ ގަމީހުގެ ގިރުވާނުގައި ހިފަމުން މޫނާ މޫނު ގާތްކޮށްލަމުން އަޒީމްގެ ދެލޮލަށް މަންޝާ ބަލާލިއެވެ. ކިހިނެއްވީތޯ އަހާލަމުން މަންޝާގެ އަތުގައި އަޒީމް ހިފާލި ނަމަވެސް މަންޝާ އޭނާގެ އަތެއް ދުލެއް ނުކުރިއެވެ. "އަޒީމް.. ތި ފަންޑިތައިގެ ކުޅިގަނޑު ހުއްޓާލާ... ތިއުޅެނީ އޭނަ މަރާލަންތަ... އަހަންނަށް އޭނަޔާ ނުލާ ނޫޅެވޭނެ.. އަހަރެން އޭނަ ދެކެ ވަރަށް ލޯބިވޭ.. އެކަން ހުއްޓުވާ... އެމީހުން އެކުރަނީ ރަނގަޅު ކަމެއް ނޫން... ހަމަ ތެދަށް މިބުނަނީ... އޭނަ އަހަރެންނާ އަވައެއްނުލާ... އަހަރެންނަށް އޭނަ ދެކެ ލޯބި ވެވުނީ.. އަޒީމް.. ޕްލީސް... ދުވަހެއްގެ ކޮޅުން ވެސް އަހަރެން ބުނާ ކަމެއް ކޮށްދެންޏާ ތި ކުރަން އުޅޭ ކަންތައް ހުއްޓާލާ..." މަންޝާ އާދޭސް ކުރަމުން ދިޔައީ އެކަންތައް ހުއްޓުވޭތޯއެވެ. އެމީހުން ފަންޑިތަ ހަދަން އުޅޭ ވާހަކަ ބުނުމުން ޒިބާން ގެއްލިދާނެ ކަމުގެ ބިރު މަންޝާގެ ހިތުގައި ވަނީ އަށަގެންފައެވެ.
"މަންޝާއަށް އޭތި އަވަލާފަ ހުރީމަ ތިވައްތަރަށް ތިއުޅެނީ... މަންޝާއަށް ތިވެވިގެން އުޅެނީ ލޯތްބެއް ނޫން... ތީ ޖިންނި މޮޔަވީމަ މީހުން ކިޔާ އެއްޗެއް... އަހަރެމެންނަށް ވުރެ އޭއްޗިހިން މުހިއްމު ވާނީ އެހެންވެ... މަންޝާ ރަނގަޅުވީމަ އަދި ވިސްނޭނެ..." މަންޝާގެ އަތުގައި އަޒީމް ހިފާ ގިރުވާނުން އޭނާގެ އަތް ވަކިކޮށްލިއެވެ.
"އަހަރެން މީ މޮޔައެއް ނޫން... އަހަރެން ޖިންނި މޮޔައެއް ނުވޭ.. އަހަރެން އޭނަ ދެކެ ލޯބިވީ އަހަރެން ހަމައިގަ ހުރެގެން.. އަހަރެން ބޭނުންވެގެން... އަޒީމަށް ވުރެ އޭނަ މާ ރަނގަޅު... އަހަރެން މިގޮތަށް އުޅެން ބޭނުމީ... ތި ފަންޑިތަ ހަދާ ތަނަށް އަހަރެން ނުދާނަން..." މަންޝާ ރުޅިއައިސްފަ ހުރެ ފާޚާނާއަށް ވަދެ ބަންލާފަ ދޮރުފަތް ލައްޕާލިއެވެ.
"ތިއެއް ބަލާލާނަން... އަހަރެން ތޯ ނޫނީ ޖިންނިތޯ މިކަމުގަ މޮޅު ލިބެނީ..." އަޒީމް މިހެން ބުނެ އެކޮޓަރިން ނިކުމެގެން ތިރިއަށް ދިޔައީ ޑޮކްޓަރ ގަންނަން ލިޔެދީފަ ހުރި ބޭސްތަކެއް ނަގާށެވެ.
ލިފްޓުން ތިރިއަށް ފޭބިއިރު ލިފްޓު ކައިރީ މަޑުކޮށްގެން ތިބި ޟިރާރާ ރިޔާޒް ފެނުމުން އަޒީމް ހީލިއެވެ. "އަހަރެމެން މިދަނީ އަޒީމް ކައިރިއަށް... ކޮންތާކަށް ތި ދަނީ..." ޟިރާރު އަހާލިއެވެ.
"މި ދަނީ ޑޮކްޓަރ ލިޔެދީފަ ހުރި ބޭސްތަކެއް ނަގަން.... ކޮބާ ހުރިހާ ކަމެއް ރެޑީ ވެއްޖެތަ؟..." އަޒީމް ޟިރާރު މެންނާ އެކީ ބޭރަށް ނުކުންނަން ހިނގައިގަންނަމުން ބުނެލިއެވެ.
