ހެލްތު މިނިސްޓްރީގެ އެންގުމާ އެއްގޮތަށް ފުލުހުން ގޮސް 'ފަޒީސް ހިޖާމާ ތެރަޕީ ކްލިނިކް' ބަންދުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގެ ހުއްދަ ނުހޯދާ ހިޖާމާ ޖެހުމުގެ ހިދުމަތް ދެމުން ދާތީ ފަޒީ ކްލިނިކް ބަންދުކުރުމަށް އެ މިނިސްޓްރީން ފުލުހުން ގާތު އެދިފައިވާކަން ފުލުހުން ހާމަކުރީ މިދިޔަ އާދީއްތަ ދުވަހުގައެވެ.
މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން މިއަދު ބުނީ:
- ކްލިނިކްގެ ވެރިފަރާތް ކަމަށްވާ ފަޒީލާ އުސްމާން ގާނޫނުގެ ދަށުން ހޯދަންޖެހޭ ހުއްދަތައް ހޯދައިގެން ހިޖާމާގެ ފަރުވާ ދިނުމަށް އަންގާފައިވާނެ ކަމަށް
- އަދި ހުއްދަ ލިބެންދެން ހިދުމަތްތައް ހުއްޓާލަން ލިއުމުން އަންގާފައިވާނެ ކަމަށް
ފުލުހުން ބުނީ މި މައްސަލައިގައި ފުލުހުން ހިންގާ ތަހްގީގަށް ފަޒީލާ އެއްބާރުލުން ދެމުންދާ ކަމަށެވެ.
2022 ވަނަ އަހަރު ވެސް ހެލްތު މިނިސްޓްރީން ވަނީ، ހުއްދަ ނުނަގާ ހިދުމަތް ދެމުންދާތީ ފަޒީގެ ކްލިނިކް ބަންދުކުރުމަށް އަންގައިފައެވެ.
ރަޖިސްޓްރީނުކޮށް ސިއްހީ ހިދުމަތް ދިނުމާ ގުޅޭގޮތުން މި މަހުގެ 11 ވަނަ ދުވަހު ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން، އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ދޭން ވާނީ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ސިއްހީ ހިދުމަތްދޭ ތަންތަން ހިންގުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސިއްހީ އެ ތަނެއް ރަޖިސްޓްރީކުރުމަށް ފަހު ކަމަށެވެ.
އެ ގަވާއިދާ ހިލާފަށް ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީނުކޮށް، ދިވެހި ބޭހާއި ހިޖާމާގެ ހިދުމަތް ދެމުންދާކަން މިނިސްޓްރީ އަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
އަދި ރަޖިސްޓްރީނުކޮށް، ލައިސަންސް ނެތި އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ދިނުމަކީ ކުށެއް ކަމަށާއި އެފަދަ ފަރާތްތަކާމެދު ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.