ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޗައިނާއިން ދެމުންދާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާ ކުރައްވައިފިއެވެ.
ރައީސް ޝުކުރު އަދާ ކުރައްވާފައި ވަނީ ޗައިނާ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ (ސީޕީސީ)ގެ މެންބަރު އަދި ޗައިނާގެ ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓާ ވަންގް ޔީއާ މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. ރައީސް ވަންގް ޔީއާ ބައްދަލު ކުރައްވާފައި ވަނީ އދ.ގެ 79 ވަނަ އާންމު މަޖިލީހުގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖެއިން ޗައިނާއާއި އެކު އޮންނަ ގުޅުމަށް ދޭ އަހަންމިއްޔަތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ އެއްބަސްވުންތަކާއި މަޝްރޫއުތަކާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޗައިނާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ރައީސް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
މި މަޝްވަރާތަކާ ގުޅިގެން ވަންގް ޔީ ވަނީ ޗައިނާއިން ރާއްޖެއަށް އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރެވޭ މަސައްކަތްތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުން ދިނުމުގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުން ވެސް އަލިއަޅުއްވާލާ ވާހަކަ ދައްކަވާފައި ވެއެވެ.
ދާދިފަހުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ޗައިނާގެ އެންމެ މަޝްހޫރު އެއް އޮންލައިން ޓްރެވަލް ޕްލެޓްފޯމް ކަމަށްވާ ފްލިގީއާ އެކީ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ވަނީ ސޮއިވެސް ކޮށްފައެވެ.
މިއީ ޗައިނާ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ޑެސްޓިނޭޝަން ޕްރެޒެންސް ވަރުގަދަކުރުމަށް ގޮތުން ސޮއިކުރި އެއްބަސްވުމެކެވެ. ފްލިގީ އާއި އެމްއެމްޕީއާރުސީއާ ދެމެދު ސޮއިކުރި މި މުހިންމު އެއްބަސްވުމުގެ ސަބަބުން ޗައިނާގެ މާކެޓުގައި ރާއްޖެ އަކީ އެންމެ މަޝްހޫރު މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް ދެމެހެއްޓުމަށް މަގުފަހިވާނެއެވެ.
ފްލިގީ އަކީ ޗައިނާގެ އެންމެ މަޝްހޫރު އޮންލައިން ޓްރެވަލް ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. ރާއްޖޭގެ ޓޫރިޒަމްގެ އެކި ޕްރޮޑަކްޓްތައް އިޝްތިހާރު ކުރުމުގެ އިތުރުން، ޗުއްޓީ ހޭދަކުރަން ހިތްގައިމު ގުދުރަތީ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކޮށް، މުހިއްމު މާކެޓެއްގެ ގޮތުގައި ރާއްޖޭގެ މާކެޓް ޕޮޒިޝަން ދެމެހެއްޓުމަށް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވެގެން ދާނެއެވެ.