ދިވެހިން ސިޔާސީ ގޮތުން އެކި ޕާޓީތަކަށާއި ޖަމާއަތްތަކަށް ބެހިފައިވީ ނަމަވެސް، އިސްލާމްދީނުގެ ކަންކަމުގައްޔާއި ގައުމުގެ މިނިވަންކަމާ ގުޅޭ މައްސަލަތަކުގައި ދިވެހިން ވާންޖެހޭނީ އެއްބައިވަންތަ އަދި އަހުވަންތަ ބަޔަކަށް ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖެ ވޭތުވެދިޔަ 900 އަހަރު ވަންދެން އިސްލާމްދީނުގެ މަތީގައި ސާބިތުވެ އޮތީ މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ކަމަށެވެ. އަދި ދުނިޔެވީ ސަބަބުތަކަށް ބަލާއިރު، ރައްޔިތުންގެ މެދުގައި އިސްލާމްދީނަށް އޮތް ލޯތްބާއި ދައުލަތުން ގެންގުޅުނު ހަރުދަނާ ސިޔާސަތުތައް މުހިންމު ދައުރެއް އަދާކުރި ކަމަށް ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ. ދީނީ އަދި މިނިވަންކަމުގެ ގޮތުން ގައުމަށް ގޮންޖެހުން ކުރިމަތިވާ ކޮންމެ ހިނދެއްގައި ދިވެހިންގެ ސަފުތައް އެއްބައިވަންތަ ކުރުވަނީ އިސްލާމްދީން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް ދީނީ ދާއިރާއިން ކުރިއަށްދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ހާއްސަ އިދާރާއެއް އުފައްދައި، ގާނޫނެއްގެ ދަށުން އެ ނިޒާމު ހަރުދަނާ ކުރެވިފައިވާ ކަމަށެވެ. އަދި 6 އަހަރަށްފަހު ޒަކާތުގެ ސްކޮލަޝިޕް އަލުން ދޭން ފަށައި، އިސްލާމީ އެކި ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގެ ތާރީހުގައި ހިންގޭ އެންމެ ބޮޑެތި ވަގްފު މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ދާރުއްސަލާމް އަދި ދާރުލްއަރުގަމް ބިލްޑިންގެ އިތުރުން ކުޅުދުއްފުށި، ތިނަދޫ، ވިލިނގިލި އަދި އައްޑޫ ސިޓީގައި ހިންގޭ ވަގްފު މަޝްރޫއުތައް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމުމަކީ އަމާޒެއް ކަމަށެވެ.
ކީރިތި ގުރުއާނުގެ އިލްމު ފެތުރުމުގެ ދާއިރާއިން، ރާއްޖޭގައި މިހާރު ތިބި 322 ހާފިޒުންގެ އަދަދު ކުރިއަށް އޮތް ދެ އަހަރު ތެރޭގައި 500 އަށް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރުވެސް 30 ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކޮށް އިތުރު ތަންތަން ބިނާކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ހާމަކުރެއްވި ގޮތުގައި، ރާއްޖޭގެ ތާރީހުގައި ބިނާކުރެވޭ އެންމެ ބޮޑު މިސްކިތުގެ ބިންގާ މާދަމާ އެޅިގެންދާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވުމަށްފަހު އެ މިސްކިތަށް ނަންދެވިފައިވަނީ ރާއްޖެ ފަހުރުވެރިވާ ތާރީޚީ ރަސްކަލެއް ކަމަށްވާ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅަށެވެ.
