ރޮބޮޓިކްސް މުބާރާތުގައި ބައިވެރިވުމަށް ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން ގްރީސް އަށް ފުރައިފިއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ގިޔާސުއްދީން ސުކޫލުގެ ދަރިވަރުން އިއްޔެ ފުރާފައިވާއިރު، މި މުބާރާތް ކުރިއަށް ދަނީ ގްރީސްގެ އެތެންސްގައެވެ. މި މުބާރާތަކީ އެތެންސްގައި ބާއްވާ ފުރަތަމަ ގްލޯބަލް ޗެލެންޖެވެ. މި ޗެލެންޖަކީ އޮލިމްޕިކްސް ސްޓައިލަށް ބާއްވާ ބައިނަލްއަގުވާމީ ރޮބޮޓިކްސް މުބާރާތެކެވެ.
މި މުބާރާތުގައި ކޮންމެ ގައުމަކަށްވެސް ވާދަކުރުމަށް ރޮބޮޓެއް އުފައްދައި ޕްރޮގްރާމް ކުރުމުގެ ފުރުސަތު ދެއެވެ. އަދި އެ އުފެއްދުން ބައިލްއަގުވާމީ މައިދާނެއްގައި ދައްކާލުމުގެ ފުރުސަތުވެސް ދެއެވެ.
މި މަހުގެ 26 އިން 29 އަށް ގްރީސްގައި ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވެފައިވަނީ ގިޔާސުއްދީން ސްކޫލްގެ ގްރޭޑު 9 ގެ 5 ދަރިވަރުންނެވެ. މި ދަތުރުގައި އެ ސުކޫލުގެ 3 އޮފިޝަލުންވެސް ބައިވެރިވެއެވެ. މި މުބާރާތުގައި 190 އަށް ވުރެ ގިނަ ގައުމުތަކުން ބައިވެރިވެއެވެ.
މި މުބާރާތުގައި ބައިވެރިވާ ގިޔާސުއްދީންގެ ދަރިވަރުން ކޯޑިންއާއެކު ރޮބޮޓެއް ތައްޔާރުކޮށްފައިވާއިރު، ރޮބެޓިކް މުބާރާތެއްގެ އިތުރުން ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލުހޯދުމަށް އިޖާދީ ވިސްނުންތަކެއް ވެސް މި މުބާރާތުގައި ބައިވެރިވާ ދަރިވަރުން ހުށަހަޅަންޖެހެއެވެ.
މިއީ އެމެރިކާގައި ހިންގާ ނޮން-ޕްރޮފިޓް ޕަބްލިކް ޗެރިޓީއެއް ކަމަށްވާ ފަސްޓް ގްލޯބަލްއިން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި މި އަހަރު ރާއްޖެއިން ބައިވެރިވެފައިވަނީ ގިޔާސުއްދީން ސުކޫލުން އެކަންޏެވެ. މިދިޔަ އަހަރު މި މުބާރާތުގައި ބައިވެރިވެފައިވަނީ ހިރާ ސުކޫލުންނެވެ.