24 އަހަރު ފަހުން ސްރީލަންކާގެ ޕްރައިމް މިނިސްޓަރަކަށް އަންހެނަކު އައްޔަން ކޮށްފިއެވެ.
މި މަގާމަށް އައްޔަން ކޮށްފައި ވަނީ ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ)ގެ ލީޑަރު ހަރިނީ އަމަރަސުރިއްޔާ (54އ) އެވެ. އޭނާ މި މަގާމަށް އައްޔަން ކޮށްފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު ލަންކާގެ އިންތިހާބު ކާމިޔާބު ކުރެއްވި އެ ގައުމުގެ މިހާރުގެ ރައީސް އަނައުރާ ކުމަރާ ޑިސަނަޔަކެ އެވެ.
ސްރީލަންކާގެ ޕްރައިމް މިނިސްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑިނޭޝް ގުނަވަރްދަނާ އިންތިހާބާ ދިމާކޮށް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ސްރީލަންކާގެ ޕްރައިމް މިނިސްޓަރަކަށް ހަރިނީ އައްޔަން ކުރި އިރު އެ ގައުމުގައި އަންހެނަކު އެންމެ ފަހުން ޕްރައިމް މިނިސްޓަރުގެ މަގާމު އަދާކޮށްފައި ވަނީ 2000 ވަނަ އަހަރުއެވެ. މި މަގާމަށް އަންހެނަކު އައްޔަން ކުރުމާއެކު، މިއީ ލަންކާގެ ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރި ކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، މުސްތަގުބަލުގައި އަންހެން ލީޑަރުން އެ ގައުމުގައި އިތުރުވުމަށް ލިބުނު ބާރެއްގެ ގޮތުގައި އެ ގައުމުގެ ނޫސްތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ.
ހަރިނީގެ އިތުރުން ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ)ގެ ޕާލިމަންޓު މެމްބަރުން ކަމަށްވާ ވިޖިތާ ހެރެތް އަދި ލަކްސްމޭން ނިޕުނަރައްޗީ ވަނީ ކެބިނެޓް މިނިސްޓަރުންނަށް ރައީސް ޑިސަނަޔަކެ އައްޔަން ކުރައްވާފައެވެ.
މި މަހުގެ 21 ވަނަ ދުވަހު ލަންކާގެ ރައީސަކު ހޮވުމަށް ބޭއްވި އިންތިހާބަކީ ލަންކާ ބޭންކްރަޕްޓް ވި ފަހުން ހަމައަކަށް އެޅެމުން އަންނަ މި ދަނޑިވަޅުގައި ބޭއްވި ފުރަތަމަ އާންމު އިންތިހާބެވެ. ޑިސަނަޔަކެ އިންތިހާބަށް ނިކުމެވަޑައިގަތީ އޭނާ ނިސްބަތްވާ މާޒިސްޓް ޖަނަތާ ވިމުކްތީ ޕެރެމުނާ (ޖޭވީޕީ) ގެ ފަރާތުން ނެޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) އާ ކޯލިޝަން ހައްދަވައިގެންނެވެ.
އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ޑިސަނަޔަކޭ ގެންގުޅުއްވި ވަރުގަދަ ސިޔާސަތުތަކާ މެނިފެސްޓޯގެ ސަބަބުން އޭނާ އަށް ބޮޑު ތާއިދެއް ލިބިގެން ދިޔައިރު އޭނާ ވަނީވެރިކަން ލިބިވަޑައިގެންފި ނަމަ ލަސްވެގެން 45 ދުވަހުގެ ތެރޭގައި މިހާރު އޮތް ގާނޫނު ހަދާ މަޖިލީސް އުވާލައްވާނެ ކަމަށް ވިދާޅުވެފައެވެ.