"އާން މިހާރު ހުރިހާ ކަމެއް ހަމައަކަށް އެޅިއްޖެ... އެ ޖިންނި ގެނެވޭތޯ ވަރަށް ކިޔެވެލި ކިޔެވިއްޖެ.. އޭނަ ގެނެވޭ ގޮތެއް ނުވޭ... މަންޝާ ގެންގޮސްގެން ނޫނީ މިކަން ކާމިޔާބެއް ނުވާނެ..." ޟިރާރުގެ ވާހަކަ އެހިސާބަށް ދިއުމުން އަޒީމްގެ ފިޔަވަޅު ހުއްޓުނެވެ.
"އަހަންނަކަށް ހިޔެއް ނުވޭ މަންޝާ އެތަނަށް ގެންދެވިދާނެ ހެނެއް... މިހާރުވެސް ފަންޑިތަ ހަދަން އުޅޭކަން އެނގިގެން ރުޅި އައިސްފަ ހުރީ...ހިނގާ އޭނަ ހޭ ނައްތާލައިގެން ގެންދަން..." ވާހަކަ ދައްކަމުން ދިޔަ އަޒީމްގެ ސިކުނޑިއަށް އައި ފުރަތަމަ ހިޔާލު ދުލުން ބޭރު ކޮށްލީ އެއްވެސް ވިސްނާލުމަކާ ނުލައެވެ.
"ސާބަސް އަޒީމް.. މަންޝާ ބަނޑުބޮޑު ވެސް މެ.. އަހަންނަށް ފެންނަނީ އޭނަ ރުހުމުގަ ތި ތަނަށް ގެންދަން.. ނޫނީ ތިކަން ކުރަން އުޅެނިކޮށް ބަނޑުގައި އޮތް ދަރިފުޅަށް ގެއްލުމެއް ވެސް ލިބިދާނެ..." ރިޔާޒް ވާހަކަ ދެއްކީ އަޒީމަށް ވިސްނައި ދެވޭތޯއެވެ. އެވަގުތު މީރާ ގުޅަން ފެށުމުން ރިޔާޒް ފޯނު ނެގިއެވެ. އެއަށް ފަހު ޟިރާރާ އަޒީމް ގާތު މިދަނީ މީރާ ކައިރިއަށޭ ބުނެ އޭނާ ހޮސްޕިޓަލް ތެރެއަށް ވަންނަން މިސްރާބު ޖެހިއެވެ.
"ރިޔާޒްމެން މިކަހަލަ ކަންތައްތަކަށް ވަރަށް އާވާނެ. އަސްލު މިރޭ ނޫނީ މިކަން ކުރަން ރަނގަޅު ރެއެއް ދެން ނާންނާނެ... ކޭތަ ހިފާ ރެއަކަށް ވީމަ މިރޭ މީ މިކަން ކުރަން އެންމެ ރަނގަޅު ރޭ... މިރޭ މިކަން ނުވެއްޖިއްޔާ ދެން މިކަން ކުރެވޭނީ އަނެއް ކޭތަ ހިފާ ރޭ... އަހަންނަށް ފެންނަނީ ރަނގަޅު ބޭހެއް ދޭން..." ޟިރާރު މިހެން ބުނުމުން އަޒީމްވެސް އެކަމަށް އެއްބަސްވެ ބޯ ޖަހާލިއެވެ. އަޒީމަށް އަދި ފަހުން ދަރިއަކު ވެސް ހޯދިދާނޭ ހިތަށް އެރިއެވެ. މިވަގުތު އަޒީމަށް މުހިއްމުވީ އެ ޖިންނި މިދުނިޔެއިން ނައްތާލާށެވެ. އޭނާއަށް މަންޝާ ހާސިލް ކުރެވޭނީ އޭރުންނެވެ.
"ނަމަނަމަ މިކަން މިހެން ކުރާ ވާހަކަ ރިޔާޒް ކައިރީ ނުބުނާތީ... މިރޭގެ ކިޔެވެއްޔަށް ހަތް މީހުން ބޭނުންވާއިރު އަލިބެ އެ ހުރިހާ ކަމެއް ވަނީ ހަމަޖައްސާފަ.. މިކަން މިރޭ ކޮންމެ ގޮތެއް ހަދާފަވެސް ކުރަންޖެހޭނެ..." އެ ދެމީހުން އެކީގައި ގޮސް ވަނީ އޭޑީކޭ ކުރިމަތީ ހުރި ފާމަސީއަށެވެ.
*** *** *** *** *** ***
އަޒީމް ކޮޓަރިއަށް އައިސް ވަނީ މަންޝާ ހޮސްޕިޓަލުން ދޫކޮށްލާތީ ނިންމަންޖެހޭ ހުރިހާ ލިޔެކިޔުމުގެ ކަންތައް ނިންމާލުމަށް ފަހުއެވެ. އޭރު މަންޝާ އިނީ އެނދުގައި އިށީނދެގެން އޭނާގެ ކަރުގައި އަޅާފައިވާ ފަށުގެ ފުލާ ކުޅެލަކުޅެލައެވެ. އަޒީމް އައިސް ވަނުމާ އެކީ ގެއަށް ދަނީ ކޮންއިރަކުން ތޯ މަންޝާ އަހާލިއެވެ.
