ސީރިޔާ އާއި ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ގިޔާސުއްދީން ސްކޫލްގެ ފަރާތުން ބައި ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

ގިޔާސުއްދީން ސްކޫލުން ބުނީ، އެ ސްކޫލްގެ ގްރޭޑް 8 އާއި 9 ގެ ދަރިވަރުންގެ ފަރާތުން ބައި ލައްކަ ރުފިޔާ ހަދިޔާކޮށްފައި ވަނީ 2019 އާއި 2022 ގައި ބޭއްވި އޭބީއީ ފެއާ އިން ލިބުނު ފައިސާ އިން ކަމަށެވެ.

އެ ސްކޫލްގެ ދަރިވަރުން ފައިސާ ހަވާލުކޮށްފައި ވަނީ ހާލުގައި ޖެހޭ ފަރާތްތަކަށް އެހީވަމުން އަންނަ ޖަމިއްޔާ އެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އަށެވެ. އެ ޖަމިއްޔާ އިން ވަނީ ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފަންޑު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

އެ ޖަމިއްޔާގެ އިތުރުން، ރެޑް ކްރެޒެންޓުން ވެސް ވަނީ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑެއް ހުޅުވާލާފައެވެ.

މި މަހުގެ ހަ ވަނަ ދުވަހު ސީރިޔާ އާއި ތުރުކީ އަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 44،000 އާ ގާތްކޮށްފައެވެ. އެ ބިންހެލުމުގައި 10 ޕްރޮވިންސެއް ފުނޑުފުނޑު ވެފައިވާއިރު ޒައިތޫނި ވާދީތަކުގެ ތެރޭގައިވެސް ވަނީ ބޮޑު ދިގު ވަޅުގަނޑެއް ހެދިފައެވެ. އިމާރާތްތައް ވަނީ ވެއްޓި ފުނޑުފުނޑު ވެފައެވެ. ކަރަންޓެއް ނެތެވެ. ހާލުގައި ޖެހިފައި ތިބި މީހުންގެ އަދަދު މިލިއަނުން މިލިއަނުން ވަނީ އަރައިގެން ގޮސްފައެވެ.

މި ބިންހެލުމާއެކު، އައި ކުދިކުދި ލޮޅުންތަކުގެ އަދަދު 2،364 އަށް އަރާ އިރު، ފުރަތަމަ ބިންހެލުން އައިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެ ސަރަހައްދަށް ދެވަނަ ބިންހެލުމެއްވެސް އައެވެ. އެއާއެކު އިމާރާތްތައް ނުވެއްޓުނު ނަމަވެސް އަރިއަ ޅާލައިފައި ހުރި އިމާރާތްތަކާއި ރެނދުލައި ދެންމެ ދެންމެ ވެއްޓިދާނެ ފަދަ ހާލަތެއްގައި ހުރި އިމާތްތައް ގިނައެވެ.

ތުރުކީ އާއި ސީރިއާއަށް އެހީވުމަށް ދުނިޔޭގެ 100 އެތައް ގައުމަކުން މަސައްކަތް ކުރަމުންދާ އިރު ރާއްޖޭގައި ވެސް މިއަދު ވަނީ ފުޅާ ދާއިރާއެއްގައި ފަންޑު ހޯދުމުގެ ކެމްޕެއިނެއް ފަށާފައެވެ. ހުކުރުން ފޭބި ވަގުތު މިސްކިތްތަކުގައި ބަހައްޓާފައި ހުރި ފަންޑު ފޮށިތަކަށް ގިނަ ބަޔަކު ވަނީ ފައިސާ ލާފައެވެ.