ކުޑަކުއްޖަކާ ބެހުނު މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ދަންޖެހިގެން މަރުވެއްޖެއެވެ.

ކަރެކްޝަނުން ބުނީ، އަބްދުލްޣަނީ އިސްމާއީލް، ގ. އެއްތެޔޮމާގެ / ކ. މާލެ (62އ)، މާފުށީ ޖަލުގައި ހުރި އޭނާގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުނީ މިއަދު ހެނދުނު 5:27 ހާއިރު ކަމަށެވެ.

މާފުށީގެ ހޮސްޕިޓަލަށް އަބްދުލްޣަނީ ގެންދިޔަ ކަމަށާއި، ގެންދިޔަތާ ބައިގަޑިއިރު ފަހުން އޭނާ މަރުވެފައިވާ ކަމަށް، ޑޮކްޓަރާ ހަވާލާދީ ކަރެކްޝަނުން ބުންޏެވެ.

އަބްދުލްޣަނީ މަރުވުމާ ގުޅިގެން އޭނާގެ އާއިލާއަށާއި ކަރެކްޝަންސްގެ އިންސްޕެކްޓަރަށާއި ކަމާބެހޭ ފަރާތްތަކަށް އެކަން އަންގައި، އެ ހިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑަޑުން ތަހްގީގު ކުރަމުންދާ ކަމަށް ވެސް، ކަރެކްޝަނުން ބުންޏެވެ.