ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމަށް ދިން މުއްދަތު ހަމަވާން ބާކީ ދެ ދުވަހަށް ވެއްޖެއެވެ.

ޔޫތް މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެވޯޑަށް ނަން ހުށަހެޅުމަށް ފުރަތަމަ ހުޅުވާލާފައި ވަނީ މިދިޔަ ޖޫން މަހުއެވެ. ޖުލައި މަހުގެ 12 ވަނަ ދުވަހު އެވޯޑް ހަފްލާ ބޭއްވުމަށް ފުރަތަމަ ނިންމި ނަމަވެސް އެ ތާރީހު ވަނީ އަންނަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހަށް ފަސްކޮށްފައެވެ. އެއާއެކު އަލުން އެ އެވޯޑަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ތަފާތު 17 ދާއިރާއަކުން އިނާމު ދިނުމަށް ކަނޑައަޅާފައިވާ އެވޯޑަށް ކުރިމަތި ލުމުގެ ފަރުސަތު މި މަހުގެ 19 ވަނަ ދުވަހަށް ހުޅުވާލާފައިވީ ނަމަވެސް އެ ތާރީހު ވަނީ މި މަހުގެ 26 ވަނަ ދުވަހަށް އަނެއްކާވެސް އިތުރު ކޮށްފައެވެ.

ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ކުރިން އެޕްލިކޭޝަން ފުރިހަމަކުރުމަށްފަހު ހުށަހަޅާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެޕްލިކޭޝަން ހުށަހަޅާނީ ގޫގުލް ލިންކް ނުވަތަ މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލްސެންޓާ) އިންނެވެ. އަދި އީމެއިލްގެ ([email protected]) ޒަރިއްޔާއިން ފޮނުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ވަނީ އެ މިނިސްޓްރީން ހުޅުވާލާފައެވެ.

އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް:

  • ވިޔަފާރި އާއި އިގްތިސާދު
  • އާޓްސް އެންޑް ކަލްޗާ - ފަންނުވެރިކަމާއި ސަގާފަތް ދިރުވުން
  • މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން
  • ދަރުމަވެރިކަން
  • ވޮކޭޝަނަލް ޓްރެއިނިން - ދަސްކޮށްދިނުން
  • ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
  • ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުން
  • މަސްވެރިކަމުގެ ދާއިރާ
  • ދަނޑުވެރިކަމުގެ ދާއިރާ
  • މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުން
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުން
  • ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
  • ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
  • ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުން
  • ކުޅިވަރުގެ ދާއިރާއިން - ކުޅިވަރުގެ ދާއިރާއިން އާދަޔާއި ހިލާފު ހުނަރެއް ދައްކާފައިވާ ފަރާތްތައް
  • ފަންނިއްޔާތުގެ ދާއިރާ
  • ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ

ޔޫތު މިނިސްޓްރީން ބުނީ ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެއް ކަމަށެވެ. އަދި މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އިނާމެއް ކަމަށެވެ.