ވިޔަފާރީގެ ދާއިރާއާއި ފަތުރުވެރިކަމާއި ތައުލީމާއި އިންވެސްޓްމަންޓާއި މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން ޕާކިސްތާނުން ރާއްޖެއާ އެކު އޮތް ގުޅުން އިތުރަށް ބަދަހިކުރާނެ ކަމުގެ ޔަގީންކަން ދީފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝަހްބާޒް މިހެން ވިދާޅުވީ އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ ގެ 79 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވަނީ ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އަދި ދެ ގައުމުގެ އިގްތިސާދީ ކުރިއެރުމާއި ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށްޓަކައި ދެ ގައުމުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރައްވާފައިވެއެވެ.

އަދި ދެކުނު އޭޝިއާ ސަރަޙައްދުގެ ސުލްހަ އާއި ހަމަޖެހުމަށްޓަކައި އެ ސަރަހައްދުގެ ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރައްވާފައިވެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ އިތުރުން ރައީސް ވަނީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި ޔޫރަޕިއަން ޔޫނިއަންގެ ރައީސާ އުރުސުލާ ވޮން ޑަ ލަޔަން އާއި ކުވައިތުގެ ވަލީއަހުދު ޝައިޚް ސަބާހް އަލް ޚާލިދު އަލް ހަމަދު އަލް މުބާރަކް އަލް ސަބާހްގެ އިތުރުން ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު، ޕްރިންސް ފައިސަލް ބިން ފަރްހާދް އަލް-ސައޫދާ ވެސް، އދ ގެ 79 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ބައްދަލުކުރައްވައިފައެވެ.