ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން ދާތީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑު 10 ފިޔަވައި އެހެން ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ގެނައުން ހުއްޓާލައި އޮންލައިންކޮށް ކިޔަވައިދޭން މިއަދު ފަށައިފިއެވެ.
އެ ސްކޫލުން ބެލެނިވެރިންނަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ސްކޫލުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ސްކޫލު މެނޭޖްމަންޓުން ވަނީ ގްރޭޑު 1 އިން ފެށިގެން 9 ގައި ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލުކޮށްފައި ކަމަށެވެ. ނަމަވެސް ގްރޭޑު 10ގެ ކުދިން ސްކޫލަށް ހާޒިރުވާން ޖެހޭނެ ކަމަށް އެ ސްކޫލުން ބުނެފައި ވެއެވެ.
އެ ސްކޫލުން ގްރޭޑް 10 ގެ ދަރުވަރުން ފިޔަވާ ދެން ތިބި ދަރިވަރުންނަށް އޮންލައިންކޮށް ކްލާސްތައް ހިންގަން ނިންމާފައި ވަނީ މިހާރު ބައެއް ސްކޫލްތަކުގެ ޓީޗަރުންނާއި ދަރިވަރުން ވެސް ޑައިރެކްޓް ކޮންޓެކުޓުންނަށް ވެ، ކަރަންޓީނަށް ދާން ޖެހި ކޭސްތައް އިތުރުވަމުން ދާތީ ކަމަށް އެ ސްކޫލުން ބުނެއެވެ. އަދި މާލޭގައި ކޮވިޑް ކޭސްތައް ގިނަވަމުން ދާތީ، ދަރިވަރުންގެ ރައްކާތެރިކަން ޔަގީންކުރަން ވެސް އުނދަގޫވާނެ ކަމަށް ލަފާ ކުރެވޭތީ ކަމަށް ވެސް އެ ސްކޫލުން ބުނެއެވެ. އެހެންކަމުން އެ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރަން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް އެ ސްކޫލުން ބުނެފައި ވެއެވެ.
މި ދިޔަ އަހަރު ސްކޫލްތައް ބަންދުވި އިރު ރާއްޖެގައި ކޭސްތައް ވަނީ ދަށަށް ގޮސްފައެވެ. މިއަހަރު ފެށުނު އިރު 50 އިން ދަށުގައި ކޭސްތައް އޮތް ނަމަވެސް ސްކޫލަތައް ހުޅުވާލިފަހުން ކޭސްތައް މި ވަނީ އިތުރު ވާން ފަށާފައެވެ. މިހާރު 100 އިން މައްޗަށް ކޭސްތައް ގުނަމުން އަންނަތާ 4 ދުވަސްވެފައިވާއިރު މާލެ ސަރަހައްދުން ފެންނަ ކޭސްތަކުގެ އަދަދުވެސް ވަނީ 100 އިން މައްޗަށް ގޮސްފައެވެ. އިއްޔެ އެކަނިވެސް މާލެ ސަރަހައްދުން ވަނީ 112 ކޭސް ފެނިފައެވެ.
މިހާރު ފެންނަމުންދާ ކޭސްތަކުގެ ތެރެއިން ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ އިތުރުން ގިނަ ޓީޗަރުންނާއި ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ. އެ ގޮތުން އިއްޔެ ޖަމާލުއްދީން ސްކޫލްގެ އިދާރީ އޮފީސް ވެސް ވަނީ ކޮވިޑް ކޭސްތަކަކާ ގުޅިގެން ބަންދުކޮށްފައެވެ. ޖަމާލުއްދީން އިން ކޭސްތަކެއް ފެނިފައިވާ އިރު މަޖީދިއްޔާ ސްކޫލާއި އަމިނިއްޔާ ސްކޫލްގެ ޓީޗަރެއް ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ހަމައެއާއެކު އަމީރު އަހުމަދު ޕްރީސްކޫލުގެ ޓީޗަރަކާއި ބެލެނިވެރިއެއް ޕޮޒިޓިވްވި އެ ސްކޫލަތް 4 ކްލާހެއް ވެސް ވަނީ އޮންލައިންކޮށް ކުރިއަށް ގެންގޮސްފައެވެ.
ރާއްޖޭގައި މިހާރު ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެން މިހާރު މާލެ ސަރަހައްދުގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ރޭގަނޑު 12:00 އިން ފަތިހު 4:00 އަށް ކާފިއު އިއުލާންކޮށްފައިވާ އިރު މިވަގުތު ސްކޫލްތަކުގައި ކިޔަވައިދިނުން އޮންލައިންކޮށް ބޭއްވުމަށް ބައެއް ބެލެނިވެރިން އަންނަނީ ގޮވާލަމުންނެވެ.