ސައިކަލެއްގެ ޕޮކެޓުގައި ބޭއްވިގެން ގެއްލުނު އަގު ބޮޑު ފޯނެއް ހޯދައި ވެރިފަރާތާ ހަވާލު ކޮށްފިއެވެ.

ފުލުހުން ބުނީ، ދީދީ ގޯޅީގައި ޕާކްކުރި ސައިކަލެއްގެ ޕޮކެޓުގައި ހަނދާންނެތިގެން ބޭއްވުނު އަގު ބޮޑު ފޯނެއް ގެއްލިގެން އިއްޔެ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަަމަށެވެ. މިއީ 32000 ރުފިޔާގެ އަގުބޮޑު ފޯނެއް ކަމަށާއި މި ފޯނު ހޯދުމަށް ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖްތައް ބަލައިފައި ކަަމަށް ވެސް ފުލުހުން ބުނެއެވެ.

ބެލި ސީސީޓީވީ ފުޓޭޖްތަކުން އެ ފޯނު ނެގި މީހާ ދެނެގަނެ ގަލޮޅު ޕޮލިހުގެ ފުލުހުން ކުރި މަސައްކަތުން އެ ފޯނު ވަނީ ހޯދާފައި ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ފޯނު ވަނީ ފޯނުގެ ވެރިފަރާތާ ހަވާލު ކޮށްފައެވެ.

ދާދި ފަހުން ވެސް މީހެއްގެ ޖީބުން ވެއްޓުނު ގިނަ އަދަދެއްގެ ފައްިސާ ވެސް ފުލުހުން ވަނީ ހޯދައި ވެރި ފަރާތާ ހަވާލު ކޮށްފައެވެ. މިއީ މި މަހުގެ 9 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައެކެވެ.

މީހެއްގެ ޖީބުން އެދުވަހު ވަނީ 17000 ރުފިޔާ މަގުމައްޗަށް ވެއްޓި ގެއްލިފައެވެ. މި ފައިސާ ވެސް ހޯދާފައި ވަނީ ސީސީޓީވީ ފުޓޭޖްތައް ބަލައިގެން ގަލޮޅު ޕޮލިހުގެ ފުލުހުން ކުރި މަސައްކަތުން ކަން ފަހާގަ ކުރެވެއެވެ.