ޖީބުން ނެގި ދެގުޅަ ބޭސް މަންޝާ އަތަށް އަޒީމް ދިއްކޮށްލިއެވެ. "ނަރުސްކުއްޖާ ބުނީ މިބޭސް މިހާރު ކާން ޖެހޭނެ އޯ... ބޭސް ކައިގެން ހިނގާ ދާން..." މަންޝާ އެ ބޭސް ގުޅަތައް ފެންފޮދެއްގެ އެހީގައި އަވަހަށް ދިރުވާލިއެވެ. އެއަށްފަހު ދަބަސް ކޮނޑުގައި އަޅާލަމުން އެ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
އަޒީމާއެކީ ލިފްޓަށް އެރި ވަގުތު މަންޝާގެ ބޮލަށް ފާޑެއްގެ އުނދަގުލެއް ވީހެން ހީވުމުން މަންޝާއަށް އަތް އެޅުނީ އެވަގުތު އޭނާގެ ބަނޑުގައެވެ. ލިފްޓު ތިރިއަށް އައުމުން ލިފްޓުން ފައިބަން އެޅި ފިޔަވަޅާއެކީ މަންޝާގެ މޫނުމައްޗަށް އަނދިރިވާ ގޮތެއްވުމުން ހުއްޓުނެވެ. އޭރު ލިފްޓުގެ ބޭރުގައި ގިނަ އަދަދެއްގެ މީހުން މަޑުކޮށްގެން ތިއްބެވެ. މަންޝާގެ އަތުގައި ހިފަމުން ފައިބާށޭ އަޒީމް ބުނެލުމުން އަޒީމްގެ އަތުގައި މަންޝާ ހިފީ ހިތާ ދެކޮޅަށެވެ.
ދެމީހުން އެކީގައި ބޭރަށް ނިކުތް އިރު ޓެކްސީއެއް ހުއްޓުވައިގެން އެމީހުންގެ އިންތިޒާރުގައި ޟިރާރު ހުއްޓެވެ. އެހިސާބަށް ދިޔައިރު މަންޝާގެ ދެލޯ ފުސްވަމުންދާތީ ކުރިއަށް މަންޝާ ހިނގަމުން ދިޔައީ އަޒީމްގެ އެހީގައެވެ. "އަޅެ އެމީހުން އެ ދިނީ ނިދާ ބޭސްތަ... ގެއަށް ގޮސް އެބޭސް ކެވުނު ނަމަ..." މަންޝާ އެހެން ބުނީ އޭނާގެ ބޮލަށް ބަރުވާތީއެވެ.
ޓެކްސީގެ ދޮރު ހުޅުވަމުން މަންޝާ ޓެކްސީގައި އިށީނެވެ. އަޒީމް އެރީ މަންޝާއާ އެކު ފަހަތު ސީޓަށެވެ. އެމީހުންނަށް ޓެކްސީއަށް އެރުމާއެކީ ޓެކްސީގެ ކުރީ ސީޓަށް ޟިރާރު އެރިއެވެ. ދާންވީ ތަން ޓެކްސީ ޑްރައިވަރ ކައިރީ ޟިރާރު ބުނުމުން އެ ޓެކްސީ އޭޑީކޭ ހޮސްޕިޓަލުގެ ގޯތިތެރެއިން ނިކުތުމަށް ދުއްވާލިއެވެ.
"އަޒީމް... އަޒް... އަހަރެން ބޮލުގަ ވަރަށް ރިއްސާ...." މަންޝާ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަނގައިގާ އެއްވެސް ވަރެއް ނެތް ކަހަލައެވެ. ސޯސަންމަގާ މަޖީދީމަގާ ހަތަރު އަނގޮޅިވާ ސަރަހައްދުގައި ހުރި ޓްރެފިކް ލައިޓް ކައިރިން މަޖީދީ މަގަށް ކާރު ލަނބާލީ މާފަންނާވީ ކޮޅަށް ދާށެވެ. އޭރު މަންޝާގެ ދެލޯ މެރިއްޖެއެވެ. ގައިން ވަރު ދޫވެ އަޒީމްގެ ގައިގާ ލައްވުމުން މަންޝާގެ ގައިގާ އަޒީމް ހިފަހައްޓާލިއެވެ. ޓެކްސީ ދުއްވަން އިން ޑްރައިވަރު ކުރިމަތީ ހުރި ކުޑަ ލޯގަނޑުކޮޅުން ފަހަތް ބަލާލީއެވެ. އޭނާއަށް އެމަންޒަރު ވަރަށް ސާފުކޮށް ފެނުނެވެ.
(ނުނިމޭ)