ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ސާއިފު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ ހއ. ހޯރަފުށި، ހީރާ، މުހައްމަދު ސާއިފް (30އ) ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވާކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާ ކަމަށެވެ.

ސާއިފު އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެންބަރު 24 ވަނަ ދުވަހުގެ ރޭ 21:00 ހާއިރު ހުޅުމާލެ ފޭސް 3 އިން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭރު އޭނާ ލައިގެންހުރީ މަޑު ފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ ސާއިފު ގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ގުޅާ މައުލޫމާތު ހިއްސާ ކޮށްދިނުމަށް އެދިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ސާއިފު އަކީ ގިނަ ކްލަބުތަކަކަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.